ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

Advertisement

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ޢަލީ ޝަހީމް

ބޮރޫޝިއާ ޑޯޓްމަންޑް 1-3 އިން ބަލިކޮށް ޖަރުމަނު ސުޕަ ކަޕްގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ހޯދައިފި އެވެ.

މިއީ ބަޔާންގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ހޫލިއަން ނާގަލްސްމަން އަށް ލިބުނު ފުރަތަމަ ތައްޓެވެ. މިދިޔަ އަހަރުތަކުގައި ޖަރުމަނު ލީގުގެ އާރްބީ ލައިޕްޒިގާ އެކު ތައްޓެއް ނުހޯދުނު ނަމަވެސް އެޓީމަށް ބޮޑެތި ކުރިއެރުންތަކެއް ނާގަލްސްމަން ހޯދައިދިނެވެ. ބަޔާން އަށް ބަދަލުވުމަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވުމުން އޭނާ އަށް އޮތީ ޕްރެޝަރުވެފަ އެވެ. އެކަމަކު ސުޕަ ކަޕް ތައްޓާ އެކު ނާގަލްސްމަން ބުނީ ފޯމުގައި ކުރިއަށްދާން އިތުބާރު ލިބޭނެ ކަމަށެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ސަޕޯޓަރުން ވައްދައިގެން ކުޅުނު މެޗުގައި ބަޔާނުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ސާޖް ގްނަބްރީ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީ އެވެ. ފުރަތަމަ ހާފު ބަޔާން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ޑޯޓްމަންޑަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ނުރައްކާތެރި ދެ ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ.

Image

މެޗުގެ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ތޯމަސް މުލާގެ ގޯލުން ބަޔާނުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޖެހީ މާކޯ ރިއުސް އެވެ. ޑޯޓްމަންޑުން ލަނޑެއް ޖެހުމުން ޕްރެޝަރުގައި އޮތް ބަޔާނުން ވަނީ 74 ވަނަ މިނެޓުގައި ލެވަންޑޮސްކީގެ ލަނޑުން ލީޑު ފުޅާކޮށް ޗެމްޕިއަންކަން ޔަގީންކޮށްފަ އެވެ.

ލެވަންޑޮސްކީ އަކީ 2010 އިން 2014 އަށް ޑޯޓްމަންޑަށް ކުޅެ ގިނަ ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. އެކަމަކު ޑޯޓްމަންޑް ދޫކޮށް ބަޔާނަށް ބަދަލުވެ ޕޮލެންޑް ފޯވާޑް މިހާތަނަށް ވަނީ ޑޯޓްމަންޑް ކޮޅަށް 24 ލަނޑު ޖަހައިފަ އެވެ.

މިއީ ބަޔާނުން މިދިޔަ ހަ އަހަރުތެރޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. 2019 ވަނަ އަހަރުގެ ސުޕަ ކަޕް މެޗުގައި އެޓީމު ބަލިވީ ޑޯޓްމަންޑް އަތުންނެވެ. ޖަރުމަނު ސުޕަ ކަޕްގައި ވާދަކުރަނީ ލީގުގެ ޗެމްޕިއަނުންނާއި ޖަރުމަނު ކަޕްގެ ޗެމްޕިއަނުންނެވެ. މިދިޔަ ސީޒަނުގެ ލީގު ބަޔާން ކާމިޔާބުކުރިއިރު ޖަރުމަން ކަޕް ކާމިޔާބުކުރީ ޑޯޓްމަންޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *