އިނގިރޭސި ޕްރިމިއާ ލީގުގައި މިފަހަރު ވާގޮތް ބަލާލަން ބޭނުންވާނެ ފަސް ކަމެއް

ފްރެންޗް ލީގު 1 މިފިޔަ ހަފުތާގައި ވަނީ ފެށިފައެވެ. އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލަލީގާގެ އިތުރުން ޖަރުމަނުގެ ބުންޑަސް ލީގާ މިރޭ ފެށޭނެ އެވެ. އިޓާލިއަން ސެރިއޭ ފެށޭނީ އަންނަ ހަފުތާގަ އެވެ. ކޮންމެއަކަސް ޔޫރޯ އާއި ކޮޕާ އެމެރިކާގެ ފޯރި ގަނޑަށްފަހު ކްލަބު ފުޓްބޯޅައިގެ ފޯރި އަނެއްކާވެސް މިއޮތީ އެނބުރި އައިސްފައެވެ.
އާ ސީޒަން ފެށިގެން ދާއިރު ވޭތުވެދިޔަ ސީޒަނާއި އަޅާ ބަލާއިރު ތަފާތު އެތައްކަމެއް ފެނިގެންދާނެއެވެ. އޭގެ އެއްސަބަބަކީ ބައެއް ޓީމުތަކުން ކުޅުންތެރިން ގަނެވިއްކުމުގައި ކޮށްފައިވާ ވިޔަފާރިއެވެ. މިހާ ހިސާބުން ޔޫރަޕްގެ އެންމެ ގަދަ ފަސް ލީގުގެ ތެރެއިން ދިވެހިންގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އިނގިރޭސި ޕްރިމިއާ ލީގުގައި ބެލުންތެރިން މިފަހަރު އިންތިޒާރުކުރާނެ ކަމަށް ބެލެވޭ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ
މެންޗެސްޓާ ޔުނައިޓެޑްގެ ފަހަތް: މިސީޒަނަށް ޔުނައިޓެޑުން ވަނީ އެޓީމުގެ ފަހަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރެއަލް މެޑްރިޑަށް ކުޅުނު ފްރާންސްގެ ތަރި ރަފައެލް ވެރާން ގެނެސްފައެވެ. އެހެންކަމުން ވެރާންއާއި މެގުއާ އަދި ލޫކް ޝޯ އާއި ވެން ބިސާކާއާ އެކު އެޓީމުގެ ފަހަތް ވަރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ގޯލްކީޕަރު ޑެވިޑް ޑެހެޔާ އަށް ވެސް އޭނާގެ އަސްލު ފޯމަށް އެނބުރި އައުމަށް ފަސޭހަވާނެކަމަށް ބެލެވެއެވެ. ޔުނައިޓެޑުން ވަނީ މިދިޔަ އަހަރު ކުރަން އުޅެ ނުވިކަންތައް ކަމުގައިވާ ޖޭޑަން ސަންޗޯ އެޓީމަށް ގެނެސްފައެވެ. އެހެންކަމުން މިސީޒަނަކީ އެލެކްސް ފާގަސަން އަށްފަހު ފުރަތަމަ ފަހަރަށް ލީގު ހޯދުމުގައި މިހާރުގެ ކޯޗް ސޮލްސެއާ ކާމިޔާބު ހޯދާނެ އަހަރުކަމުގައި އެޓީމުގެ ސަޕޯޓަރުން އުއްމީދުކުރެއެވެ.
ވާޖިލް ވެންޑައިކް ގެ އެނބުރި އައުން: 2019/2020 ގައި ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރި އެކަކީ ނެދަލެންޑްސްގެ ތަރި ވާޖިލް ވެންޑައިކެވެ. އެހެންނަމަވެސް މިދިޔަ ސީޒަނުގެ ވަރަށް ކުރީކޮޅު އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޓެކްލްއެއްގެ ސަބަބުން ވެންޑައިކަށް އަނިޔާވެ އޭނާއަށް ސީޒަން ނިމުނެވެ. އޭގެ އަސަރު ލިވަޕޫލުގެ ފަހަތަށް ހަމަ ޔަގީނުންވެސް ކުރިއެވެ. ކޮންމެއަކަސް މިހާރު ވެންޑައިކު ހުރީ އަނިޔާއިން ރަނގަޅުވެ ވާދަވެރި މެޗްތަކަށް ނިކުތުމަށް ތައްޔާރުވެގެންނެވެ. ވެންޑައިކެކޭ އެއްގޮތަށް އަނިޔާވެގެން ސީޒަނުގެ ބޮޑުބައެއް ގެއްލުނު އެޓީމުގެ އަނެއް ޑިފެންޑަރު ޖޯ ގޯމޭޒްވެސް މިހާރު ހުރީ ބޫޓަށް އަރާ ތައްޔާރުވެގެންނެވެ. އެހެންކަމުން ލިވަޕޫލުގެ ސަޕޯޓަރުން މިހާރު ތިބީ މީގެ އެއް ސީޒަން ކުރިން އެޓީމުން ދެއްކި ކުޅުން މިފަހަރު ތަކުރާރުކުރާނޭކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އަނިޔާއިން ރަނގަޅުވިޔަސް އަސްލު ފޯމަށް އައުމަށް މިކުޅުންތެރިންނަށް ވަގުތު ބޭނުންވާނޭކަމީ ޔަގީންކަމެކެވެ.
ޓުޗެލްގެ ހަނީމޫން އަދިވެސް އޮތީ ކުރިއަށްބާ؟ މީގެ ނުވަ އަހަރުކުރިން ޗެލްސީއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗް ރޮބާޓޯ ޑިމަތެއޮ އެ މަގާމުން ވަކިކުރީ އޭގެ އެންމެ ހަމަސް ފަހުންނެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެތަށި ހޯދައިދިން ކޯޗް ތޯމަސް ޓުޗެލް އަށް އޮންނާނީ ވަކިން ކޮން ޔަގީންކަމެއްހެއްޔެވެ؟ ސީޒަން ފެށުމުގެ ގޮތުން ކުޅެވުނު ޔޫއެފާ ސްޕަ ކަޕް މެޗްގައި ޕެނަލްޓީ ޖަހައިގެން ވިއާރެއަލް ބަލިކޮށް ޗެލްސީއަށް މިދިޔަ ބުދަދުވަހުގެ ރޭ ތަށި ހޯދައިދީގެން ޓުޗެލް މިސީޒަން އެފެއްޓީ މިދިޔަ ސީޒަން ނިންމާލި ހިސާބުންނެވެ. ހަމައެއާއެކު ޔުވެންޓަސްގެ މައްޗަށް މިދިޔަ ސީޒަނުގައި ގަދަވެގަތް އިންޓަމިލާންގެ އެންމެ މުހިއްމު ތަނބު ކަމަށްވާ ރޮމެލޫ ލުކާކޫ ބޮޑުއަގުގައި ޗެލްސީއަށް ގެނައުމާއެކު ޓީމުގެ ފޯވާޑް ލައިން މިހާރުއެވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ. ސަޕޯޓަރުންގެ އުއްމީދަކީ ޓުޗެލްގެ ހަނީމޫން އެގޮތަށް ކުރިއަށް ދިއުމެވެ. އެކަމަށްޓަކައި ލުކާކޫއާއެކު ޗެލްސީން ފުރަތަމަ ފަހަރު ކުރި ތަޖުރިބާ ތަކުރާރުވެގެން ނުދިއުންވެސް މުހިއްމެވެ.
މެންޗެސްޓާ ސިޓީ ގެ އަގުބޮޑު ފޯވަޑްލައިން: ސިޓީގެ ވެރިންގެ އަތުގައި ފައިސާ ހުރުމާއެކު ބޮޑުއަގުގައި ކުޅުންތެރިން ހޯދުމަކީ އެމީހުންނަށް މާ އުނދަގޫކަމެއްނޫނެވެ. ތަށި ދިފާއުކުރަން މިސީޒަނުގައި ސިޓީ ނިކުންނައިރު އެޓީމުގެ އެޓޭކިންގ ޑިޕާޓްމަންޓް މިވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އަދި ޓްރާންސްފާ ބަޒާރުގެ ސުންގަޑި ނުޖެހޭތީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަދިވެސް އެމީހުން ހުއްޓައެއްނުލަ އެވެ. ދާދިފަހުން އެމީހުންވަނީ ޕްރިމިއާ ލީގުގެ ރެކޯޑް މުގުރާލުމަށްފަހު އެސްޓަންވިލާގެ ޖެކް ގްރީލިޝް ގެނެސްފައެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާސް ގެ ހެރީ ކޭން ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ކޭން ގެނެވިއްޖެނަމަ ރަހީމް ސްޓާލިން، ޖެކް ގްރީލިޝް، ފިލް ފޮޑެން، ރިޔާދު މާރޭޒް، ފެރަން ޓޯރޭސް އާއެކު ސިޓީގެ ފޯވަޑް ލައިނަކީ އާދަޔާ ހިލާފު ފޯވާޑް ލައިނަކަށް ވެގެންދާނެއެވެ. ދެން އުފެދޭ ސުވާލަކީ މި ޓީމަކީ މިހާތަނަށް ސިޓީއަށް ހޯދިފައިނުވާ ޗެމްޕިއަންސް ލީގު ތަށި ޕެޕް ގާޑިއޯލާއަށް ހޯދައިދޭނެ ޓީމަކަށް ވާނެތޯ އުފެދޭ ސުވާލެވެ. އެކަން ހަމަ އެނގޭނީ މިފެށޭ ސީޒަން ނިމުމުންނެވެ. އެދުވަހަކަށް މަޑުކުރަމާ ހިނގާށެވެ.
އާސެނަލްގެ ޒުވާންޓީމު: އާސެނަލްގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިނގިރޭސި މިޑްފީލްޑަރު ބުކާޔޯ ސަކާގެ އުމުރަކީ 19 އަހަރެވެ. އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެމުން އަންނަ އިނގިރޭސި ވިލާތަށް އުފަން އެމިލް ސްމިތު ރޯ ގެ އިތުރުން ބެލްޖިއަމްގެ މިޑްފީލްޑަރު އަލްބާޓް ލޮކޮންގާ އަދި ޕޯޗްގަލްގެ ޑިފެންޑަރު ނޫނޯ ޓަވަރޭސް އަށް 21 އަހަރެވެ. އެންމެ ފަހުން 50 މިލިއަން ޕައުންޑަށް އާސެނަލަށް ގެނައި އިނގިރޭސި ޑިފެންޑަރު ބެން ވައިޓާއި، ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެއްލީގެ އުމުރު 23 އަހަރުގައި ހުރިއިރު ސްކޮޓްލެންޑްގެ ޑިފެންޑަރު ކިއެރަން ޓިއަރނީ އަށް 24 އެވެ. މި ކުޅުންތެރިންނާއެކު މިކޭލް އާޓެޓާ އަށް މިފަހަރު އާސެނަލް އަށް ދެވޭނީ ކިހާ ހިސާބަކަށްކަން އެނގޭނީ ޓީމު ގޮވައިގެން ދަނޑަށް ނިކުތީމައެވެ.
Advertisement


Leave a Reply