މެސީ ކަރުނައާ އެކު: މިއީ އަހަރެން ބޭނުންވި ގޮތެއް ނޫން

މެސީ ކަރުނައާ އެކު: މިއީ އަހަރެން ބޭނުންވި ގޮތެއް ނޫން

ޢަލީ ޝަހީމް

މުޅި ދިރިއުޅުން ބާސެލޯނާގައި ހޭދަކުރުމަށް ފަހު ބަދަލެއް ގެންނަން އޭނާ ހުރީ ތައްޔާރަށް ނޫންކަމަށް ލިއޮނަލް މެސީ ބުނެފި އެވެ. މަޖުބޫރުވެގެން ބާސެލޯނާ ދޫކޮށްލާފައިވާ މެސީ ކަރުނައާ އެކު މިހެން ބުނީ ކްލަބާ އަލްވަދާއު ކިޔުމުގެ ގޮތުން މިހާރު ކުރިއަށްގެންދާ ޕްރެސްއެއްގަ އެވެ.

މީގެ ތިން ދުވަސް ކުރިން ބާސެލޯނާ އިން މެސީ ދޫކޮށްލަން ނިންމައި އެކަން އިއުލާންކުރުން ވެގެންދިޔައީ ފުޓްބޯޅައަށް ލިބުނު ބޮޑު ސިހުމަކަށެވެ. ބާސެލޯނާ އިން ކުއްލި ގޮތަކަށް މެސީ އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކުރީ އެއްބަސްވުން އާކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. އެންމެ ބޮޑު ހުރަހަކަށްވީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތަށް މެސީގެ މުސާރައިގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ބާސެލޯނާ އަށް ނެތުމެވެ.

“ތެދައް ބުނާނަމަ އަހަރެންނަށް ނޭނގޭ ބުނާނެ އެއްޗެއްވެސް. އެތައް އަހަރެއްވަންދެން މިތާ އުޅެފަ، މުޅި ދިރިއުޅުން މިތާ ހޭދަކޮށް، އަހަރެން މިހުރީ ބާސެލޯނާ ދޫކޮށްލަން ތައްޔާރުވެގެނެއް ނޫން” ކްލަބުގެ އެހާރާއި މިހާރުގެ ކުޅުންތެރިންނާއި ކޯޗު ރޮނާލްޑް ކޫމަން ހާޒިރުވެއިން ރަސްމިއްޔާތުގައި ތައްޔާރުކޮށްފައިވާ ވަދާއީ ސްޓޭޖުގައި ވާހަކަދައްކަމުން މެސީ ބުންޏެވެ.

ސްޓޭޖަށް އަރައި ވާހަކަދައްކަން ފެށުމަށް ފަހު ވަކި ހިސާބަކުން މެސީ ވަނީ ހުއްޓުން އަރައިފަ އެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރުނުއިރު އަތުގައި އޮތް ޓިޝޫ އިން ކަރުނަތައް ފޮހެމުން ދިޔަ އެވެ. މެސީގެ ހިތްދަތި އިހުސާސްތައް އެތައް މިލިއަން ބަޔަކު އެވަގުތު ދިޔައީ ލައިވްކޮށް ބަލަމުންނެވެ.

“21 އަހަރަށް ފަހު އަހަރެން މިދަނީ ތިން ކުދިން ގޮވައިގެން މިތަނުން. މިއީ އަހަރެމެންގެ އަމިއްލަ ވަޒަން. އެންމެންނަށް އަހަރެން ޝުކުރުވެރިވަން. ބާސެލޯނާގެ ކުޅުންތެރިން އަދި އަހަރެންނާ އެކު މި ހުރިހާ ދުވަހު ތިބި އެންމެން. މި ކްލަބަށް އައި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް އަހަރެން މި ކްލަބަށް ހުރިހާ އެއްޗެއް ދިނިން. އަހަރެން ހިތަށް ވެސް ނާރާ ބާސެލޯނާ އަށް އަލްވަދާއު ކިޔަން ޖެހޭނެކަމަށް. އެކަމަށް އަހަރެން ނުވެސް ވިސްނަން” 16 އަހަރު ބާސެލޯނާ އަށް ކުޅެ އެތައް ކާމިޔާބީއެއް ހޯދައިދީފައިވާ އާޖެންޓީނާގެ މެސީ ބުންޏެވެ.

މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމުމުގެ ކުރިން އޭނާ ވަނީ ކްލަބުގައި ފަސް އަހަރު މަޑުކުރަން އެއްބަސްވެފަ އެވެ. މެސީ އެއްބަސްވީ އެ މުއްދަތުގައި މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ ގޮތަށެވެ. އެވެސް ކްލަބުގެ ހާލަތަށް ވިސްނައި މެސީ ގެނައި ބަދަލެކެވެ. އެކަމަކު އެވަރުން ވެސް މެސީގެ މުސާރައިގެ ކަންކަން ސްޕެނިޝް ލީގުގެ އުސޫލާ އެއްގޮތަށް ހަމަޖެއްސޭނެގޮތް ނުވީ އެވެ. އެންމެފަހުން ކްލަބާއި މެސީގެ ހިތާ ދެކޮޅަށް އެކްލަބަށް ޖެހުނީ މެސީ ދޫކޮށްލާނެކަން އިއުލާންކުރާށެވެ.

މެސީ ދޫކޮށްލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ ކުރިއަށް އޮތް 50 އަހަރަށް ކްލަބަށް އަސަރުކުރާނެ ވަރުގެ ބޮޑު ކަމެއް ނިންމަން އޭނާ ބޭނުންނުވާ ކަމަށެވެ.

“މި ކްލަބް އަހަރެން މި ދޫކޮށްލީ. ދެން ފެށޭނީ އާ ބާބެއް. މިއީ އަހަރެންނަށް އެންމެ އުނދަގޫ ވަގުތުކޮޅު. އަހަރެން ބޭނުމެއް ނޫން މި ކްލަބް ދޫކޮށްލާކަށް. މިއީ އަހަރެން ލޯބިވާ ކްލަބް އަދި އަހަރެން ހީނުކޮށް ހުއްޓާ ކްލަބް ދޫކޮށްލަން ޖެހުނީ. މިދިޔަ އަހަރު އަހަރެން ބޭނުންވި ކްލަބް ދޫކޮށްލަން އެކަމަކު އަހަރެން ފަހުން ބޭނުންވީ މަޑުކުރަން. އެހެންވެ އަހަރެން މިހުރީ ވަރަށް އަސަރުކޮށްފަ” ޕްރެސްގައި މެސީ ބުންޏެވެ.

ފަހުވަގުތު މެސީ ދޫކޮށްލަން ބާސެލޯނާ އަށް މަޖުބޫރުވިއިރު އެދުވަހު މެސީ އުއްމީދުކުރީ އާ އެއްބަސްވުމުގައި ސޮއިކުރުމަށެވެ. އެކަމަކު ދިގު މަޝްވަރާތަކަށް ފަހު ބާސެލޯނާ އަށް މެސީ އެއްބަސްވުމުގައި ސޮއިކުރުވޭނެ އެއްވެސް ކޮޅެއް ނުފެނުނެވެ.

“އަހަރެންގެ އާ އެއްބަސްވުމުގެ ހުރިހާ ކަމެއް އޮތީ ނިމިފަ. އަހަރެން ބޭނުންވީ މަޑުކުރަން އަދި ޗުއްޓީ އަށް ފަހު އެނބުރި އައި އިރުވެސް ހުރިހާ ކަމެއް އޮތީ ރަނގަޅަށް. އެކަމަކު ލަލީގާގެ އުސޫލުތަކާ އެއްގޮތަށް އެންމެ ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުވީ” ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރު ކާމިޔާބުކުރި އަސަރާ އެކު ބުންޏެވެ.

މެސީ ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ފްރާންސްގެ ޕީއެސްޖީ އެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ޕީއެސްޖީން މެސީގެ ޑީލް ފައިނަލް ކުރާނެ އެވެ.

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.