ވަރުގަދަ ޓީނޭޖް ކަޓުވާލުމަށް ފަހު ބިސްބުރުން ސެމީގެ ފަހު ޖާގަ ކަށަވަރު ކޮށްފި

Advertisement

ވަރުގަދަ ޓީނޭޖް ކަޓުވާލުމަށް ފަހު ބިސްބުރުން ސެމީގެ ފަހު ޖާގަ ކަށަވަރު ކޮށްފި

ފަހުމިނެޓް

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-1 އިން ކްލަބް ޓީނޭޖް ބަލިކޮށް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ބިސްބުރު ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

އެފްއޭއެމް އެއް ނަންބަރު ޓާފްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނިޓުގައި ޖެހީ ބިސްބުރު ސްޕޯޓްސްގެ ހުސެން ނާފިޒް އެވެ. ޓީނޭޖަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 52 ވަނަ މިނިޓުގައި އަހުމަދު ރިއުމާން މުހައްމަދެވެ.

ބިސްބުރު ސްޕޯޓސްގެ ކެޕްޓަން އަހުމަދު ނިޝާން (ކާނޫ) އަާއި ރިއުމާން އަދި އަހުމަދު ސުހައިލް، ޕެނަލްޓީގައި އެޓީމުން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު ޓީނޭޖަށް ކާމިޔާބުކުރެވުނީ އަހުމަދު ޖައިލަމް (ޖިއާނޯ) ޖެހި ޕެނަލްޓީ އެކަންޏެވެ. އިބްރާހީމް އިސްމާއީލް ގެ ޕެނަލްޓީ ބިސްބުރުގެ ގޯލްކީޕަރު އަބްދުﷲ ވިސާމް ދިފާއުކުރިއިރު އަލީ މުނާޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އެޓީމުގެ ކެޕްޓަން އަހުމަދު މުހައްމަދު (އަންމަޑޭ) ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށް ވީ ގޯލުގެ ހުރަސް ދަނޑިއެވެ.

މިއީ ގުރޫޕް ސްޓޭޖުގެ މެދުތެރޭން ތިން މަހުގެ މެދުކެނޑުމަކަށް ފަހު ކުލަބް ޓީނޭޖް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗަށް އެޓީމުގެ ބިދޭސީ ފޯވަޑް ރިފާތް ދެ ކާޑު ހަމަވެގެން ސަސްޕެންޝަނުގައި ހުރިއިރު ބިދޭސީ ޑިފެންޑަރ ޔޫސުފް އޮސާމާ ހުރީ އަނިޔާގަ އެވެ.

ތިން ޓީމު ހިމެނުނު ގުރޫޕް 4ގެ ދެމެޗް ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް އައި ޓީނޭޖަކީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި 16 ލަނޑު ޖަހާފަ އެވެ. ބިސްބުރު ސްޕޯޓްސް ކުއާޓާއަށް އައީ ގުރޫޕް 1ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީގެ ޖާގައަކާއެކު އަންނަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ވެސް ޖާގަ ހޯދާފައިވާ ބިސްބުރު ސްޕޯޓްސް ސެމީ ފައިނަލުގައި ވާދަކުރާނީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ މެޗް ކާމިޔާބުކުރި އެލްޓީ ސްޕޯޓްސްއާއެވެ.

ސެމީ ފައިނަލުގެ ދެމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *