އިންޑިއާގެ މިނިވަން ދުވަހު ބެންގަލޫރު ބަލިކުރަން އީގަލްސް އަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު

Advertisement

އިންޑިއާގެ މިނިވަން ދުވަހު ބެންގަލޫރު ބަލިކުރަން އީގަލްސް އަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު

ޢަލީ ޝަހީމް
ގްރޫޕް ސްޓޭޖުގެ ކޮލިފައިންގެ ފުރަތަމަ ބުރުގައި ބޫޓާނުގެ ތިމްޕޫ ކޮޅަށް ގޯލު ޖެހުމަށް ފަހު އީގަލްސްގެ ނާއިމް އުފާފާޅުކުރަނީ. - ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސް އިން އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނަ މެޗަކީ އަނެއްކާ ވެސް ރާއްޖޭގެ ފުޓްބޯޅައިގައި މުހިއްމު ދުވަހެކެވެ. އީގަލްސް އަށް މި މެޗު އެންމެ މުހިއްމު ވަނީ ބެންގަލޫރު ބަލިކޮށްގެން އޭއެފްސީ ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކްލަބަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެތީ އެވެ. އަނެއްކޮޅުން ބެންގަލޫރުން ޓީމު ވަރުގަދަކޮށް އީގަލްސްއާ ދެކޮޅަށް ނުކުންނަނީ ވެސް އެ އަޒުމުގަ އެވެ. މި ދެ ސަބަބުގެ އިތުރުން މި މެޗު ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މެޗު ކުޅޭ ދުވަހަކީ އިންޑިއާގެ މިނިވަން ދުވަހަށް ވުމެވެ. އަންނަ އާދީއްތަ ދުވަހު އިންޑިއާގެ މިނިވަންކަން ލިބުމުގެ އުފާ ފާހަގަކުރާއިރު ބެންގަލޫރު ޔަގީނުން ވެސް ނުކުންނާނީ މިނިވަންކަމުގެ ޖޯޝުގައި ރާއްޖެ ބަލިކުރަންކަން ޔަގީނެވެ.

މިއީ އީގަލްސްއާ ބެންގަލޫރުގެ ކުރިމަތިލުމަކަށް ވިޔަސް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ގެ ނަޒަރުގައި މިއީ އިންޑިއާ އާއި ރާއްޖޭގެ ކުރިމަތިލުމެކެވެ. ފުޓްބޯޅައިގައި ވާދަވެރި މި ދެގައުމުގެ ދެ ކްލަބެއް ވާދަކުރާއިރު އެނޫން ނަޒަރަކުން ވިސްނުމުގެ ފުރުސަތު ވެސް ކުޑަ އެވެ. އެހެންވެ މި މެޗަށް އީގަލްސް އަށް އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރެވެ. އެކަމަކު ހިތާމައަކީ ކޮވިޑްގެ މި ހާލަތާ ގުޅިގެން މެޗަށް ވަނުމުގެ ހުއްދަ ސަޕޯޓަރުންނަށް ނެތުމެވެ. އެކަމަކު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާއި އެނޫން ވެސް ގޮތްގޮތުން މިއީ އީގަލްސް އަށް ހިތްވަރުދޭންވީ ވަގުތުކަން ކޯޗު ޝާޒް “ފަހުމިނެޓް” ދިން އިންޓަވިއު އިން ފާހަގަކުރެވުނެވެ.

Advertisement

“ގައުމީ ޓީމަށް އެކުރާ ސަޕޯޓް ހަގީގަތުގަ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ބޭނުންވާނެ ކްލަބްތަކަށް ވެސް. ކޮންމެ އަހަރަކު ވެސް ކޮލިފައިވާ ދިވެހި ދެ ޓީމަށް އަސްލު ހަގީގަތުގަ ގައުމީ ރޫހުގެ އެދޭ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ. މި މެޗުގައި ވެސް ވަރަށް ބޮޑަށް އުއްމީދުކުރަން އީގަލްސް އަށް ފުޓްބޯޅައިގެ ހުރިހާ އެންމެންގެ އެ ސަޕޯޓް މި މެޗަށް ލިބޭނެކަމަށް” ދިވެހި ފަސްގަނޑުގައި އިންޑިއާގެ މައްޗަށް ކުރި ހޯދުމުގެ އަޒުމުގައި ހުރި ކޯޗު ބުންޏެވެ.

ތާރީހީ މޮޅަކާއެކު އީގަލްސް ކޮލިފައިންގެ ދެވަނަ ބުރަށް!

އޭއެފްސީ ކަޕް ކޮލިފައިންގެ ބޫޓާންގެ ތިންޕޫ ކޮޅަށް ގޯލު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން. ބެންގަލޫރު ބަލިކޮށްފި ނަމަ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ.

ރާއްޖޭގެ ކްލަބްތަކުން ވާދަކުރާ އޭއެފްސީ ކަޕަކީ ހަގީގައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް އެންމެ މުހިއްމު މުބާރާތެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކުގެ ވިދުން މިދިޔަ އަހަރުތަކުގައި ފަނޑުވި ނަމަވެސް މިހާރު ދިވެހި ކްލަބްތައް އަންނަނީ ސަރަހައްދުގެ ކްލަބްތަކާ ރަނގަޅު ވާދައެއް ކުރަމުންނެވެ. މީގެ އެއް ހެއްކަކީ މިދިޔަ އަހަރުގެ ޕްލޭއޮފް މެޗުގައި ދެ ލެގުން ބެންގަލޫރު ކަޓުވާލުމަށް ފަހު މާޒިޔާ އިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމެވެ. މާޒިޔާ އަތުން ބެންގަލޫރު ބަލިވުމާ އެކު މުޅި އިންޑިއާ އިން އެގައުމުގެ ފުޓްބޯޅަ އަށް ފާޑުކިޔުމަކީ ފުޓްބޯޅައިގައި ރާއްޖެ އާއި އިންޑިއާ ދެމެދު ވާދަވެރިކަމެއް އޮތްކަން ދައްކުވައިދޭ ކަމެކެވެ.

“އޭއެފްސީ ކަޕަކީ ވަރަށް މުހިއްމު މުބާރާތެއް. މި ރީޖަންގަ ހަގީގަތުގަ ލެވެލް މި ކަނޑައެޅެނީ އޭއެފްސީ ކަޕްގެ ނަތީޖާ އަށް ބަލާފަ. މި ސަރަހައްދުގެ އެންމެ މޮޅު ޓީމު ނުވަތަ ފުޓްބޯޅައިގައި ކުރިއަރާފައިވާ ވަރު. މި ހުރިހާ އެއްޗެއް މި ކަނޑައަޅަނީ ހަގީގަތުގަ އޭއެފްސީ ކަޕްގަ. މިހާރު ދިވެހި ޓީމުތައް ވެސް ބޭނުންވަނީ ކާމިޔާބީ ހޯދަން. އީގަލްސް މިހާރު މިއޮތީ ގްރޫޕް ސްޓޭޖަށް ވަންނަން ވަރަށް ބޮޑަށް ތައްޔާރުވެފަ ދެން އަނެއްކާ އުއްމީދު ވެސް މި ކުރަނީ އެޔައް. ދެން އަނެއްކާ ގްރޫޕް ސްޓޭޖުގަ މާޒިޔާ ވެސް އީގަލްސް ވެސް ގްރޫޕް ސްޓޭޖާ ހަމައިން ހުއްޓައެއްނުލާނެ. ދެން އެހެންވީމަ ކާމިޔާބު ހޯދަން މި ކުޅެނީ އޭއެފްސީ ކަޕްގަ. އެގޮތަށް ބަލާއިރު ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ތައްޓަށް ކުޅޭހެން އީގަލްސް މި ކުޅެނީ. ކްލަބް ލެވެލްގަ” އޭއެފްސީ ކަޕާ ދިމާކޮށް ހަތް ކުޅުންތެރިން ގެނެސް ވަރުގަދަކުރި އީގަލްސްގެ ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕުގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު މެޗުން މޮޅުވާ ޓީމަކަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ.

އީގަލްސް އަސްލު މަގާމަށް ގެންދަން ބޭނުން: ޝާޒް

ކޯޗު ޝާޒް (ކ) އީގަލްސްގެ ބިދޭސީ ކުޅުންތެރިއަކާ ވާހަކަދައްކަނީ. ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޝާޒް ދެކޭގޮތުގައި އޮރެންޖާއި ނުލުގެ ޖާޒީގައި ދެޓީމު ނުކުތަސް މިއީ ހަމަ ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެކެވެ.

“އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީމު މި އަންނަނީ. އަބަދުވެސް މިހާރު ފުޓްބޯޅައިގަ އެންމެ ވާދަވެރި އެއް ގައުމު އިންޑިއާ އަކީ ރާއްޖެއާ. އެގޮތަށް ބަލާއިރު ރާއްޖޭގެ ނެޝަނަލް ޓީމާ އިންޑިއާގެ ނެޝަނަލް ޓީމު ކުޅޭ މެޗެއް ގޮތަށް ދެކިގެން ސަޕޯޓް އީގަލްސް އަށް ލިބުން އެއީ ވަރަށް މުހިއްމު ކަމެއް” ކުރިން ޓީސީ އާއި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުން ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ފަހަރު ރާއްޖޭގެ ދެ ކްލަބެއް އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ގްރޫޕް ސްޓޭޖް ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން ރާއްޖެ އަށް އަނެއްކާ ވެސް މިއޮތީ ދެ ޓީމާ އެކު ގްރޫޕް ސްޓޭޖަށް ދިއުމުގެ ދޮރު ހުޅުވިފަ އެވެ.

މި މެޗުގެ ވާދަވެރިކަން ދެގައުމުގެ ދެމެދުގައި އޮތްއިރު ޝާޒް ގަބޫލުކުރާ ގޮތުގައި މިއީ މި ސަރަހައްދުގެ ސަމާލުކަން ހުއްޓޭނެ މެޗެވެ.

“މި ރީޖަންގެ ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓޭނެ މެޗެއް މިއީ. ރީޖަންގަ ވެސް ރާއްޖެ އާ އިންޑިއާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަލާ ކަންނޭނގެ މި ރީޖަން ތެރޭގަ. މުޅި ރީޖަން ލުކް ފޯވާޑް ކުރާނެ މެޗެއް މިއީ” އީގަލްސްއާ ބެންގަލޫރުގެ މެޗު ސިފަކުރަމުން ޝާޒް ބުންޏެވެ.

އިންޑިއާގެ ގައުމީ ޓީމު ނުވަތަ ކްލަބެއް ބަލިކުރެވުނަސް އެއީ ރާއްޖޭގެ ސަޕޯޓަރުން ގައުމީ ކާމިޔާބެއްގެ ގޮތުގައި ދެކިގެން އުފާކުރާ ކަމެކެވެ. އަނެއްކާ ވެސް ދިވެހިންނަށް މިއޮތީ އެފަދަ ފުރުސަތެއް ލިބިފަ އެވެ. މި މެޗު އަމިއްލަ ގައުމުގައި އީގަލްސް އިން ކުޅޭއިރު އިންޑިއާގެ މިނިވަން ދުވަހު އެގައުމުގެ އެންމެ ގަދަ ބާރު ބަލިކުރުމަކީ ދިވެހިން މިއަދު އެންމެ އެދޭ ގޮތެވެ. އެކަމަށް އީގަލްސް އިން ބޭނުންވަނީ ދިވެހި ސަޕޯޓަރުންގެ ހިތްވަރެވެ.

ގަލޮޅު ދަނޑުގައި އީގަލްސް އާއި ބެންގަލޫރު ވާދަކުރާ މެޗު ފަށާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *