ބެންގަލޫރު މެޗުން ރިޒޭ ނުފެންނާނެ، ފިޓް ވާނީ އަންނަ ސީޒަނަށް
ބޮޑު އަނިޔާއަކަށް ފަރުވާހޯދަމުން އަންނަ ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް އަހުމަޒު ރިޒްވާން (ރިޒޭ) ކުރިއަށް އޮތް ބެންގަލޫރު މެޗުން ނުފެންނާނެ ކަމަށާއި، ރިޒޭ ފިޓްވާނީ ރާއްޖޭގެ ފުޓްބޯޅައިގެ އާ ސީޒަނަށް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މިދިޔަ ތިން ސީޒަނުގައި ރާއްޖޭގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ، ރިޒޭ އަށް އަނިޔާވީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއާ ދެކޮޅަށް ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުޅުނު މެޗުގަ އެވެ. ވާތު ކަކުލުގެ މެނިކަސް އަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ރިޒޭ އޮޕަރޭޝަން ކުރީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެފަހުން ރިޒޭ އަށް މިދިޔަ ސީޒަނުގެ އެއްވެސް މެޗެއްގައި ނުކުޅެވުނުއިރު މިހާރު އަންނަނީ އަނިޔާއިން ރަނގަޅުވުމަށް ފަރުވާކުރަމުންނެވެ.
ރިޒޭ އަކީ އީގަލްސް އަށް އޭއެފްސީ ކަޕް ކޮލިފައިން އިން ޖާގަ ލިބުމުގެ އެންމެ ބޮޑު ސަބަބެވެ. އެކަމަކު އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ނުކުންނައިރު ރިޒޭ ނެތުމަކީ ލިބޭނެ ބޮޑު އުނިކަމެވެ. ރިޒޭ ނެތްތައް ފޫބައްދަން އީގަލްސް އިން މިހާރު ވަނީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެނެސްފަ އެވެ.
އީގަލްސް އިން މި މަހުގެ 15 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ޕްލޭއޮފް މެޗުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް ނުކުންނައިރު ރިޒޭ އަށް ކުޅެވޭނެތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ރިޒޭގެ އެންމެ ފަހުގެ އަޕްޑޭޓެއް ބެލުމަށް ކޯޗު ޝާޒް އަށް ގުޅުމުން ބުނީ އޭއެފްސީ ކަޕްގެ އެއްވެސް ހިސާބަކުން ރިޒޭ ނުފެންނާނެ ކަމަށާއި، ރިޒޭ ހިމަނައިގެން އެޓީމުން ރިސްކެން ނަގަން ބޭނުންނުވާ ކަމަށެވެ.
“ރިޒޭ އަށް ދެން މި އަންނަ ސީޒަނުގައި ކުޅެވޭނީ. އޭއެފްސީ ކަޕް ނުކުޅެވޭނެ. މި އަންނަ ސީޒަނުގަ ރިޒޭ ފެންނާނެ” ރިޒޭގެ އަނިޔާގެ ކުރިއެރުމާ ގުޅޭގޮތުން ސުވާލުކުރުމުން ކޯޗު ޝާޒް ވަރަށް ކުރުކޮށް ބުންޏެވެ.
ކ. ދިއްފުއްޓަށް އުފަން އުމުރުން 25 އަހަރުގެ ރިޒޭ އަކީ މިދިޔަ ތިން ސީޒަނަށް ބަލާއިރު ގޯލު ޖެހުމުގައި ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. ކެރިއަރުގައި މިހާތަނަށް 20 ހެޓްރިކް ހަދާފައިވާއިރު ރިޒޭ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ.
2014 ވަނަ އަހަރު އީގަލްސްއާ ގުޅުމަށް ފަހު އެޓީމުން ހޯދަމުން އަންނަ ކުރިއެރުމުގައި ރިޒޭގެ ދައުރު ބޮޑެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް ރިޒޭ ވައްދާލި މޮޅު ގޯލުންނެވެ. އޭގެފަހުން ރިޒޭ ފެންނަނީ އިތުބާރާއެކު ކުޅެ ވަރަށް ހަމަޖެހިލާފައި ގޯލު ސްކޯރ ކުރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ކޯޗު ޝާޒް ބުނީ އީގަލްސް އަށް އިތުރުކުރި ކުޅުންތެރިންނާ އެކު ބެންގަލޫރު ބަލިކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ބެންގަލޫރު މެޗަކީ އިންޑިއާ އާއި ރާއްޖޭގެ ކުރިމަތިލުމެއް ކަމަށް ސިފަކޮށް ޝާޒް ވަނީ ދިވެހި ފުޓްބޯޅަ އާއިލާގެ ތަރުހީބަށް އެދިފަ އެވެ.
Advertisement
Leave a Reply