މެސީ އާއި ނޭމާ ނުލައި ވެސް ޕީއެސްޖީން ފުރިހަމަ މޮޅެއް ހޯދައިފި

ލިއޮނަލް މެސީ އާއި ނޭމާ ޓީމުގައި ނުހިމަނައި ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ބްރެސްޓާ ވާދަކުރި މެޗުން 4-2 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އެންޑަ ހެރޭރާ އާއި 36 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ބޮލުން ޖެހި ލަނޑުތަކާ އެކު ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެސްޓުގެ ފްރޭންކް ހޮނޮރަޓްގެ ގޯލުން ފަރަގު ވަނީ ކުޑަވެފަ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ އިދްރިސާ ގޭ އެވެ. ހެރޭރާގެ އެހީތެރިކަމާ އެކު ކުރީގެ އެވަޓަން މިޑްފީލްޑަރު ޖެހި މި ލަނޑަށް ފަހު 85 ވަނަ މިނެޓުގައި ބްރެސްޓުގެ ސްޓީވް މޫނީ ވަނީ ލަނޑެއް ޖަހައި އެޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. އެއް ގޯލުގެ ލީޑެއްގައި އޮތް ޕީއެސްޖީގެ ފަހު ލަނޑު 90 ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ އެންހަލް ޑި މާރިއާ އެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު ފަރިތަކުރުންތަކުގައި ލަހުން ބައިވެރިވި ނޭމާ އަދި މި ސީޒަނުގައި ކުޅެފައެއްނުވެ އެވެ. އަނެއްކޮޅުން ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި މެސީ ހުރީ ޕީއެސްޖީގެ ޖާޒީގައި ފުރަތަމަ މެޗު ކުޅުމުގެ އިންތިޒާރުގަ އެވެ. ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މެސީއާ ގުޅޭގޮތުން އެންމެ ފުރަތަމަ ބުނީ އަވަސް އަރުވާލައިގެން މެސީ މެޗުތަކަށް ނުނެރޭނެ ކަމަށެވެ. މެސީ މިހާރު ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ އިރު ލީގުގައި ދެން ކުޅޭ މެޗުގައި މެސީ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ޕީއެސްޖީ އަށް އަލަށް ގެނައި ކުޅުންތެރިންތަކުގެ ތެރެއިން ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޖިއަންލުއިޖީ ޑޮންނަރުއްމާ ރޭ އިނީ ޕީއެސްޖީގެ ބެންޗުގަ އެވެ. ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް އަށް އަނިޔާވެފައިވާއިރު އޭނާ އަށް ކުޅެވޭނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ.
މޮޅާ އެކު ޕީއެސްޖީ ވަނީ ފުރަތަމަ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނަ އާއި ތިން ވަނައިގައި އޮތީ ދެ މެޗުން މޮޅުވި އޭންގާސް އާއި ކްލޭމޮންޓެވެ. މި ދެޓީމުގެ މެޗުތައް އޮންނާނީ މާދަމާ އެވެ.
Advertisement


Leave a Reply