އާ ސީޒަނާ އެކު ޕްރިމިއާ ލީގުގެ ގަވާއިދަށް ބަދަލުތަކެއް

އާ ސީޒަނާ އެކު ޕްރިމިއާ ލީގުގެ ގަވާއިދަށް ބަދަލުތަކެއް

އައްބާސް

ފުޓްބޯޅައިގެ ތާރީހުގައި ކުޅުމުގެ ގަވާއިދާއި ގުޅިގެން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ގެނުވީ އެންމެ ފަހުން ތައާރަފުކުރެވުނު ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މެޗް އޮފިޝަލުންނަށް އޮންނަ ޕްރެޝަރ ވަރަށްބޮޑަށް ކުޑަކޮށްދިން މި ސިސްޓަމަކީ އެއަށް ތައުރީފާއި ފާޑުކިޔުންވެސް އެކި ފަރާތްތަކުން އަމާޒުވި ސިސްޓަމެކެވެ. އެހެންނަމަވެސް މި ސިސްޓަމަކީ ކުޑަދުވަސްކޮޅަކަށްފަހު އުވިގެންދިޔަ ރަންގޯލާއި ރިހިގޯލާއި އެއްގޮތަށް އުވިގެންދާނޭ ސިސްޓަމެއް ކަމަކަށް ނުބެލެވެ އެވެ. އެހެންނަމަވެސް ކުރިޔަށް ދާވަރަކަށް ސިސްޓަމް އިތުރަށް ތަރައްގީވެ މޮޑިފައި ވަމުންދާނެކަމަށް ބެލެވެ އެވެ. އިނގިރޭސި ޕްރިމިއާ ލީގު ހުކުރު ދުވަހުގެ ރޭ ފެށިގެންދިޔައިރު ލީގުގެ ގަވާއިދަށް އައި ބަދަލުތަކުގެ ތެރެއިން ބައެއް ކަންތައްތައް ގުޅިފައިވަނީ ވެސް ވީއޭއާރާ އެވެ.

ވީއޭއާރު އޮފްސައިޑް

2020/2021 ގެ ސީޒަނަށް ބަލާއިރު ވީއޭއާރުން 32 ގޯލް އޮފްސައިޑްކަމަށް ނިންމި އެވެ. އޭގެތެރޭގައި ވަރަށް ކުޑަކޮށް އޮފްސައިޑް ވެގެންވެސް އެގޮތަށް ނިންމާފައިވެ އެވެ. ހަމަލާދޭ ކުޅުންތެރިޔާ އަނެއްޓީމުގެ ޑިފެންޑަރާއި އެއްހަމައެއްގައި ހުއްޓަސް ނޭފަތުކުރިން ވެސް ނުވަތަ ފައިގެ ބޮޑުވާ އިނގިލިން ވެސް އޮފްސައިޑް ވެދާނެ އެވެ. އެހެންނަމަވެސް ކުރިއަށް 2021/2022 ގެ ސީޒަނުގައި މިއުސޫލު ބަދަލުވެގެންދާނެ އެވެ. އޮފްސައިޑް ބަލާ ޕްރޯސަސް އެއްގޮތްވިޔަސް އެންމެފަހުގެ ނިންމުން ބަދަލުވެގެންދާނެ އެވެ. ނިމިދިޔަ ސީޒަނުގައި ޓީވީތަކުން މެޗް ބަލާއިރު ވީއޭއާރުން އޮފްސައިޑް ކޭސް ބަދަލަމުންދާއިރު ހަމަލާދޭ ކުޅުންތެރިޔާ ހުރި ހިސާބު ދައްކައިދޭ ރަތް ރޮނގާއި ދިފާއުކުރާ ކުޅުންތެރިޔާގެ ނޫ ރޮނގު ދައްކަ އެވެ. މި ދެ ރޮނގުގެ ތެރެއިން ރަތް ރޮނގު ނޫ ރޮނގަށްވުރެ މިލިމީޓަރެއްގެ ބައިކުޅަބައިވެސް ގޯލާއި ކައިރިނަމަ އޮފްސައިޑް ކަމަށް ނިންމަ އެވެ. އެއީ ލައިންސްމަން ދިދަ ނެގިޔަސް ނޫނީ ނުނެގިޔަސްމެ އެވެ. އެހެންނަމަވެސް މިފަހަރުގެ ސީޒަންގައި ރަތް ރޮނގު ނޫ ރޮނގަށްވުރެ ގޯލާއި ގާތްވިޔަސް ދެ ރޮނގު ޖެހި ނުވަތަ އެއް ރޮނގުމައްޗަށް އަނެއް ރޮނގު އަރާފައިވާނަމަ އޮފްސައިޑެއް ނުވާނެ އެވެ.

މިދިޔަ ސީޒަންގައި މިގޮތަށް 19 ގޯލް އޮފްސައިޑްކަމަށް ނިންމާފައިވާއިރު އޭގެތެރޭގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ބްރައިޓަން އާއި ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ޖެހި ދެ ގޯލާއި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އިތުރުވަގުތު އެވަޓަން ކޮޅަށް ޖެހި ގޯލާއި ކްރިސްޓަލް ޕެލަސް ކޮޅަށް ލީޑްސް ޔުނައިޓެޑްގެ ޕެޓްރިކް ބެމްފޯޑް ޖެހި ގޯލާއި ވުލްސް ކޮޅަށް މެންޗެސްޓަރ ސިޓީގެ އައިމެރިކް ލަޕޯޓް ޖެހި ގޯލް ހިމެނެ އެވެ. މި ބަދަލު އަޔަސް މިފަހަރުވެސް ‘މާޖިނަލް’ އޮފްސައިޑް ހަމަފެނުން އެކަށީގެންވެ އެވެ. އެހެންނަމަވެސް މާޖިނަލް އޮފްސައިޑްގައި ވެސް މަދުވެގެން ފަސް ސެންޓިމީޓަރުގެ ގެޕެއް ހުންނާނެ އެވެ. އެއަށްވުރެ ދެ ރޮނގު ގާތް ނަމަ ވިއޭއާރުން ދައްކާނީ ފެހިކުލައިގެ އެއް ރޮނގުގެ ގޮތުގައި އޮންސައިޑްކޮށެވެ. ހަމަ މިއާއެކު އޮފްސައިޑްތޯ ބެލުމުގެ ޕްރޯސަސް މީގެފަހުން ޓީވީ ސްކްރީނުން ނުދައްކާނެ އެވެ. ހަމައެކަނި ފެންނާނީ ފަހުގެ ނިންމުމެވެ. ހަމައެއާއެކު ލައިންސްމަނަށް ކުޅުންތެރިޔާ އޮފްސައިޑްކަން ޔަގީންވާނަމަ ވީހާވެސް އަވަހަކަށް ދިދަ ނެގުމަށް އިރުޝާދު ދެވިފައިވެ އެވެ. މިދިޔަ ސީޒަނުގައި މެޗުބަލަން ތިބޭ ސަޕޯޓަރުންނަށް އޮފްސައިޑްވީކަން ޔަގީންވާއިރު ވެސް ލައިންސްމަން އޮފްސައިޑް ދިދަ ނުނަގާ ގިނަސިކުންތުތަކެއް ވަންދެން ކުޅުން ކުރިޔަށް ގެންދާތަން ފެނެ އެވެ.

ސޮފްޓް ފްރީ ކިކް (ކިރިޔާ ޖެހިލާއިރަށް ދޭ ހިލޭޖެހުމާއި) ޕެނަލްޓީ

ނިމިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި 125 ޕެނަލްޓީ ފެނިގެންދިޔަ އެވެ. މިއީ އޭގެ ކުރީ ސީޒަނާއި އަޅާބަލާއިރު %37.5 ގެ އިތުރުވުމެކެވެ. މީގެތެރޭގައި ދެކުޅުންތެރިން ކިރިޔާ ޖެހިލާއިރަށް ދީފައި ހުރި ޕެނަލްޓީ ބައިވަރެވެ. މިއީ ހަމައެކަނި ޕްރިމިއާ ލީގުގެ ހާލަތެއް ނޫނެވެ. ވީއޭއާރު ބޭނުންކުރާ އެހެން ލީގުތައް ވެސް ހަމައެފަދަ އެވެ. މިސާލަކަށް ލީގު 1 ގައި %50 ޕެނަލްޓީ އިތުރުވެފައިވެ އެވެ. މިފަހަރުގެ ޔޫރޯގައި އެގޮތުން މިފަދަ ޕެނަލްޓީތަކާއި ހިލޭޖެހުންތައް މިދިޔަ ސީޒަނާއި އަޅަބަލާއިރު ވަރަށްބޮޑަށް މަދުކުރެވިފައިވާ ކަމަށް ލީގުގެ އޮފިޝަލުން ގަބޫލުކުރެ އެވެ. އެހެންކަމުން ޕްރިމިއާ ލީގުން ވެސް ބޭނުންވަނީ ޔޫރޯގައި މެޗްތަކުގައި އޮފިޝަލްކަން ކުރެވުނުގޮތަށް މެޗުގެ ތެރެއިން ކުޅުންތެރިންގެ މެދުގައި ހިނގާ ‘ކުދިކުދި’ ކަންތައްތަކުގެ ތެރެއަށް ‘ނުވަދެ’ ގޭމް އޭގެ ގޮތުގައި ކުރިއަށް ދިއުމަށް މަގުފަހިކުރުވުމެވެ. ހާއްސަކޮށް ޕެނަލްޓީ ދިނުމުގައި ފެންނަ މަންޒަރަށް އެކަނި ބެލުމުގެ ބަދަލުގައި އޭގެ ނަތީޖާއަށާއި ކުޅުންތެރިޔާ އެކަންކުރި ސަބަބަށް ވެސް ބެލުމެވެ. މީގެމާނައަކީ ޕެނަލްޓީއެއް ދިނުމުގެ ކުރިން ހަގީގަތުގައި ސާފުކޮށް ދެކުޅުންތެރިން ޖެހުމާއެކު ޑިފެންޑަރުގެ އެ ކޮންޓެކްޓްގެ ސަބަބުން އޭގެ ނަތީޖާއެއް ފެންނަން އޮތުމެވެ. އަދި އެ ކޮންޓެކްޓްގެ ބޭނުންކޮށްގެން ހަމަލާދޭ ކުޅުންތެރިޔާ ޕެނަލްޓީއެއް ނުވަތަ ހިލޭޖެހުމެއް ހޯދަން މަސައްކަތް ކުރިތޯ ވެސް ބަލާނެ އެވެ. އެހެންކަމުން ހަމައެކަނި ކޮންޓެކްޓަށް ބަލާފައި ޕެނަލްޓީއެއް ނުދޭނެ އެވެ. އެ ކޮންޓެކްޓާއި ނުގުޅޭ ފަދައަކުން ކުޅުންތެރިއަކު ވެއްޓުނަސް އަދި ވެއްޓިގަތަސް ޕެނަލްޓީއެއް ނުދޭނެ އެވެ. މީގެ މިސާލަކީ މިދިޔަ ސީޒަނުގައި އެވަޓަން އާއި ދެކޮޅަށް އާސެނަލްގެ ޑެނީ ސެބާޔޯސް ހޯދި ޕެނަލްޓީ އެވެ. އެހެންނަމަވެސް އޭގެ ކުރިން އޮފްސައިޑްވިކަމަށް ބަލާފައި އެޕެނަލްޓީ ކެންސަލް ކުރި އެވެ.

ބޯޅައިގައި އަތްލުން

2020/2021 ގެ ސީޒަނުގައި ހަމަލާދޭ ކުޅުންތެރިންގެ އަތުގައި ޖެހިގެން ގޯލެއް ކަމުގައި ބަލާފައިނުވަނީ އެފަދަ 5 ގޯލެވެ. މިދިޔަ ސީޒަނުގައި ގޯލްޖަހާ ކުޅުންތެރިޔާ ނުވަތަ ގޯލްޖަހަން އެހީތެރިވާ ކުޅުންތެރިޔާގެ އަތުގައި ބޯޅަޖެހިއްޖެނަމަ ފައުލެއްކަމުގައި ބަލަ އެވެ. މިސީޒަނުގައި އަތުގައި ޖެހުމުން ގޯލެއްކަމުގައި ނުބަލާނީ ގޯލްޖަހާ ކުޅުންތެރިޔާގެ އަތުގައި ބޯޅަޖެހި އަދި ހަމަ ލަސްނުވެ އެވަގުތު ގޯލް ޖަހައިފިނަމަ އެވެ. އެހެންނަމަވެސް ކުޅެމުންދާއިރު އާއްމު އުސޫލުގެ މަތިން ކުޅުންތެރިންގެ އަތުގައި ޖެހިއްޖެނަމަ ރެފްރީ ކުޅުން ހުއްޓުވާނެ އެވެ. މީގައި މި ފާހަގަކުރަނީ އެގޮތަށް ދިމާވެގެން ވެސް ރެފްރީ އަޅާނުލާ ދޫކޮށްލައިފި ހާލަތެއްގައި އަތުގައި ޖެހުނުތާ އިރުކޮޅެއްފަހުން ސްކޯ ކޮށްފިނަމަ އެގޯލް ގޯލެއްގެ ގޮތުގައި ބަލާނެ ވާހަކަ އެވެ. މިސާލަކަށް މިދިޔަ ސީޒަނުގައި ފުލަމްގެ ޖޯޝް މާޔާ ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ޖެހި ގޯލް ކެންސަލްވީ ހަމަލާ އުފެއްދުމުގައި ބައިޓީމުގެ މާރިއޯ ލެމީނާގެ އަތުގައި ބޯޅަ ޖެހުނީމަ އެވެ. މިފަހަރު އެފަދަ ހާލަތެއްގައި އެގޯލް ގޯލަކަށް ބަލާނެ އެވެ. އެކަމަކު ލިވަޕޫލް ކޮޅަށް ނިއުކާސަލް ޔުނައިޓެޑްގެ ކަލުމް ވިލްސަން ޖެހި ގޯލް އޭނާގެ އަތުގައި ޖެހުމުން ކެންސަލް ކުރިގޮތަށް މިފަހަރުވެސް ކެންސަލް ވާނެ އެވެ.

އަތުގައި ޖެހުމުން ދޭ ޕެނަލްޓީތައް މަދުކުރުމުގެ ގޮތުންވެސް ބަދަލުތަކެއް ވަނީ ގެނެވިފަ އެވެ. އެހެންކަމުން 2019 ގައި އޮތް ގޮތަށް އަތުގައި ޖެހުމުން މިހާރު ޕެނަލްޓީ ދޭނީ ކުޅުންތެރިޔާގެ އަތުގެ ޕޮޒިޝަނަށް ބަލާފަ އެވެ. އެއީ ބޯޅައިގައި އަތް ޖެހޭއިރު މީހާ ފުޅާވާގޮތަށް އަތް ހަށިގަނޑާއި ފެއަށް ޖެހިފައިވާނަމަ އެވެ. ނުވަތަ ގަސްދުގައި ބޯޅައިގައި އަތްލިކަމަށް ބެލެވޭނަމަ އެވެ.  އަދި ކުރިން ކޮނޑަށް ވުރެ މަތީގައި އޮއްވާ އަތުގައިޖެހުމުން އޮޓޮމެޓިކުން ޕެނަލްޓީ ދޭން އޮންނަ އޮތުން ވަނީ އުވާލެވިފަ އެވެ. އެއީ ކުޅުންތެރިޔާ ފުންމައިގަންނައިރު ގުދުރަތީގޮތުން އަތް އޮންނާނީ އާއްމުކޮށް ކޮނޑަށްވުރެ މަތީގައިކަމަށްވާތީ އެވެ. އެހެންނަމަވެސް ވަކިސަބަބެއް ނެތި އަތް ކޮނޑަށްވުރެ މަތީގައި އޮންނަ ހާލަތުގައި އަތުގައި ޖެހިއްޖެނަމަ ޕެނަލްޓީ އަކަށް އަދިވެސް ވާނެ އެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.