އެމެރިކާގެ މިލިޓަރީ ފްލައިޓަކުން ވެއްޓި އަފްގާނިސްތާނުގެ ފުޓްބޯޅަ ކުޅުންތެރިއަކު މަރުވެއްޖެ

Advertisement

އެމެރިކާގެ މިލިޓަރީ ފްލައިޓަކުން ވެއްޓި އަފްގާނިސްތާނުގެ ފުޓްބޯޅަ ކުޅުންތެރިއަކު މަރުވެއްޖެ

ޢަލީ ޝަހީމް
ފްލައިޓްގައި އެލިގަނެގެން އޮއްވައި ވެއްޓި މަރުވި އަންވަރީ. އޭނާ ވަނީ އަފްގާނިސްތާނުގެ ޒުވާން ގައުމީ ޓީމަށް ކުޅެފައި

ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވުމުން އެމެރިކާގެ މިލިޓަރީ ފްލައިޓެއްގައި އެ ގައުމު ދޫކޮށް ދާންއުޅެނިކޮށް ފްލައިޓުން ވެއްޓި މަރުވި މީހުންގެ ތެރޭގައި އަފްގާނިސްތާނުގެ ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއަކު ހިމެނޭކަމަށް އެގައުމުން ބުނެފި އެވެ.

މަރުވީ އަފްގާނިސްތާނުގެ ޒުވާން ގައުމީ ޓީމަށް ކުޅުނު އުމުރުން 19 އަހަރުގެ ޒަކީ އަންވާރީ އެވެ. މި މަހުގެ 16 ވަނަ ދުވަހު އެމެރިކާގެ މިލިޓަރީ ފްލައިޓް ކާބުލްގެ އެއާޕޯޓަށް ޖެއްސުމުން އަފްގާނިސްތާނުގެ ގިނަ ބަޔަކު ވަނީ އެ ބޯޓު ކައިރިއަށް އެއްވެ އެ ފްލައިޓްގައި ދަތުރުކުރަން މަސައްކަތްކޮށްފަ އެވެ. ފްލައިޓް ރަންވޭ އިން ނައްޓާލަން އުޅުނު ވަގުތު ބޯޓުގެ ތިން ފުރޮޅުލީ ހައިޑްރޯލިކް މުޑީގައި އެތައް ބަޔަކު އެލިގަނެގެން ތިއްބެވެ. އަދި ބޯޓު ނައްޓާލި ވަގުތު އެތަނުގައި އިށީނދެގެން އެއްބަޔަކު ތިއްބެވެ. އެކަމަކު ބޯޓު މައްޗަށް އެރިތާ އިރުކޮޅެއް ތެރޭ ފްލައިޓްގެ ބޭރުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ދެ މީހަކު ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެ އެވެ. ބޯޓުން ވެއްޓި މަރުވި ދެމީހުންގެ ތެރެއިން އެކަކަކީ އަންވާރީކަން އަފްގާނިސްތާނުގެ ޑައިރެކްޓޮރޭޓް އޮފް ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސް އިން ވަނީ ޔަގީންކޮށްދީފަ އެވެ.

އެމެރިކާގެ ސީ-17 މަރުކާގެ އަސްކަރީ ބޯޓު ދަތުރުކުރީ އަފްގާނިސްތާނުގެ ކާބުލް އިން ގަތަރަށެވެ. އެމެރިކާގެ އެއާފޯސް އިން މައުލޫމާތު ދީފައިވާގޮތުގައި ބޯޓު ގަތަރުގެ އެއާޕޯޓުގައި ޖެއްސިއިރު ލޭންޑިން ގިޔަރުގައި އެލިގަނެގެން ތިބި މީހުން ހެޔޮ ހާލުގައި ތިއްބައި ވަނީ ފެނިފަ އެވެ. ބޯޓު ނައްޓާލިތާ ދެ މިނެޓެއްތެރޭ އަންވާރީ ވެއްޓުނުކަމަށް ބެލެވެނީ ފުރޮޅުގައި އެލިގަނެގެން އޮތް ވަގުތު ފުރޮޅު މައްޗަށް ނެގުމުން ކަމަށް ބެލެވެ އެވެ.

Zaki Anwari: Afghan footballer falls to death from US plane in Kabul - BBC  News

ފްލައިޓުން ވެއްޓި މަރުވި އަންވާރީ. – ފޮޓޯ: އަފްގާން ސްޕޯޓްސް ސޮސައިޓީ

އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފޭބުމުން ކުޑަ ދުވަސްކޮޅެއްތެރޭ ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި، މިދިޔަ ހޯމަ ދުވަހު އެގައުމާ ހަވާލުވެފަ އެވެ. ތާލިބާނުންގެ ވެރިކަން އަފްގާނިސްތާނުގައި އަލުން ފެށުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ އަފްގާނިސްތާން ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުންނެވެ. އެހެންވެ މިދިޔަ ދުވަސްތަކުގައި ކާބުލްގެ އެއާޕޯޓަށް ޖައްސާ ކޮންމެ ފްލައިޓެއް ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވެ އެވެ. އަފްގާނިސްތާނާ ހަވާލުވުމަށް ފަހު ތާލިބާނުން ބުނީ މީގެ ކުރިން އެގައުމުގައި އޮތް ބިރުވެރިކަން މިފަހަރު ނޯންނާނެ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *