ޗެލްސީން ދެވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކޮށްފި
ޔޫއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޗެލްސީން ހޯދައިފި އެވެ. ޔޫެފާ ޗެމްޕިއަންސް ލީގުގެ ހައިސިއްޔަތުން ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސްޕެއިންގެ ވިޔަރެއާލް އާ ޜޭ ވާދަކޮށްފައިވާ އިރު މި މެޗް ޗެލްސީން ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނުއިރު 1-1 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ނޮދަން އަޔަލޭންޑްގެ ބެލްފާސްޓްގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްސް ދިން ބޯޅައަކުން މޮރޮކޯގެ ފޯވާޑް ހަކިމް ޒިޔެޗް އެވެ. އެކަމަކު މި މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޒިޔެޗް ގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހުނެވެ. ޒިޔެޗަށް ލިބުނު އަނިޔާ އާ ގުޅިގެން ދަނޑުމަދީގައި އޮކްސިޖަން ފަރުވާ ދީފައިވާއިރު މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ބުނެފައިވަނީ ޒިޔެޗް އަނިޔާ ސީރިއަސްކަމަށް ބެލެބެލެވޭ ކަމަށެވެ.
ގާތްގަނޑަކަށް 13،000 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ޗެލްސީއާއި ވިޔަރެއާލް ވާދަކުރި މެޗްގެ ފުރަތަމަ ހާފްގައި ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މެޗްގެ ފަހު ހާފުގައި ރަގަޅަށް ކުޅުނީ ވިޔަރެއާލުންނެވެ. މެޗްގައި ވިޔަ ރެއާލުން އެއްވަރުކުރި ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންގެ ފޯވާޑް ޖެރާޑް މޮރޭނޯ އެވެ. އުމުރުން 29 އަހަރުގެ މޮރޯނޭ މި ލަނޑު ކާމިޔާބުކުރުމުގެ ކުރިންވެސް ވިޔަރެއާލުން ލަނޑެއް ކާމިޔާބުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު މެޗްގެ ފުރަތަމަ ހާފްގަ އާއި ފަހު ހާފުގައި ވިޔަރެއާލުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ޗެލްސީގެ ގޯލަށް ވަންނަން ހުރަސް އޮޅީ ގޯލްގެ ދަނޑި އެވެ.
މެޗްގެ އިތުރު ވަގުތުގެ ދެ ހާފުގައި ޗެލްސީއަށް، މެޗް ފަށައިގެން ދެއްކި މޮޅު ކުޅުން ނުދެއްކުނު ނަމަވެސް ގޯލެއް ޖަހަން ރަގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު ޗެލްސީގެ މޭސަން މައުންޓާއި ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ފުރުސަތު ގޯލަށް ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ހީރޯއަކަށްވީ މެޗްގެ އިތުރު ވަގުތުގެ ދެހާފުގެ ކުޅުން ނިމެން ކުޑަތަންވެފައިވަނިކޮށް ކޯޗް ތޯމަސް ޓުޗެލް ކުޅެން އެރުވި ގޯލްކީޕަރު ކެޕާ އަރިޒަބެލެގަ އެވެ. ކެޕާ ވަނީ ވިޔަރެއާލްުން ޖެހި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކުންވެސް ހަ ޕެނަލްޓީ ޖެހި އިރު ޗެލްސީއަށް ހަމައެކަނި ނާކާމިޔާބުވި އެންމެ ފުރަތަމަ ޖަހަންދިޔަ ހަވާޓްސްގެ ޕެނަލްޓީ އެވެ.
Advertisement
Leave a Reply