ފަސޭހަކަމާއެކު ކްލަބް 010 ބަލިކޮށް ބުރު ސްޕޯޓްސް ފައިނަލަށް
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗޫނިޓީ (ކްލަބް 010) ބަލިކޮށް ބުރު ސްޕޯޓްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ. ބުރު ސްޕޯޓްސް އިން މިރޭގެ މެޗް ކާމިޔާބުކުރީ 7-1 އިންނެވެ.
ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން ކުޅުނު ބުރު ސްޕޯޓްސް އަށް މިރޭގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ތަޝްމީން (ތައްތި) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ އިތުރުން ރޯމަން ކުޑްޗެންކޯ އާއި ސޮބޮލް އިލިއާ އަދި އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި މުހައްމަދު އަތީފް އެވެ. ތައްތި ވަނީ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ. ކްލަބް 010 ގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކާމިޔާބު ކޮށްދިނީ ގޮޑްފްރޭ ވެސްޓް އޮމޮޑޫ އެވެ.
މިއީ ބުރު ސްޕޯޓްސް ކުލަބު ތިންވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ތިންވަނަ ޑިވިޝަނުގެ އެންމެ ފަހު ދެ މުބާރާޓުގައި ވެސް ބުރު ސްޕޯޓްސް ކެޓީ ސެމީފައިނަލުން ބަލިވެގެންނެވެ.
ސެމީ ފައިނަލުގެ މެޗުތައް މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުކުޅުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ފަހުން އެފްއޭއެމުން މެޗުތައް ފަސްކުރިއެވެ. ސެމީގެ ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ލިޓްލް ޓައުން ސްޕޯޓްސް ކުލަބް (އެލްޓީ ސްޕޯޓްސް ކުލަބް) އަދި ބިސްބުރު ސްޕޯޓްސް ކުލަބެވެ.
Advertisement
Leave a Reply