އީގަލްސް އާއި ބެންގަލޫރުގެ ބޮޑު މެޗު މިރޭ

Advertisement

އީގަލްސް އާއި ބެންގަލޫރުގެ ބޮޑު މެޗު މިރޭ

ޢަލީ ޝަހީމް
އީގަލްސް ކުޅުންތެރިން މެޗަށް ތައްޔާރުވަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕް ޑީގެ ފަހު ޖާގަ ކަށަވަރުކުރުމަށް ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ މިރޭ ވާދަކުރާނެ އެވެ.

ގަލޮޅު ދަނޑުގައި އީގަލްސް އާއި ބެންގަލޫރު ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު އެވެ. އޭއެފްސީގެ ގައިޑްލައިނާ އެއްގޮތަށް މިރޭގެ މެޗު ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ. މެޗު ވަގުތުން ދުރަށް ދައްކާނީ ޕީއެސްއެމްގެ “ޔެސް ޓީވީ” އިންނެވެ. އަދި އެ ޗެނަލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން މެޗު ލައިވްކޮށް ސްޓްރީމްކުރާނެ އެވެ.

މިއީ އީގަލްސްގެ 32 އަހަރުވީ ދިގު ތާރީހުގައި އެ ކްލަބް ކުޅޭނެ އެންމެ މުހިއްމު މެޗެވެ. ލީގުގެ ދެ ވަނަ ޓީމުގެ ގޮތުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުން ފުރުސަތު ލިބި ފުރަތަމަ ކުޅުނު މެޗުގައި އީގަލްސް އިން ވަނީ 0-2 އިން ބޫޓާންގެ ތިމްޕޫ އެފްސީ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް ވާދަކުރަން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެކަމަކު ބަންގްލަދޭޝްގެ ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާ އެކު އެގައުމުގައި މެޗު ކުޅެން ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން ޑާކާ އަބަހާނީން ނުހިފުމުން އެ މެޗުން އީގަލްސް މޮޅުވީ ކަމަށް އޭއެފްސީން ނިންމީ އެވެ. ކޮލިފައިންގައި މިރޭ އީގަލްސް ނުކުންނަނީ ޕްލޭއޮފްގެ އެއް ލެގުގެ މެޗަށެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖުގައި އީގަލްސް ވާދަކުރަން ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކެރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ އެވެ.

އިންޑިއާގެ މިނިވަން ދުވަހު ބެންގަލޫރު ބަލިކުރަން އީގަލްސް އަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އޭނާގެ ޓީމަށް މިވަގުތު ބޭނުންވަނީ ގައުމީ ޓީމަށް ދިވެހިން ދޭ ސަޕޯޓް ލިބުން ކަމަށެވެ.

“ހޯމް އެޑްވާންޓޭޖެއް އެންމެ ފުރިހަމަކޮށް ލިބޭނީ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން އަދި ރާއްޖޭގެ އެންމެ ނެޝަނަލް ޓީމަށް އެދޭ ސަޕޯޓް ހަގީގަތުގައި މިވަގުތު އީގަލްސް އަށް ލިބިގެން” ދަނޑަށް ނުވަދެވުނަސް ސަޕޯޓަރުންގެ ތަރުހީބަށް އުއްމީދުކުރަމުން ކޯޗު ޝާޒް ބުންޏެވެ.

ބެންގަލޫރު ބަލިކުރަން އީގަލްސް އިން ވަނީ ރާއްޖޭގެ ހަތް ކުޅުންތެރިއަކު ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. އެޓީމަށް އިތުރުކުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް، މާޒިޔާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭ)، އިސްމާއީލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ޝާޒް ބުނީ އާ ކުޅުންތެރިންނާ އެކު އީގަލްސް ވަރުދަގަވުމުގެ އިތުރުން މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ކުރިން ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި އީގަލްސް އާއި ކުޅުންތެރިންގެ ކެރިއަރަށް ބެލިޔަސް މި މެޗުން މޮޅުވުން މުހިއްމުކަން ޝާޒްގެ ވާހަކައިގައި ފާހަގަކުރި އެވެ.

