މެސީ ޕީއެސްޖީގައި ކުޅޭތަން ބަލަން ކުރާ އިންތިޒާރު އަނެއްކާވެސް ދިގުވަނީ
ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި މެސީ އެ ކްލަބްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ކުޅޭތަން ބަލަން ކުރަމުން އަންނަ އިންތިޒާރު އަނެއްކާ ވެސް ދިގުވެދާނެކަމުގެ އިޝާރާތެއް ޕީއެސްޖީން ދީފި އެވެ..
ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ސޮއިކުރުމަށް ފަހު 34 އަހަރުގެ މެސީ މިހާރު އަންނަނީ އެޓީމުގެ ފުލް ޓްރެއިނިންތައް ކުރިއަށް ގެންދަމުންނެވެ. ފްރެންޗް ލީގުގައި ޕީއެސްޖީން މިރޭ ރަށުން ބޭރުގައި ބްރެސްޓާ ދެކޮޅަށް ނުކުންނައިރު އެ މެޗުގައި ވެސް މެސީ ކުޅުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ސްކޮޑް ފައިނަލް ނުކުރާ ކަމަށާއި މެސީ ކުޅުމާމެދު ގޮތެއް ނިންމާނީ ބައެއް ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
“މެޗުގައި ކުޅޭނެ ސްކޮޑް އަދި ނުނިންމަން. އެސެސް ކުރުމަށް ފަހު މެސީ ސްކޮޑުގައި ހިމެނުމާ މެދު ގޮތެއް ނިންމާނަން. ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ޕޮޒިޓިވްކޮށް. ޓީމުގައި ރަނގަޅު މާހައުލެއް އޮވެފައި މެސީ ވަނީ ވަރަށް އަވަހަށް މި ޓީމަށް ހޭނިފައި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ލީގުގައި މިރޭ ބްރެސްޓާ ވާދަކުރުމުގެ ކުރިން ޕޮޗެޓީނޯ ބުންޏެވެ.
މިދިޔަ ޖުލައި މަހު އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން މެސީ އަދި ހުރީ ރަސްމީ މެޗެއް ނުކުޅެ އެވެ. މެސީ ޕީއެސްޖީ އަށް ބަދަލުވުމުން ޕޮޗެޓީނޯ ބުނީ އަވަސް އަރުވާލައިގެން މެސީ މެޗުތަކުގައި ބޭނުންނުކުރާނެ ކަމަށެވެ.
ލީގުގައި މި މަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްޓްރާސްބާގް ބަލިކުރި މެޗުގެ ކުރިން ޕީއެސްޖީން ވަނީ އެޓީމަށް އަލަށް ގެނައި ކުޅުންތެރިން ސަޕޯޓަރުންނަށް ދައްކާލާފަ އެވެ. ހިލޭ ޓްރާންސްފާގައި މެސީގެ އިތުރުން އެޓީމަށް ގެނައީ ސާޖިއޯ ރާމޯސް އާއި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ އިތުރުން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. މީގެ އިތުރުން އެޓީމުން ވަނީ އިންޓަ މިލާނަށް ކުޅުނު މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ގަނެފަ އެވެ. މި ކުޅުންތެރިންގެ ތެރެއިން ޕީއެސްޖީ އަށް މެޗުތައް ކުޅެމުން އަންނަނީ ވައިނަލްޑަމް އާއި ހަކީމީ އެވެ. ރާމޯސް އަނިޔާގައި ހުރިއިރު އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ މަހު އެވެ. އެކަމަކު ޑޮންނަރުއްމާ އާއި މެސީ އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ވަރުގަދަ ޓީމަކާ އެކު ޕީއެސްޖީ ހުރިހާ ތައްޓަކަށް އަމާޒު ހިފާފައިވާއިރު މިހާރު އެންމެ ގަދައަށް ދެކެވެނީ އެޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ކްލަބް ދޫކޮށްލަން އުޅޭ ވާހަކަ އެވެ. އެމްބާޕޭ ގެންނަން ކޮންމެ ޓްރާންސްފާ ބާޒާރެއްގައި ޝައުގުވެރިކަން ފާޅުކުރަނީ ރެއާލް މެޑްރިޑުންނެވެ. އެކަމަކު ޕީއެސްޖީގެ ރައީސް އާއި ކޯޗު ޕޮޗެޓީނޯ ތަކުރާރުކޮށް ބުނަމުން އަންނަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ އެ ކްލަބް ދޫކޮށްނުލާނެ ކަމަށެވެ.
“އެމްބާޕޭ އަކީ އަހަރެމެންގެ ކުޅުންތެރިއެއް އަދި އަހަރެން ބޭނުންވަނީ އެމްބާޕޭ މި ސީޒަނުގައި ޕީއެސްޖީގައި ހުންނަން. އެމްބާޕޭގެ ކޮންޓްރެކްޓްގައި އިތުރު އަހަރެއް އެބައޮތް. ކޮންޓްރެކްޓް އާ ނުކުރިޔަސް އެމްބާޕޭ އަކީ އަދިވެސް ޕީއެސްޖީގެ ކުޅުންތެރިއެއް. އެމްބާޕޭ ހުރުމަކީ މި ޓީމަށް ލިބޭ ހިތްހަމަޖެހުމެއް” އެމްބާޕޭ ކްލަބް ދޫކޮށްލަން އުޅޭ ވާހަކައަށް އިޝާރާތް ކުރަމުން ޕޮޗެޓީނޯ ބުންޏެވެ.
ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވި ޕީއެސްޖީ މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ދެ މެޗުން މޮޅުވެ ގޯލުގެ ތަފާތުން އޭންގާސް އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ ކްލެމޮންޓް އެވެ. މިރޭގެ މެޗުގައި މެސީ ނުފެނިއްޖެ ނަމަ މެސީ ފެނުން ގާތީ މި މަހުގެ 30 ވަނަ ދުވަހު ރަށުން ބޭރުގައި ރެއިމްސްއާ ވާދަކުރާ މެޗުގަ އެވެ. ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ބްރެސްޓް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
Advertisement
Leave a Reply