ފަސޭހަކަމާ އެކު ޕެލެސް ބަލިކޮށް ޗެލްސީން ފެށުން ރަގަޅުކޮށްފި
އަމިއްލަ ދަނޑުގައި 0-3 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ފެށުން ޗެލްސީން ރަނގަޅުކޮށްފި އެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ މި މެޗާ ކުރިމަތިލީ މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ޔޫއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެވެ. އެޓީމާ މީގެ ދެ ދުވަސް ކުރިން ގުޅުނު ރޮމެލޫ ލުކާކޫ ނުލައި ކުޅުނު މެޗުގައި ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ ކުރީކޮޅު ޗެލްސީގެ ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މާކަސް އަލޮންސޯ އެވެ. އޭރިޔާ ބޭރުން އަލޮންސޯ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިކެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޓްރެވޯ ޗަލޮބާ އެވެ. އިންގްލެންޑަށް އުފަން އުމުރުން 22 އަހަރުގެ ޗަލޮބާ އަކީ ކުރިން ޗެލްސީ އަށް ކުޅުނު ނަތޭނިއަލް ޗަލޮބާގެ ކޮއްކޮ އެވެ. ޗަލޮބާގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ޗެލްސީގެ ސީނިއާ ޓީމުގައި އޭނާ އަށް ލިބުނު ފުރަތަމަ ފުރުސަތުގައި ސުޕަ ކަޕް މެޗުގަ އެވެ. ސުޕަ ކަޕް މެޗަށް ފަހު ޗަލޮބާ އަށް ތައުރީފްކޮށް ކޯޗު ތޯމަސް ޓުކެލް ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ވެސް ޗަލޮބާ އަށް ފުރުސަތުދިނީ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން ބާންލީ ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން ބަލިވާން ދަނިކޮށް އެވަޓަން ވަނީ ފަހަތުން އަރައި ޖެހި ގޯލުތަކުން 1-3 އިން މޮޅުވެފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެވަޓަންގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރިޗާލިސަން އާއި އަބްދުލާއި ޑޮކޯރޭގެ އިތުރުން ޑޮމިނިކް ކެލްވާޓް-ލެވިން އެވެ.
އަމިއްލަ ދަނޑުގައި ލެސްޓާ އިން މިރޭ ވަނީ ވުލްވްސް 0-1 އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ޖެމީ ވާޑީ އެވެ. މިއީ ލީގުގެ ފުރަތަމަ މެޗުގައި ވާޑީ ގޯލު ޖެހި ހަތް ވަނަ ސީޒަނެވެ. ލީގަށް މިފަހަރު އަލަށް ކޮލިފައިވި ވެޓްފޯޑުން މިރޭ ވަނީ އަމިއްލަ ދަނޑުގައި 2-3 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. މެޗުގައި ވެޓްފޯޑުގެ ލަނޑުތައް ޖަހައިދިނީ އިމަނުއެލް ޑެނިސް އާއި އިސްމާއިލާ ސާގެ އިތުރުން ހުއާން ހެނާންޑޭޒް އެވެ. ފަހަތުން އަރައި އެސްޓަން ވިލާ އިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖޯން މެގިން ޖެހިއިރު ލިބުނު ޕެނަލްޓީއަކުން ދެ ވަނަ ލަނޑު ޖެހީ ސައުތެމްޓަނުން އެސްޓަން ވިލާ އަށް ބަދަލުވި ޑެނީ އިންގްސް އެވެ.
ލީގުގައި މިރޭ 9:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ނޯވިޗް ސިޓީ އާއި ލިވަޕޫލެވެ.
Advertisement
Leave a Reply