އިތުބާރު ގެއްލުނު ކެޕާ ދެ އަހަރު ފަހުން ބަތަލަކަށް

71 މިލިއަން ޕައުންޑަށް 2018 ވަނަ އަހަރު އިނގިރޭސި ކްލަބް ޗެލްސީ އަށް ބަދަލުވުމަށް ފަހު ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އައީ އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ވަކި ހިސާބަކުން ފޯމު ދަށްވެ އޭނާ އަށް ޗެލްސީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނެވެ. ޗެލްސީގައި ކެޕާ އަށް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ 2019 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި އޭނާ ބަދަލުކުރަން އުޅުމުން އަމަލުތައް ބެހެއްޓި ގޮތަކުންނެވެ.
މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު އެއްވަރުވާން ދިއުމުން ޗެލްސީގެ އޭރުގެ ކޯޗު މައުރީޒިއޯ ސާރީ ނިންމީ ގޯލުގައި ހުރި ކެޕާގެ ބަދަލުގައި ޕެނަލްޓީއަށް ބަދަލު ގޯލްކީޕަރު ވިލީ ކަބަޔެރޯ އަރުވާށެވެ. ސާރީ އެ ބަދަލުކުރަން މަސައްކަތްކުރި ނަމަވެސް ކެޕާ އެކަމަށް ދެކޮޅު ހަދައި ދަނޑުމަތީގައި ހުރުން ވެގެންދިޔައީ ފަހުގެ ތާރީހެއްގައި ކޯޗަކާއި ކުޅުންތެރިއަކާ ދެމެދު ފެނުނު އެންމެ އާދަޔާހިލާފު މަންޒަރަށެވެ. ކޮންމެއަކަސް ކެޕާ އެދުވަހު ދަނޑުން ފައިބަން ބޭނުންނުވުމުން ސާރީ ބޭނުންވި ބަދަލު ގެނެވޭގޮތެއްނުވި އެވެ. ޕެނަލްޓީގައި ކެޕާ ޗެލްސީގެ ގޯލު ބެލެހެއްޓިއިރު އޭނާ ވަނީ ސިޓީން ޖެހި އެއް ޕެނަލްޓީ މަތަކޮށްފަ އެވެ. އެކަމަކު އެ ތަށި ޗެލްސީ އަށް ލިބޭގޮތެއްނުވި އެވެ. މެޗަށް ފަހު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ސާރީގެ އަމުރަށް ނުކިޔަމަންތެރިވި ކެޕާ އަށެވެ. ޗެލްސީ އަށް ލީގު ކަޕް ތަށި ގެއްލުމުގެ ޒިންމާ ގިނަބަޔަކު އެޅުވީ އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރި ކެޕާގެ ބޮލުގަ އެވެ. އެ މައްސަލައިގައި ޗެލްސީން 26 އަހަރުގެ ކެޕާ ޖޫރިމަނާ ވެސް ކުރި އެވެ.

2019 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ކެޕާ. އެދުވަހު ކޯޗު ސާރީގެ އެންގުމަށް ކެޕާ ދަނޑުން ފައިބަން ދެކޮޅު ހެދި
އޭގެ ދެ އަހަރު ފަހުން ޗެލްސީން ރޭ ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކުރިއިރު ފެނުނީ ދިމާ އިދިކޮޅު މަންޒަރެކެވެ. މެޗުގެ ފަހުކޮޅު ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް މިފަހަރު ކެޕާ ދަނޑަށް އެރުވީ ސީދާ ޕެނަލްޓީއަށެވެ. ވިޔަރެއާލްއާ ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ޗެލްސީ ތަށި ހޯދީ ކެޕާ ހިފެހެއްޓި ދެ ޕެނަލްޓީން ކުރި ލިބިގެންނެވެ.

މެޗުގެ ފަހު ވަގުތު މެންޑީގެ ބަދަލުގައި ކެޕާ ކުޅެން އަރަނީ. ޗެލްސީ މޮޅުވީ ކެޕާ ހިފެހެއްޓި ދެ ޕެނަލްޓީން ކުރި ލިބިގެން
ރޭ ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ކީޕަރު އެޑުއާޑް މެންޑީ އެވެ. ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރު މެންޑީގެ ބަދަލުގައި އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެން އުޅެނިކޮށް ކޯޗު ޓުކެލް ކެޕާ އަރުވަން އުޅުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އެކަމަކު ޕެނަލްޓީތަކުގައި ވަރަށް “އެކްޓިވް” ކޮށް ފެނުނު ކެޕާ ވަނީ ވިޔަރެއާލްގެ އައީސާ މާންދީ އާއި ރައުލް އަލްބިއޮލް ޖެހި ދެ ޕެނަލްޓީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މީގެ ތެރެއިން އަލްބިއޮލް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި ބާރު ބޯޅަ ކެޕާ މަތަކުރުމުން ޗެލްސީ އަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ކަށަވަރުވި އެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ޓުކެލް ބުނީ ޕެނަލްޓީ އަށް ކެޕާ އެރުވުމުގެ ވިސްނުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އޭނާ ގެންގުޅުނު ކަމަށެވެ. އެގޮތަށް ވިސްނީ އޭނާގެ ކޯޗުކަމުގައި އެންމެ ފުރަތަމަ ކުޅުން ކަޕް މެޗުގައި ކަމަށް ޓުކެލް ބުންޏެވެ.
“ޕެނަލްޓީ ސޭވްކުރުމުގެ ޕަސެންޓޭޖަށް ބަލާއިރު ކެޕާ އަކީ އެންމެ މޮޅު ކީޕަރު. ގޯލްކީޕިން ކޯޗުންނާއި އެނަލަސިސް ކުރާ ފަރާތްތަކުން އަހަރެންނަށް އެ ތަފާސްހިސާބު ދެއްކި. އަހަރެން ކުޅުންތެރިންނާ ވާހަކަދައްކާފަ ބުނިން ނޮކްއައުޓް މެޗުތަކުގައި ކެޕާ އަރުވަން ޖެހިދާނެކަމަށް” ޗެލްސީ އަށް މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ޗެލްސީ ކުޅުންތެރިން ކެޕާ އުފުލާލައިގެން. ކެޕާ އަކީ ފާޑުކިޔުން އަމާޒުވި ކީޕަރެއް
ކެޕާ އަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނީ މިދިޔަ ސީޒަނުގައި އެޓީމާ ގުޅުނު މެންޑީގެ ކުޅުން ރަނގަޅުވުމުންނެވެ. ޓުކެލް ބުނީ މެޗުގެ ފަހު ވަގުތު ކެޕާ އަށް ފުރުސަތު ދިނުމުގައި މެންޑީ އަމަލުކުރިގޮތުން އެނާ އުފާކުރާ ކަމަށެވެ.
“އަހަރެންނަށް އެނގޭ މި ހާލަތް އަތުވެދާނެކަން. މެންޓަލީ އަދި ފިޒިކަލީ ވެސް މި ހާލަތަށް އަހަރެން އައީ ތައްޔާރުވަމުން. މޮޅުވީމަ އަހަރެން މިހުރީ އުފަލުން. މިދިޔަ އަހަރުއްސުރެ އަހަރެންނަށް އެނގޭ ކެޕާ ދަނޑަށް އަރައިފިއްޔާ ޓީމު މޮޅުކޮށްދޭނެކަން” ޗެލްސީގެ ސެނެގޯލް ގޯލްކީޕަރު މެޗަށް ފަހު ބުންޏެވެ.
Advertisement


Leave a Reply