ލޮކަޓެލީ ލޯނު އުސޫލުން ޔުވެންޓަސް އަށް ބަދަލުވެއްޖެ

Advertisement

ލޮކަޓެލީ ލޯނު އުސޫލުން ޔުވެންޓަސް އަށް ބަދަލުވެއްޖެ

ޢަލީ ޝަހީމް

އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މެނުއަލް ލޮކަޓެލީ ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ސަސުއޮލޯ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ލޮކަޓެލީ ވަނީ އިޓަލީން ޔޫރޯ ޗެމްޕިއަންކަން ހޯދިއިރު މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމުގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަނިޔާގައި ހުރުމުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކުގައި އެތަން ފޫބެއްދީ ލޮކަޓެލީ އެވެ. ފައިނަލް މެޗުގެ ފަހުކޮޅު ލޮކަޓެލީ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މުބާރާތުގައި ކުޅުނު ފަސް މެޗުގައި ލޮކަޓެލީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ލޯނު އުސޫލުން ދެ އަހަރު ދުވަހަށް ބަދަލުވިއިރު ޔުވެންޓަސް އިން ބޭނުންނަމަ 2023 ވަނަ އަހަރު ލޮކަޓެލީ ދާއިމީކޮށް ގަނެވޭގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ލޮކަޓެލީއާ އެކު ދާއިމީ އެއްބަސްވުމަކަށް ދާނަމަ ތިން އަހަރުގެ ދުވަހުގެ މުއްދަތަކަށް ޔުވެންޓަސް އިން 37.5 މިލިއަން ޔޫރޯ (32 މިލިއަން ޕައުންޑް) ދައްކަން ޖެހޭނެ އެވެ.

2016 ވަނަ އަހަރު އޭސީ މިލާނުން ފުޓްބޯޅަ ކެރިއަރު ފެށި ލޮކަޓެލީ 2018 ވަނަ އަހަރު ސަސުއޮލޯ އަށް އެންމެ ފުރަތަމަ ބަދަލުވީ ލޯނު އުސޫލުންނެވެ. ސަސުއޮލޯގައި ލޮކަޓެލީ އެއް ސީޒަން ލޯން އުސޫލުން ހޭދަކުރުމަށް އެޓީމާ އެކު ދާއިމީ އެއްބަސްވުމަކަށް ދިޔައީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.

Opinion: Juventus should soon sign Locatelli – But will they regret the  delay? -Juvefc.com

ޔޫރޯގައި ވިދާލުމުން ލޮކަޓެލީ ހޯދުމުގެ ރޭހުގައި އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު ލޮކަޓެލީ ބޭނުންވީ ޔުވެންޓަސް އަށް ބަދަލުވާށެވެ.

ލޮކަޓެލީއާ އެކު ޔުވެންޓަސްގެ މެދުތެރެ ވަރުގަދަ ކުރިއިރު މިދިޔަ ސީޒަނުގައި އެޓީމަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. އިންޓަ މިލާން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު މިއީ 2012 ގެ ފަހުން ޔުވެންޓަސް އަށް ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗަކަށް ހުރި އަންދްރޭ ޕިރްލޯ ވަކިކޮށް ޔުވެންޓަސް އިން މިހާރު ވަނީ ކުރިން އެޓީމަށް ކޯޗު ކޮށްދިން މަސިމިލިއާނޯ އަލެގްރީ ގެނެސްފަ އެވެ.

އިޓާލިއަން ލީގު ހަފްތާ ބަންދުގައި ފެށުމަށް ހަމަޖެހިފައިވާއިރު ޔުވެންޓަސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ އުދިނޭޒީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *