ލިވަޕޫލް ސަޕޯޓަރުން އެއް ލައްކަ ރުފިޔާގެ ފެންޓަސީ ލީގެއް ހަދައިފި

Advertisement

ލިވަޕޫލް ސަޕޯޓަރުން އެއް ލައްކަ ރުފިޔާގެ ފެންޓަސީ ލީގެއް ހަދައިފި

ޢަލީ ޝަހީމް
ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާއިން ބޭއްވި އިވެންޓެއްގެ ތެރެއިން. - އެ ޖަމިއްޔާއިން ވަނީ އެއް ލައްކަ ރުފިޔާގެ އަގުހުރި ފެންޓަސީ ލީގެއް ހުޅުވާލާފައި. - ފޮޓޯ: ލިވަޕޫލް ސަޕޯޓާސް ކްލަބް

ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް (އޯއެލްއެސްސީ) އިން އިނގިރޭސި ޕްރިމިއާ ލީގާ ދިމާކޮށް އެއް ލައްކަ ރުފިޔާގެ އަގުހުރި ފެންޓަސީ ލީގެއް ހަދައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާއިން މި ލީގު ކުރިއަށްގެންދަނީ ކޭބަލް ޝޮޕް މޯލްޑިވްސްއާ ގުޅިގެންނެވެ.

ފެންޓަސީ ލީގަކީ ކޮންމެ ސީޒަނެއްގެ ވެސް އިނގިރޭސި ޕްރިމިއާ ލީގާ ދިމާކޮށް ސަޕޯޓަރުން އެންމެ ފޯރީގައި ކުޅޭ ފުޓްބޯޅައިގެ އޮންލައިން ގޭމެކެވެ. މި ގޭމަށް އެކި ފަރާތްތަކުން ވަކިވަކި ލީގުތައް ހަދާއިރު ރާއްޖޭގައި ވެސް މި ގޭމަށް އޮންނަ ފޯރި ވަރަށް ބޮޑެވެ. ލިވަޕޫލް ސަޕޯޓަރުން މިފަހަރު ހުޅުވާލި ލީގަކީ މިހާތަނަށް ރާއްޖޭގައި ހުޅުވާލި އެންމެ އަގުބޮޑު އެއް ލީގެވެ.

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ރޭ ފަށާއިރު ލީގުގެ ފަހު މެޗުތައް އޮންނާނީ އަންނަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 10 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ލީގުން އެއް ވަނަ ލިބޭ ފަރާތަކަށް 50000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ދެ ވަނަ އަށް 25000 ރުފިޔާ ދޭއިރު ތިން ވަނަ އަށް އަންނަ ފަރާތަކަށް 12500 ރުފިޔާ ލިބޭނެ އެވެ. އަދި ކޮންމެ މަހަކު އެންމެ ކުރި ހޯދާ ބައިވެރިއަކަށް 1250 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. މު ހުރިހާ އިނާމެއްގެ ޖުމްލަ އަގަކީ އެއް ލައްކަ ދިވެހި ރުފިޔާ އެވެ.

ހިލޭ ސާބަހަށް ހުރިހާ ދިވެހިންނަށް ހުޅުވާލާފައިވާ މި ލީގަށް ވަނުމުގެ ކުރިން ބައެއް ޝަރުތުތައް ވަނީ ކަނޑައަޅައިފަ އެވެ. މިގޮތުން އޯއެލްއެސްސީގެ ފޭސްބުކް ޕޭޖަށް ލައިކް ދީ އިންސްޓަގްރާމް އަދި ޓްވިޓަރ އިން އޯއެލްއެސްސީ ފޮލޯ ކުރަންޖެހޭނެ އެވެ. މީގެ އިތުރުން ކޭބަލް ޝޮޕް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ލައިކް ދިނުން ޝަރުތުގައި ވަނީ ހިމަނާފަ އެވެ. ލީގަށް ވަނުމަށް ބައިވެރިން ވެރިފައި ކުރުމުގެ ގޮތުން އޮންލައިންކޮށް ފޯމެއް ފުރާގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާއިން ބުނީ އޯއެލްއެސްސީގެ ސޯޝަލް މީޑިއާ ޕޭޖްތަކުން މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެކަމަށެވެ.

ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ނިސްބަތްވާގޮތަށް ރާއްޖޭގައި ހަދާފައިވާ އޮފިޝަލް ޖަމިއްޔާތަކުގެ ތެރެއިން އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތައް ހިންގަމުން އަންނަ އޯއެލްއެސްސީ އިން ވަނީ ކްލަބުގެ މެމްބަރުންނަށް ހާއްސަކޮށްގެން ސްކޯ ޕްރެޑިކްޝަން މުބާރާތެއް ވެސް ހުޅުވާލާފަ އެވެ. ރާއްޖޭގެ ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ “ގޯލްއާރ” އެޕްލިކޭޝަން މެދުވެރިކޮށް ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅޭ މެޗުތަކުގެ ރަނގަޅު ސްކޯ ދިމާކޮށްގެން ޕިއްޒާ ބޯނާ އިން ސްޕޮންސާ ކޮށްފައިވާ ޕިއްޒާ އެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުޅި ސީޒަނުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް އިނާމެއް ދޭގޮތަށް ވަނީ ނިންމާފަ އެވެ.

ޖަމިއްޔާއެއްގެ ގޮތުގައި ވުޖޫދުވުމުގެ ކުރިންނާއި ފަހުން ވެސް ލިވަޕޫލް ސަޕޯޓާސް ކްލަބުން ވަނީ އާއްމުންގެ ސަމާލުކަން ހުއްޓޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން އެންމެ ފާހަގަކުރެވުނު އެއް އިވެންޓަކީ ލިވަޕޫލަށް ކުރިން ކުޅުނު ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ ގެނެސް ސަޕޯޓަރުންނާ އެއްކޮށް މީޓް އެންޑް ގްރީޓް ސެޝަނެއް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ލީގުގައި 2018 ވަނަ އަހަރު ކުޅުނު މެޗު ބެލުމުގެ އިންތިޒާމުތައް ސޯލްޓް ރެސްޓޯރެންޓުގައި ލިވަޕޫލް ސަޕޯޓަރުން ހަމަޖެއްސީ ލިވަޕޫލަށް މަރުދޭ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްއާ އެކު އެވެ. މި އިވެންޓަށް ވެސް ރާއްޖޭގެ މީޑިއާތަކާ އާއްމުންގެ ސަމާލުކަން ހުއްޓުނެވެ.

އިނގިރޭސި ޕްރިމިއާ ލީގު ފަށާ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ބައްދަލުކުރާނީ ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑާއި އާސެނަލް އެވެ. ލިވަޕޫލުން ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 9:30 ގައި ނުކުންނާނީ ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ލީގަށް ކޮލިފައިވި ނޯވިޗް ސިޓީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *