ބެންގަލޫރު ބަލިކުރެވޭނެކަމުގެ ބޮޑު އުއްމީދަކާއެކު އީގަލްސް އިން 15 އަށް ތައްޔާރުވަނީ

Advertisement

ބެންގަލޫރު ބަލިކުރެވޭނެކަމުގެ ބޮޑު އުއްމީދަކާއެކު އީގަލްސް އިން 15 އަށް ތައްޔާރުވަނީ

ޢަލީ ޝަހީމް
މިދިޔަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް ޓީމު ފަރިތަކުރަނީ. މިހާރު އެޓީމު ތައްޔާރުވަމުން އަންނަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދަން. - ފޮޓޯ: އީގަލްސް

އިންޑިއާގެ ބެންގަލޫރު އެފްސީ އަކީ އެ ކްލަބުގެ ތާރީހުގައި އިދިކޮޅަށް ނުކުންނާނެ އެންމެ މޮޅު ޓީމުކަމަށާއި، އުއްމީދަކީ ހޯމް އެޑްވާންޓޭޖާ އެކު ބެންގަލޫރު އެފްސީ ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުން ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަޒު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އީގަލްސްގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ވަނުމަށް މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ އިންޑިއާ އަދި މި ސަރަހައްދުގެ ގަދަބާރު ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. މެޗަށް އީގަލްސް އިން ފޯރީގައި ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ހަތް ކުޅުންތެރިއެއް އެޓީމަށް ވަނީ ގެނެސްފަ އެވެ.

މެޗާ ގުޅޭގޮތުން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ކޯޗު ޝާޒް ބުނީ ތަޖުރިބާ އާއި ކާމިޔާބީއަށް ބަލާއިރު ވެސް ބެންގަލޫރަކީ އޭއެފްސީ ކަޕްގެ މި ގްރޫޕުގައި ވާދަކުރަން އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

“ބެންގަލޫރުގެ އެކްސްޕީރިއެންސް އެއީ ވަރަށް ބޮޑު އެއްޗެއް. ޓީމްގެ ސެޓިން އަށް ބަލާލާއިރުގައި ވެސް ވަރަށް ރަނގަޅު ކުޅުންތެރިން މިތިބީ. މިހާރު ކޮމްޕެއާ ކޮށްލާއިރު ގްރޫޕް ސްޓޭޖުގައި ތިބި ޓީމުތަކަށް ބަލާލިޔަސް ކުޑަތަންކޮޅެއް ރަނގަޅުކޮށް މި ފެންނަނީ ބެންގަލޫރު. އެހެންވީމަ އެންމެ ވަރުގަދަ ޓީމުކަމަށް މި ބަލަނީ. އެހެންވީމަ އެމީހުންގެ ސްޓްރެންތު ވަރަށް ވަރުގަދަ. އީގަލްސްއާ އަޅާބަލާއިރު ބެންގަލޫރު އަދިވެސް މާ ވަރުގަދަވާނެ. އެހެންނަމަވެސް ހޯމްގަ ކުޅޭއިރުގަ މިހާރު އީގަލްސްގަ ތިބި އެކްސްޕީރިއެންސް ކުޅުންތެރިންނާ އެކު އެޑްވާންޓޭޖް ނެގިދާނެކަމަށް މި ބަލަނީ. އުއްމީދު މި ކުރަނީ ހަމަ އެ މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖަށް ވަންނަން”  ޕްރޯ ލައިސަންސް ކޯޗު ޝާޒް ބުންޏެވެ.

އޭއެފްސީ ކަޕާ ދިމާކޮށް ކުރު އެއްބަސްވުމެއްގެ ދަށުން އީގަލްސް އަށް ބަދަލުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް، މާޒިޔާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭ)، އިސްމާއީލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

އީގަލްސް އިން ނަތީޖާ ނެރުމުން ޝާޒް ހިތްހަމަޖެހިފައި

އީގަލްސްގެ މެޗެއްގެ ތެރެއިން ޝާޒް. ބެންގަލޫރާ ދެކޮޅަށް ކުޅުމަށް އީގަލްސް އިން މިހާރު އަންނަނީ ފަރިތަކުރަމުން. – ފޮޓޯ: އަދަދު

ޝާޒް ބުނީ އަލަށް އިތުރުވި ކުޅުންތެރިންނާ އެކު އީގަލްސް ވަރުގަދަވެއްޖެ ކަމަށާއި، މިހާރު ބޮޑަށް ވިސްނުން ހުރީ ބެންގަލޫރު މެޗަށް ޓީމުގެ ފިޓްނެސް ރަނގަޅުކުރަން ކަމަށެވެ.

“މުޅި ޓީމަށް އެކްސްޕީރިއެންސްގެ (އާ ކުޅުންތެރިންނާއެކު) ގޮތުން ވަރަށް ރަނގަޅު ވާނެ. ވަރަށް އެކްސްޕީރިއެންސް ސްކޮޑަކަށް މިވީ އީގަލްސްގެ ޓީމު. ކުރީގަ ވެސް ސީނިއާ ޕްލެޔަރުން އަދި ނެޝަނަލް ޓީމު ޕްލެޔަރުން ވެސް އެބަތިބި. ދެން އޭގެ ތެރެއިން އިތުރު ނެޝަނަލް ޕްލެޔަރުން ޖޮއިން ކުރުމަކީ މިކަހަލަ މެޗަކަށް ބަލާއިރު ވަރަށް ވަރުގަދަވާނެ ކަމެއް” ޓީސީ ދޫކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އީގަލްސްގެ ކޯޗުކަމާ ހަވާލުވި ޝާޒް ބުންޏެވެ.

ޝާޒް ބުނީ އޭއެފްސީ ކަޕްގެ ތަޖުރިބާ ހުރި ކުޅުންތެރިން ޓީމުގެ ސްކޮޑަށް މެނޭޖްމަންޓުން އިތުރުކުރި އެއް ސަބަބަކީ އީގަލްސްގެ ނަން އޭއެފްސީ ކަޕަށް އާވުން ކަމަށެވެ. އެކަމަކު މިހާރު ތިބި ކުޅުންތެރިންގެ ތަޖުރިބާއާ އެކު އީގަލްސް މަސައްކަތްކުރަނީ ބޭނުންވާ ގޭމްކުޅެ ބެންގަލޫރު ބަލިކުރަން ކަމަށް ޝާޒް ބުންޏެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުމުން ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން މިދިޔަ ދުވަސްތަކުގައި ތިބީ ރަނގަޅު ޕްރެކްޓިސްއެއް ނުލިބި އެވެ. ޝާޒް ބުނީ މެޗަށް ތައްޔާރުވާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅުންތެރިންގެ ފިޓްނެސް ހިފެހެއްޓުމާއި ބެންގަލޫރާ ދެކޮޅަށް ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ.

“އީގަލްސް ވެސް ވަރަށް ބޮޑަށް މި ތައްޔާރުވީ ބެންގަލޫރާ ކުޅެން. ދެން ހޯމްގަ ކުޅޭއިރު ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބޭނެ ކަމަށް މި ބަލަނީ. އަނެންހެން ބަލާއިރު ބެންގަލޫރުގެ ފެންވަރު ވަރަށް ބޮޑުތައް ރަނގަޅު” ޒުވާން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕާ ދިމާކޮށް ބަކާ އާއި އީސަ އީގަލްސް އަށް

އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސްއާ ގުޅުނު އީސަ އަދި ބަކާ. ރާއްޖޭގެ ހަތް ކުޅުންތެރިއަކު އީގަލްސް ޓީމާ ވަނީ ގުޅިފައި

ޕްލޭއޮފްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ މާލޭގައި 0-2 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ދެ ވަނަ މެޗުގައި އީގަލްސް ވާދަކުރަން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި ގުޅިގެން ޑާކާ އަބަހާނީ އަށް މެޗު ކުޅެން ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން އީގަލްސް އަށް އެ މެޗު ލިބި ސީދާ ޕްލޭއޮފަށް ކޮލިފައިވީ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ. މި ގްރޫޕުގެ ތިން ޖާގަ މިހާރު ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރު އެންމެ ފަހުން ރާއްޖޭގެ މާޒިޔާއާ ވާދަކޮށް ވަނީ ބަލިވެފަ އެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ. އޭގެ ކުރިން ގްރޫޕް ސްޓޭޖަށް ވަންނަ މި މަހުގެ 15 ވަނަ ދުވަހު އީގަލްސްއާ ބެންގަލޫރު ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *