ދިވެހިން ފަހުރުވެރިކޮށްދޭން މާޒިޔާ އިން ސަރަހައްދުގެ ބާރުތަކާ ދެކޮޅަށް

Advertisement

ދިވެހިން ފަހުރުވެރިކޮށްދޭން މާޒިޔާ އިން ސަރަހައްދުގެ ބާރުތަކާ ދެކޮޅަށް

ޢަލީ ޝަހީމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ. އޭއެފްސީ ކަޕްގައި އެޓީމު ނުކުންނާނީ ރާއްޖެ ތަމްސީލުކުރަން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ރާއްޖޭ ތަމްސީލުކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ ބަންގްލދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕް ޑީގެ މެޗުތައް މިއަދު ރާއްޖޭގައި ފަށާއިރު މާޒިޔާ ނުކުންނަނީ ރާއްޖެ ތަމްސީލުކޮށް ގައުމަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދޭން އަޒުމުކަނޑަޅައިގެންނެވެ. މާޒިޔާއާ ވާދަކުރަން ސަރަހައްދުން ނުކުންނާނީ އެންމެ ވަރުގަދަ ޓީމުތަކެވެ. ބަޝުންދުރާ އަކީ މިދިޔަ ދެ ސީޒަނުގައި ބަންގްލަދޭޝްގެ ޗެމްޕިއަނުންނެވެ. އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަކީ އެގައުމުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދި ޓީމެކެވެ. އަބަދުވެސް ވަރުގަދަ ބެންގަލޫރު އެފްސީ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ޕްލޭއޮފްގައި ރާއްޖޭގެ ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.

Advertisement

މުބާރާތުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ބަޝުންދުރާއާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މޯހަން ބަގާންއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ މާޒިޔާ ކުޅޭނީ ބެންގަލޫރު އެފްސީއާ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އެޓީމު ނުކުންނާނީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި ދިވެހި ފުޓްބޯޅަ ދިފާއުކުރަން ކަމަށެވެ.

May be an image of 1 person and standing

މާޒިޔާގެ ކޯޗު ވިޑަކޮވިޗް. މާޒިޔާއާ މެދު އޭނާގެ އުއްމީދު ބޮޑު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ބަޝުންދުރާއާ ދެކޮޅަށް ނުކުންނައިރު ވިޑަކޮވިޗް ބުނީ ގްރޫޕުގައި ޓީމަކަށް އެޑްވާންޓޭޖެއް އޮތް ނަމަ އެޓީމަކީ ބަޝުންދުރާ ކަމަށެވެ.

“އަހަރެންނަށް ހީވާ ގޮތުން ވާދަވެރި މެޗްތަކެއް ކުޅެމުން މި މުބާރާތަށް އައި ހަމައެކަނި ޓީމަކީ ބަޝުންދުރަ. އެމީހުން އެ އަންނަނީ މިހާރުވެސް ލީގު ކުޅެމުން. އެމީހުން އެންމެ ފަހުން މީގެ ހަތް ދުވަސް ކުރިންވެސް އެއައީ ވާދަވެރި މެޗެއް ކުޅެފަ. އެހެންވީމާ އެއްވެސް ބަޔަކަށް އެޑްވާންޓޭޖެއް އޮތްނަމަ އަހަރެން ބުނާނީ އެ އެޑްވާންޓޭޖެއް އޮތީ ބަޝުންދުރާއަށޭ” ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ވިޑަކޮވިޗް ބުންޏެވެ.

އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުރިން ތިން ހަފްތާގެ ރަނގަޅު ތަމްރީނުތަކެއް ސައުދީ އަރަބިއާގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ކޭމްޕްގައި މާޒިޔާ އިން އެކުވެރިކަމުގެ ތިން މެޗު ކުޅުނުއިރު އެއް މެޗުން މޮޅުވެ އަނެއް ދެ މެޗު ވީ އެއްވަރެވެ. ރަނގަޅު ތަމްރީނު ކޭޕްމެއް ފުރިހަމަކުރި ނަމަވެސް ކޯޗުގެ ކަންބޮޑުވުމަކީ ބަޝުންދުރާއާ ހިލާފަށް ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު މިދިޔަ ދުވަސްތަކުގައި މާޒިޔާ އަށް ނުލިބުމެވެ. މާޒިޔާ އިން އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އޭގެފަހުން ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާ އެކު ފުޓްބޯޅަ ސީޒަން ޖެހުނީ ނިންމާލާށެވެ.

“އަހަރެމެންނަށް ޖެހުނީ ލީގު ހުއްޓާލަން. އަހަރެމެން ޕްރީ ސީޒަނެއް ހަދައިފިން. އެކަމަކު އެއީ އަދި ބަޝުންދުރައަށް އޮތް އެޑްވާންޓޭޖާ އެއްގޮތް ކަމެއް ނޫން. އެކަމަކު އަހަރެމެންނަށް މިވަގުތަށް ކުރެވެން ހުރި ހުރިހާ ކަމެއް މި ތިބީ ކޮށްގެން. އަހަރެމެން ރަގަޅަށް ތައްޔާރުވެއްޖައިން. އަހަރެމެން މި ތިބީ މި މުބާރާތުގައި ވާދަކޮށް އަހަރެމެންނަށް ކުރެވުނު އެންމެ ރަގަޅަކަށް މަސައްކަތްކުރަން ތައްޔާރަށް” ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އެންމެ މޮޅު ކްލަބުގެ ކޯޗު ބުންޏެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑިއާގެ ޗެންނާއި ސިޓީއާ ދެކޮޅަށް އެގައުމުގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން. މިދިޔަ އަހަރުގެ މުބާރާތް ޖެހުނީ ކޮވިޑާ ހެދި ކެންސަލްކުރަން

އޭއެފްސީ ކަޕްގެ ތާރީހުގައި ރާއްޖޭގެ ކްލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކުރީ 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރީ ނިއު ރޭޑިއަންޓުންނެވެ. އެ މުބާރާތުގެ ސެމީގައި ބަލިވި ނިއު އިން ވަނީ 2013 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެކަމަކު އޭގެފަހުން ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވޭގޮތެއްނުވެ އެވެ.

މީގެ ކުރިން މާޒިޔާ އިން ވަނީ 2013 އިން 2017 އާއި ހަމައަށް ޖެހިޖެހިގެން ފަސް އަހަރު އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. 2013 އަދި 2015 ވަނަ އަހަރު ގްރޫޕުގެ ދެ ވަނަ ލިބުނުއިރު 2014 އާއި 2016 ވަނަ އަހަރު އެޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. މާޒިޔާ އިން ނަތީޖާތައް އެންމެ ރަނގަޅުކުރީ 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު ބެންގަލޫރާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ހެޑް ޓު ހެޑް އުސޫލުން ދެ ވަނަ ޓީމުގެ ގޮތުގައި ނިންމާލަން ޖެހުމުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުނެވެ.

މިދިޔަ އަހަރު ކޮލިފައިން ޕްލޭއޮފް ބުރުގައި ވަރުގަދަ ބެންގަލޫރު ކަޓުވާލުމަށް ފަހު މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ ޗެންނާއި ސިޓީ އެފްސީއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އޭގެފަހުން ކޮވިޑާ ހެދި މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދެވޭގޮތެއްނުވި އެވެ.

މާޒިޔާ މިރޭ ގައުމު ތަމްސީލުކުރަން ނުކުތުމަކީ ދިވެހި ފުޓްބޯޅަ އަށް ކްލަބް ލެވެލްގައި އަނެއްކާވެސް ލިބޭ އުއްމީދެކެވެ. މިދިޔަ އަހަރުތަކުގައި އެޓީމު ތައްޔާރުވަމުން އައީވެސް ސަރަހައްދީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށް ކާމިޔާބީ ހޯދުމަށެވެ. ދިވެހިންގެ އުއްމީދަކީ މާޒިޔާ އިން އޭއެފްސީ ކަޕްގައި މޮޅު ކުޅުމެއް ދައްކައި ގްރޫޕްގެ އެއް ވަނަ ހޯދުމެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް

18 އޮގަސްޓް 2021

މޯހަން ބަގާން – ބެންގަލޫރު (16:00)

ބަޝުންދުރާ – މާޒިޔާ (21:00)

21 އޮގަސްޓް 2021

ބެންގަލޫރު – ބަޝުންދުރާ (16:00)

މާޒިޔާ – މޯހަން ބަގާން (21:00)

24 އޮގަސްޓް 2021

މޯހަން ބަގާން – ބަޝުންދުރާ (16:00)

މާޒިޔާ – ބެންގަލޫރު (21:00)

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *