މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު މިރޭ 100 ޕަސެންޓް ދޭނެކަން ޔަގީން: ވިޑަކޮވިޗް
މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ކުޅުންތެރިން 100 ޕަސެންޓް ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޓީމުގެ ސާބިއާ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ގަލޮޅު ދަނޑުގަ އެވެ. މާޒިޔާ އާއި ބަޝުންދުރާގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ދެޓީމު ކަމަށްވާ އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ މޯހަން ބަގާން އާއި ބެންގަލޫރު އެވެ. ބެންގަލޫރު ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ކުޅުނު ޕްލޭއޮފް މެޗުގައި 1-0 އިން ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.
މެޗަށް ނުކުންނައިރު މާޒިޔާގެ ކުޅުންތެރިންނަށް ކޯޗާއި ދިވެހިންގެ އުއްމީދު ބޮޑެވެ. ޖާޒީގައި ގައުމީ ދިދަ ޖަހައިގެން މިރޭ މާޒިޔާ ނުކުންނާނީ ދިވެހިން ތަމްސީލުކުރަންކަން އެޓީމުން ވަނީ ބުނެފަ އެވެ. މި ރޫހުގައި ނުކުންނައިރު ކޯޗު ވިޑަކޮވިޗް ވަނީ އެޓީމުގެ ކުޅުންތެރިން މިރޭ 100 ޕަސެންޓް ދޭނެކަމުގެ ޔަގީންކަންދީފަ އެވެ.
“މި މުބާރާތުގައި އަހަރެމެން މި ކުޅޭ މެޗަކީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި އަހަރެމެން ކުޅޭ ވާދަވެރި ފުރަތަމަ މެޗް. އެކަމަކު އަހަރެންނަށް ޔަގީންކަން އެބައޮތް އަހަރެމެންގެ ކުޅުންތެރިން މާދަމާ (މިރޭ) ގެ މެޗްގައި އެ ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ނެރޭނެކަން” ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވެ އެޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
އޭއެފްސީ ކަޕަށް ނުކުތުމުގެ ކުރިން ވާދަވެރި ރަނގަޅު މެޗުތަކެއް މާޒިޔާ އަށް ލިބިފައި ނެތުމުން އެފްއޭއެމުން ވަނީ އެ ކްލަބް ތިން ހަފްތާގެ މުއްދަތަކަށް ސައުދީ އަރަބިއާގައި ތަމްރީނުތައް ފުރިހަކުރުމަށް ފުރުސަތުދީފަ އެވެ. ސައުދީގައި ފުރިހަމަކުރި ކޭމްޕްގައި މާޒިޔާ އިން ވަނީ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ސައުދީގެ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާ ވާދަކޮށް މާޒިޔާ ވަނީ 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގު (ފުރަތަމަ ޑިވިޝަން) ގައި މިދިޔަ އަހަރު ވާދަކުރި އަލް ވަހްދާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ފަހު މެޗުގައި ސައުދީގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޖިއްދާ އެފްސީއާ ކުޅެ 2-2 އިން އެއްވަރުވީ އެވެ.
“އަހަރެމެން ސައޫދީ އަރަބިއާގައި ކުޅުނީ ވަރަށް ވަރުގަދަ ޓީމްތަކާ ދެކޮޅަށް. ބައެއް ޓީމްތަކަކީ މިދިޔަ ސީޒަންގައި ސައޫދީ އަރަބިއާގެ ފުރަތަމަ ޑިވިޝަންގައިވެސް ކުޅެފަ ތިބި ޓީމްތައް. އެ ޓީމްތަކާ ދެކޮޅަށް އަހަރެމެންގެ ކުޅުންތެރިން ރަގަޅު ކުޅުމެއް ދެއްކި. އެކަމަކު އެއީ ހަމައެކަނި ރަހުމަތްތެރިކަމުގެ މެޗްތަކެއް. އޭއެފްސީ ކަޕްގައި އޮންނަ ވާދަވެރިކަން މުޅިން ތަފާތުވާނެ. އޮންނަ ޕްރެޝަރު ވެސް ތަފާތު ވާނެ. ކުޅުންތެރިންނަށް ހިތްވަރު ލިބޭ މިންވަރުވެސް ތަފާތުވާނެ. މި ހުރިހާ ކަމެއްވެސް ތަފާތުވާނެ. އަހަރެން ބުނާނީ އަހަރެމެންނަށް ރަގަޅު ޕްރީ ސީޒަނެއް ހެދިއްޖެއޭ” 2006 ވަނަ އަހަރު ކޯޗިންގެ ތެރެއަށް ވަދެ 2010 ވަނަ އަހަރު ސްޕެއިންގެ ކާޑިޒް އަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
ގަލޮޅު ދަނޑުގައި މެޗުތައް ކުޅޭއިރު މާޒިޔާ އަށް ލިބޭނެ ނުތަނަވަސް ކަމަކީ ސަޕޯޓަރުން ނުލައި މެޗުތައް ކުޅެން ޖެހުމެވެ. އަނެއްކޮޅުން ބަޝުންދުރާ އާއި އިންޑިއާގެ ދެ ޓީމު ވެސް މުބާރާތާ ކުރިމަތިލީ ވަރުގަދަ ޓީމަކާ އެކު އެވެ. މީގެ ކުރިން ހަ ފަހަރު އޭއެފްސީ ކަޕްގައި ވާދަކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނު ނަމަވެސް މާޒިޔާގެ މިފަހަރުގެ އުއްމީދަކީ އެކަން ހާސިލްކުރުމެވެ. ކޯޗު ބުނީ ކޮންމެ ސްޓައިލަކަށް ކުޅެން ވެސް މާޒިޔާ އޮންނަން ޖެހޭނީ ތައްޔާރަށް ކަމަށާއި އެޓީމު އޮތީ ބޭނުންވާ ގޮތަށް މުބާރާތަށް ތައްޔާރުވެގެން ކަމަށެވެ.
“އަހަރެން ގަބޫލުކުރާ ގޮތުގަ އަހަރެމެން ތިބެންޖެހޭނީ ކޮންމެ ސްޓައިލަކަށް ކުޅެންވެސް ތައްޔާރަށް. ޑިފެންސިވް ގޭމެއް ކުޅެންޖެހޭ ހާލަތެއް އައިސްފި ނަމަ އެކަމަށްވެސް ތައްޔާރުވެގެން އަދި އެޓޭކިން ގޭމެއް ކުޅެން ޖެހޭ ހާލަތެއްގައި އެގޮތަށް ކުޅެންވެސް އަހަރެމެން ތިބެންޖެހޭނީ ތައްޔާރަށް. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން މި ތިބީ މުބާރާތަކަށް ތައްޔާރުވާންޖެހޭ ގޮތަށް ތައްޔާރުވެގެން” ވިޑަކޮވިޗް ބުންޏެވެ.
މާޒިޔާ އިން ގަލޮޅު ދަނޑުގައި އެންމެ ފަހުން އޭއެފްސީ ކަޕްގެ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގްގައި ބެންގަލޫރާ ދެކޮޅަށެވެ. އެ މެޗުގައި މާޒިޔާ ވަނީ 1-2 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. އަދި ދެ ލެގުގެ އެގްރިގޭޓުން ބެންގަލޫރު ބަލިކޮށް މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުން ވެސް މާޒިޔާ ޖާގަ ހޯދި އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ އެއް މެޗު ކުޅުނު ފަހުން ކޮވިޑާ ހެދި މުބާރާތް ކެންސަލްކުރީ އެވެ.
ގައުމު ތަމްސީލުކުރަން މާޒިޔާ ނުކުންނައިރު އެޓީމުގައި ތިބި ދިވެހި ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. ކްލަބް ހިންގުމާއި ނަތީޖާތަކަށް ބެލިޔަސް މިހާރު ދިވެހިންގެ އުއްމީދާ އެންމެ ބޮޑަށް ގުޅިފައިވާ ކްލަބަކީ މާޒިޔާ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޯހަން ބަގާން އާއި ބެންގަލޫރު ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4 ޖަހާއިރު އެވެ. މާޒިޔާ އާއި ބަޝުންދުރާގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Advertisement
Leave a Reply