ދަގަނޑޭ އަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: ޝާޒް
އުމުރުން 35 އަހަރުގައި ވެސް އަލީ އަޝްފާގް (ދަގަނޑޭ) އަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ގްރޫޕް ސްޓޭޖަށް ކޮލިފައިވާން އަންނަ އާދީއްތަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗުގެ ކުރިން ދަގަނޑޭ ވަނީ އީގަލްސްއާ ގުޅިފަ އެވެ. ދަގަނޑޭގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އީގަލްސް ޓީމާ ގުޅުނެވެ. ވާދަވެރިވާނެ މި މެޗު އެންމެ ބޮޑަށް ފާހަގަކުރެވެނީ އިންޑިއާގެ ސުނިލް ޗެތުރީ އާއި ރާއްޖޭގެ ދަގަނޑޭގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.
ބެންގަލޫރު މެޗާ ގުޅޭގޮތުން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ޝާޒް ބުނީ ދަގަނޑޭ އާދި ޗެތުރީގެ ހުނަރާ ތަޖުރިބާ އަށް ބަލާއިރު އަދިވެސް އެވަރުގެ ދެކުޅުންތެރިން ނެތް ކަމަށެވެ.
“އަދިވެސް ރާއްޖޭގައި ހުރި އެންމެ ކުޅުންތެރިއަކީ އަޝްފާގް. އިންޑިއާގައި ވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ޗެތުރީ. އެކަން އެބަފެނޭ އެމީހުންގެ ކްލަބުގައި ޕާފޯމްކުރާއިރު” ދަގަނޑޭ އާއި ޗެތުރީގެ ކުޅުން ފާހަގަކުރަމުން ޝާޒް ބުންޏެވެ.
އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަގަނޑޭ އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަންނަ މަހުގެ 6 ވަނަ ދުވަހު ދަގަނޑޭ އަށް 36 އަހަރު ފުރޭއިރު މިއީ ކެރިއަރުގެ ފަހުކޮޅު އޭއެފްސީ ކަޕްގައި ދަގަނޑޭ ކުރާނެ ރަނގަޅު ތަޖުރިބާއެކެވެ. އޭއެފްސީ ކަޕްގައި ކުޅުނު 10 ސީޒަނުގައި ދަގަނޑޭ ވަނީ 29 ލަނޑު ޖަހައިފަ އެވެ. އަނެއްކޮޅުން 53 ލަނޑާ އެކު ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ދަގަނޑޭގެ ރަން ޒަމާނުގައި ފެނުނު ކޮއްޓުމާއި ނެއްޓުމުގެ އާދަޔާހިލާފު ހުނަރު އެފެންވަރުގައި މިހާރު ނުފެނުނު ނަމަވެސް އަދިވެސް ދަގަނޑޭ އަކީ ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި ދަގަނޑޭ ކްލަބް ވެލެންސިއާ އަށް ކުޅުނުއިރު އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ.
“މިސާލަކަށް މިދިޔަ ސީޒަންގަ ވެއްޖިއްޔާމު ވެލެންސިއާ އަށް އަޝްފާގް ކުޅެފަ އިނީ. އޭނަ ނެތީމަ ކްލަބަށް ވާ އުނދަގޫ އަދި އޭނަ ހުރީމަ އިދިކޮޅު ޓީމަށް ވާ އުނދަގޫ އެއީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް. އެހެންވީމަ އަދިވެސް ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އަޝްފާގު. އެކަމަކު ކުރީގަ ކުޅެފަ ހުރި ޓޮޕް ފޯމާ ކޮމްޕެއާ ކޮށްފިއްޔާމު ކޮންމެވެސް ވަރެއްގެ ކަމެއް ފާހަގަކުރެވިދާނެ. އެކްސްޕީރިއެންސާ ކަންކަމަށް ބަލާއިރު އެއީ ހަމަ ދެވަނަ އެއް ނެތް ކުޅުންތެރިއެއް އަދިވެސް” ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ތައުރީފް ކުރަމުން ޝާޒް ބުންޏެވެ.
އުމުރުން މިހާރު 37 އަހަރުގެ ޗެތުރީ އަކީ ވެސް އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިންޑިއާގެ ގައުމީ ޓީމާއި ބެންގަލޫރު ޓީމުގައި ވެސް އަދިވެސް އެންމެ މުހިއްމީ ޗެތުރީ އެވެ. ގައުމީ ޓީމަށް ޖަހައިދީފައިވާ 74 ލަނޑާ އެކު ޗެތުރީ އަކީ އެކްޓިވް ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޗެތުރީގެ ކުރިން މި ލިސްޓުގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ.
ޕްލޭއޮފްގައި ބެންގޫލުރުގެ މައްޗަށް ކުރި ހޯދައިގެން އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުން އީގަލްސް އަށް ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގައި މިހާރު ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި 2020 ވަނަ އަހަރު ރާއްޖޭގެ މާޒިޔާއާ ވާދަކޮށް ބެންގަލޫރު ވަނީ ބަލިވެފަ އެވެ. އެފަހަރު ދެ ލެގު ކުޅުނުއިރު މިފަހަރު ނަތީޖާ ނެރޭނީ ހަމައެކަނި މާލޭގައި ކުޅޭ ލެގުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑުގައި މާޒިޔާ އިން ބެންގަލޫރު ބަލިކުރީ 1-2 އިންނެވެ. ޝާޒް ބުނީ އަމިއްލަ ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ނުކުތުން ދެކެނީ އެޑްވާންޓޭޖެއްގެ ގޮތުގައި ކަމަށެވެ.
“ހޯމްގަ ކުޅޭއިރު އެ އެޑްވާންޓޭޖް އޮތްކަމަށް މި ދެކެނީ. ދެން އެކްސްޕީރިއެންސް ބޭނުންކޮށްގެން މެޗުގަ ޕާފޯމަންސް ނެރެވިއްޖިއްޔާމު އުއްމީދު މިކުރަނީ އެކަން ކުރެވޭނެކަމަށް. އެހެންވެއްޖިއްޔާމު އީގަލްސް އަށް މެޗު ނެގުމުގެ ފުރުސަތު އެބައޮތް. މިހެން ބުނާއިރު ވެސް ބެންގަލޫރު އެފްސީގެ ފެންވަރު ވެސް އެނގޭ. އެކަމަކު ވެސް ހޯމްގަ ކުޅޭއިރު އެ އެޑްވާންޓޭޖް ނެގޭނެކަމަށް މި ބަލަނީ” ކުރިން ޓީސީ އަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
Advertisement
Leave a Reply