ސިޓީ ކިތަންމެ މޮޅަކަސް ސީޒަން ފަސޭހަނުވާނެކަން ލެސްޓާ އިން ދައްކާލައިފި
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ގަދަފަދަ މެންޗެސްޓަރ ސިޓީގެ މައްޗަށް 0-1 އިން ލެސްޓާ ސިޓީ ކުރި ހޯދައިފި އެވެ.
ލީގު ޗެމްޕިއަން ސިޓީ އާ ސީޒަނަށް ކުރިމަތިލީ އިނގިރޭސި ވިލާތުގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ ފުރިހަމަކުރުމަށް ފަހު އެވެ. އެއީ 100 މިލިއަން ޕައުންޑަށް އެސްޓަން ވިލާ އިން ޖެކް ގްރީލިޝް ގެންނަން ސިޓީން ކުރި ރެކޯޑް ހަރަދެވެ. ގްރީލިޝްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ގެންނަން ވެސް ހަރަދުކުރަން ސިޓީ އޮތީ ތައްޔާރަށެވެ. އެކަމަކު އެފްއޭ ކަޕްގެ ޗެމްޕިއަން ހައިސިއްޔަތުން މިރޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ސިޓީއާ ދެކޮޅަށް ލެސްޓާ އިން ދެއްކީ މޮޅު ކުޅުމެކެވެ.
މިރޭގެ ޓީމުގައި ސިޓީގެ ކެވިން ޑި ބްރޭނާ އާއި ރަހީމް ސްޓާލިންގެ އިތުރުން ގެބްރިއަލް ޖީސުސް ހިމަނާފައެއްނުވެ އެވެ. މެޗަށް ނުކުތް ސިޓީ ޓީމުގައި ޕެޕް ގާޑިއޯލާ ވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ސަމުއެލް އެޑޯޒީ އާއި މިޑްފީލްޑަރު ކޯލް ޕަލްމާ ހިމަނައިފަ އެވެ. ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް މެޗަށް ނެރުނީ ވަރުގަދަ ޓީމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ އިން މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. ލެސްޓާގެ ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކިލެޗީ އީނާޗޯ އެވެ. ކުރިން ސިޓީ އަށް ކުޅުނު ފޯވާޑް ލަނޑު ޖެހުމަށް ފަހު ވަނީ ސިޓީ އަށް އިހްތިރާމް އަދާކޮށްފަ އެވެ. ލެސްޓާ އަށް ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން އީނާޗޯ އަށް ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ކުރި ފައުލަކުންނެވެ.
ރެކޯޑް އަގުދީފައި ގެނައި ގްރީލިޝް ވަނީ މެޗުގެ 65 މިނެޓުގައި ކުޅެން އަރައިފަ އެވެ. އެކަމަކު މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުމެއް ގްރީލިޝް އަކަށް ނުދެއްކުނެވެ.
މިއީ ކޯޗު ގާޑިއޯލާ ޖެހިޖެހިގެން ދެ ފައިނަލުގައި ބަލިވި ފުރަތަމަ ފަހަރެވެ. ދެން ބަލިވީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ އަތުންނެވެ. ކޯޗު ރޮޖާސްގެ އިރުޝާދުގެ ދަށުން ލެސްޓާ އިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ކާމިޔާބީއަކުން ސީޒަން ފެށިއިރު މިއީ 1971 ވަނަ އަހަރުގެ ފަހުން ލެސްޓާ އަށް ކޮމިއުނިޓީ ޝީލްޑް އުފުފާލެވުނު ފުރަތަމަ ފަހަރެވެ.
ސީޒަން ހުޅުވަން ކުޅުނު މެޗަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.
Advertisement
Leave a Reply