ކޭންއާ ނުލާ އުޅެން ޓޮޓެންހަމުން ދަސްކޮށްފި
ޓޮޓެންހަމްގެ އެންމެ އިތުބާރު ފޯވާޑް ހެރީ ކޭން ނުލައި ރޭ އެ ޓީމުން މެންޗެސްޓާ ސިތީއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފި އެވެ. އާ ސީޒަންގައި ދެ ޓީމުންވެސް ކުޅުނު ފުރަތަމަ ލީގު މެޗްގައި ސިޓީގެ މައްޗަށް ޓޮޓެންހަމުން ކުރި ހޯދީ 0-1 އިންނެވެ.
2009 ވަނަ އަހަރުން ފެށިގެން ޓޮޓެންހަމްގެ ސީނިއާ ޓީމަށޤ ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ކޭން ނުލައި ރޭ އެ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އާ ދެކޮޅަށް ނުކުތްއިރު ކޭން ގެންދަން ސިޓީން ޝައުގުވެރިވާކަން އެ ޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި، ޓޮޓެންހަމް ދޫކޮށް ސިޓީއަށް ބަދަލުވާން ކޭން މަސައްކަތްކުރަމުން އަންނަ ކަމުގެ ވާހަކަތައް މީޑިއާގައި ވަނީ ކުރިއްސުރެ ފެތުރެންފަށައިފަ އެވެ. ކަންމިހެން އޮއްވައި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމުން ތަމްރީންތައް ހަދަމުންދިޔައިރު އެ ތަމްރީންތަކުގައި ކޭން ބައިވެރިވާން ހަމަޖެހިފައި އޮތް ތާރީހް ފަހަނައަޅައި ދިޔައިރުވެސް ކޭން ފަރިތަކުރުންތަކެއް ހާޒިރު ނުވުމުން ސިޓީއާ ގުޅުވައިގެން ދެކެވުމުން އައި ވާހަކަތަކުގެ އަޑު ގަދަވި އެވެ.
60 ހާސް ސަޕޯޓަރުންގެ ކުރިމަޔީގައި ރޭ ޓެޓެންހަމާއި ސިޓީ ވާދަކުރި މެޗްގައިވެސް ސިޓީގެ ސަޕޯޓަރުން ވަނީ ކޭންގެ ނަމުން މުހާތަބްކޮށް އެ ކުޅުންތެރިޔާ ބޭނުންވަނީ ނޫ ޖޯޒީ ލާން ކަމަށް ބުން ޓޮޓެންހަމްގެ ސަޕޯޓަރުންނަށް އަޑު އިއްވައިފަ އެވެ. މެޗް ފަށައިގެން ސިޓީން މޮޅަށް ކުޅުނު ވަގުތު މި އަޑު ސިޓީގެ ސަޕޯޓަރުން ގަދަކުރި އެވެ. އެކަމަކު މެޗް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ލިބުނު ހިސާބުން އެމީހުން ކޭންއާ މުހާތަބްކޮށް ސުވާލުކުރަމުން އައީ މެޗްގައި ކަން ހިނގަމުން އަންނަ ގޮތް ބަލަން އިނިންތޯ އެވެ.
އިނގިރޭސި ގައުމީ ޓީމުގެ ވެސް އެންމެ މުހިއްމު ފޯވާޑް އަދި މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓްވެސް ހޯދި ކޭން ވަނީ ޓޮޓެންހަމަށް 242 މެޗް ކުޅެ 166 ގޯލް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ޓޮޓެންހަމުން އެހެން ކްލަބަކަށް ކޭން ބަދަލުވާން ބޭނުންވާ މައިގެނޑު ސަބަބެއް ކަމުގައި ބެލެވެނީ ޓޮޓެންހަމަށް މިފަހުން ތައްޓެއް ހޯދިފައި ނުވުމެވެ.
އާ ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުން ކުޅުނު ފުރަތަމަ ވާދަވެރި މެޗްގައި އެ ޓީމުން ވަނީ އިދިކޮޅުން ވާދަކުރި ސިޓީއަށްވުރެ ރަގަޅަށް ކުޅެފަ އެވެ. މެޗްގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު ފަހު ހާފު ފަށަައިގެން 10 ވަނަ މިނެޓްގެ ތެރޭގައި ކާމިޔާބުކުރީ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހުއިން މިން އެވެ. މި މެޗްގައި ސިޓީގެ ފަރާތުން ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް ޓޮޓެންހަމްގެ ގޯލްކީޕަރު ފްރާންސްގެ ހޫގޯ ލޮރިސް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް އެ ޓީމްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެ އެވެ.
ރޭގެ މެޗްގައި ސިޓީން ރެކޯޑް އަގަކަށް މިފަހަރު ގެނައި އެސްޓަން ވިލާގެ ކުރީގެ ކެޕްޓަން ޖެކް ގްރީލިޝް ވަނީ ކުޅެފަ އެވެ. އެކަމަކު 100 މިލިއަން ޕައުންޑަށް ގެނައި އުމުރުން 25 އަހަރުގެ އިނގިރޭސި ފޯވާޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ރޭގެ މެޗްގައި ފެނިފައެއް ނުވެ އެވެ.
Advertisement
Leave a Reply