ބާސެލޯނާގެ ފުރަތަމަ މެޗުގައި މެސީ ނެތްތަން ބްރެތުވެއިޓް ފޫބައްދައިފި

ޕީއެސްޖީ އަށް ބަދަލުވި ލިއޮނަލް މެސީ ނުލައި ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި 2-4 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފި އެވެ.
16 އަހަރަށް ފަހު މެސީ ނުލައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ތަރިއަކަށްވީ ޑެންމާކްގެ މާޓިން ބްރެތުވެއިޓެވެ. މެޗުގައި ބްރެތުވެއިޓް ވަނީ ދެ ލަނޑު ޖަހައި އިތުރު ލަނޑެއް ޖަހަން މަގުފަހިކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު މެމްފިސް ޑިޕާއި އެހީގައި ޖެހީ ޖެރާޑް ޕީކޭ އެވެ. ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ބްރެއިތުވެއިޓެވެ. ބްރެއިތުވެއިޓް ވެފައިވަނީ ސްޕެނިޝް ލީގުގެ މެޗެއްގައި ދެ ލަނޑު ޖެހި ޑެންމާކްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ބާސެލޯނާ ތިން ގޯލުގެ ލީޑެއްގައި އޮއްވައި މެޗުގެ 82 ވަނަ މިނެޓާއި 85 ވަނަ މިނެޓުގައި ދެ ގޯލު ޖަހައި ސޮސިއެޑާޑުން ވަނީ ބާސެލޯނާ ހާސްކޮށްލައިފަ އެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ހޫލެން ލޮބޭޓޭ އާއި މިކޭލް އޮޔާޒަބަލް އެވެ. ނަތީޖާ 2-3 ގައި އޮއްވައި ބާސެލޯނާގެ ފަހު ގޯލު ބްރެތުވެއިޓުގެ އެހީތެރިކަމާ އެކު އިތުރު ވަގުތުގައި ޖެހީ ސާޖިއޯ ރޮބާޓޯ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރޭގެ މެޗަށް ބާސެލޯނާގެ ދަނޑަށް 22000 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ދަނޑަށް ދިޔައީ މެސީގެ ޖާޒީ ލައިގެންނެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ސަޕޯޓަރުން ވަނީ މެސީ އަށް ތަރުހީބުދީފަ އެވެ. 10 ނަންބަރު ޖާޒީގާއި މެސީ ވަނީ ބާސެލޯނާ އަށް އެތައް ކާމިޔާބީއެއް ހޯދައިދީފަ އެވެ.
ބާސެލޯނާ އިން މެސީ ދޫކޮށްލަން ޖެހުނީ ކްލަބުގެ ކުޅުންތެރިންގެ ޖުމްލަ މުސާރަ ހަމައަކަށް ނޭޅުވުމުންނެވެ. އެއީ ބައެއް ކުޅުންތެރިންގެ މުސާރަ ބޮޑުވުމުން ބާސެލޯނާ އަށް ކުރިމަތިވި ގޮންޖެހުމެކެވެ. މެސީ ދޫކޮށްލި އިރުވެސް އެޓީމަށް އަލަށް ގެނައި ބައެއް ކުޅުންތެރިން ރަސްމީކޮށް ރަޖިސްޓްރީ ނުކުރެވެ އެވެ. އެކަމަކު ބާސެލޯނާގެ ޕީކޭ އޭނާގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑަކުރަން ނިންމުމުން ލަލީގާ ފެށުމުގެ ކުރިން ބާސެލޯނާ އިން ވަނީ ޑިޕާއީގެ އިތުރުން ޑިފެންޑަރު އެރިކް ގާސިއާ އާއި އަލްބޭނިއާ އަށް ނިސްބަތްވާ ރޭއީ މަނާޖް ރަޖިސްޓްރީކޮށްފަ އެވެ. ޕީކޭއެކޭ އެއްގޮތަށް ސީނިއާ ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ބާސެލޯނާ އިން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެތެރޭގައި ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ހިމެނެ އެވެ.
މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ހޯދި އެތުލެޓިކޯ މެޑްރިޑް ރޭ ވަނީ ރަށުން ބޭރުގައި 2-1 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. މެޗުގައި އެތުލެޓިކޯގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ އަންހެލް ކޮރޭއާ އެވެ.
Advertisement


Leave a Reply