ބެންގަލޫރަކީ ފައިސާގެ ގޮތުން ތަނަވަސް މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމެވެ. އެކަމަކު އެ ހުރިހާ ކަމަކާ އެކު ވެސް މިދިޔަ އަހަރުގެ ޕްލޭއޮފްގެ ދެ ލެގުގެ މެޗުގައި ބެންގަލޫރު ވަނީ ރާއްޖޭގެ މާޒިޔާ އަތުން ބަލިވެފަ އެވެ. ޝާޒް ބުނީ މާލީ ބާރުވެރިކަމާއި ތައްޔާރުވުމުގެ ގޮތުން ވިސްނާއިރު ބެންގަލޫރާ އީގަލްސް ނުބައްދަލު ކަމަށެވެ.

“ފުޓްބޯޅައަކީ ވަރަށް ބޮޑަށް ފައިސާއާ ގުޅިފައި އޮންނަ އެއްޗެއް. ކުޅުންތެރިންނަށް ކުރާ ހަރަދާއި ޓީމު ތައްޔާރުވާން ފައިސާ ހަރަދުކުރާވަރު. އެގޮތަށް ނުބައްދަލު. ބޮޑު ޗެލެންޖެއް މިއީ. ކުޅުންތެރިން ތިބީ އެ ޗެލެންޖަށް ފައިޓެއް ދޭން” މިދިޔަ ފެބްރުއަރީ މަހު އީގަލްސްގެ ކޯޗުކަމާ ހަވާލުވި ޝާޒް ބުންޏެވެ.

މެޗުގެ ކުރިން ބެންގަލޫރުގެ ޖަރުމަނު ކޯޗު މާކޯ ޕެޒޯލީ ވަނީ މިދުވަސްވަރު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ޖެހޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މިދިޔަ ފެބްރުއަރީ މަހު އިންޑިއާގެ ލީގު ނިމުމަށް ފަހު ނޮވެމްބަރު ލީގު ފެށުމާ ދޭތެރޭ ގައުމީ ޓީމުގެ މެޗުތަކެއް ކުޅެން ޖެހޭއިރު މިދުވަސްވަރު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެންޖެހުމެވެ. ޕެޒޯލީ ބުނީ ދަތުރުކޮށްފިނަމަ ކަރަންޓީނުވުން ނުވަތަ ލޮކްޑައުނެއްގައި އުޅެންޖެހޭ ކަމަށާއި، ހުރިހާ އުނދަގުލަކާ އެކު ވެސް ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރާކަމަށެވެ.

ބެންގަލޫރު ޕްލޭއޮފް މެޗަށް ކޮލިފައިވީ ކޮލިފައިންގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް 5-0 އިން ބަލިކޮށްގެންނެވެ. އެ މެޗަށް ފަހު އީގަލްސްއާ ވާދަކުރުމަށް މިދިޔަ މެއި މަހު ވެސް ބެންގަލޫރު ޓީމު ރާއްޖެ އަ އެވެ. އެކަމަކު އެ ކްލަބުގެ ކުޅުންތެރިންތަކެއް ރާއްޖޭގައި އޭރު އަމަލުކުރަމުންދިޔަ ކޮވިޑްގެ އުސޫލުތަކާ ހިލާފުވުމުން މެޗު އޭއެފްސީން މެޗު ކެންސަލްކުރީ އެވެ. މިފަހަރު ބެންގަލޫރުން ރާއްޖެ އައި 29 ކުޅުންތެރިންގެ ސްކޮޑުގައި ކޮވިޑްގެ ޕްރޮޓޮކޯލްއާ ހިލާފު ކުޅުންތެރިން ގެނެސްފައެއްނުވެ އެވެ. އެކަމަކު ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް އިތުރުކުރި 8 ކުޅުންތެރިންގެ ތެރެއިން 7 ކުޅުންތެރިން ބެންގަލޫރު ޓީމާ އެކު ވަނީ ރާއްޖެ އައިސްފަ އެވެ.

ޕެޒޯލީ ބުނީ އެޓީމުގެ ބައެއް ކުޅުންތެރިން މިދިޔަ ފެބްރުއަރީ މަހުގެ ފަހުން ރަސްމީ މެޗެއް ނުކުޅޭ ކަމަށާއި، އެކަމަކު އީގަލްސް އިން މެއި މަހު މެޗެއް (ތިމްޕޫއާ ދެކޮޅަށް) ކުޅެފައިވާ ކަމަށެވެ. އެއީ އީގަލްސް އަށް އޮތް ފަސޭހައެއް ކަމަށް ޕެޒޯލީ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *