74 އަހަރު ފަހުން އެނބުރި އައި ބްރެންޓްފޯޑް އަތުން އާސެނަލް ބަލިވެއްޖެ

74 އަހަރު ފަހުން އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން މި ސީޒަނަށް ޕްރިމިއާ ލީގު ހުޅުވި މެޗްގައި އާސެނަލް ބަލިވެއްޖެ އެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 0-2 އިންނެވެ.
ރޭގެ މެޗްގައި ބްރެންޓްފޯޑްގެ ފަރާތުން ހުނަރުވެރި މޮޅު އަދި ވަރުގަދަ ކުޅުމެއް ފެނުނު އިރު އާސެނަލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މެޗްގައި ބްރެންޓްފޯޑަށް ލީޑް ނަގައިދިނީ 22 ވަނަ މިނެޓްގައި ސާޖީ ކެނޯސް އެވެ. ބްރެންޓްފޯޑުން އެ ހަމަލާ އުފައްދަން މަސައްކަތްކުރި ވަގުތު ބޯޅަ ބޭރުވި ކަމަށް ބުނެ އާސެނަލް ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަވެސް ޖެއްސި އެވެ. އެކަމަކު ރެފްރީ އެކަމަކާ އަޅައެއް ނުލި އެވެ.
މެޗްގެ ނަތީޖާ އެއްވަރުކުރަން އާސެނަލަށް ރަގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު އިނގިރޭސި މިޑްފީލްޑަރު އެމިލް ސްމިތާއި އައިވަރީ ކޯސްޓްގެ ފޯވާޑް ނިކޮލަސް ޕެޕޭ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ބްރެންޓްފޯޑްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. ބްރެންޓްފޯޑުން މެޗްގައިޖެހި ދެވަނަ ލަނޑު މެޗް ނިމެން 17 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑެވެ.
އާސެނަލް ރޭ ކުޅުނީ އެ ޓީމްގެ އެންމެ މުހިއްމު ދެ ފޯވާޑުން ކަމަށްވާ އެމެރިކް އޮބަމިޔަން އާއި އެލްކްޒެންޑާ ލަކާޒޭ ނުލަ އެވެ. އެ ދެ ކުޅުންތެރިންނަށް ރޭގެ މެޗްގައި ކުޅެވޭގޮތް ނުވީ ބަލިވެ އުޅޭތީ ކަމަށް އެނގިފައިވެ އެވެ.
މެޗް ނިމުމާއެކު ބްރެންޓްފޯޑް ސަޕޯޓަރުން ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައިވާ އިރު ރޭގެ ނަތީޖާއަކީ އާސެނަލްގެ ކޯޗް މިކެލް އާޓެޓާއަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ގެނެސްދޭނެ ނަތީޖާއެއް ކަމަށް ބެލެވެ އެވެ.
Advertisement


Leave a Reply