ލީގު ލިބޭނީ ސިޓީ ފަހަތަށްޖައްސާލެވޭ ޓީމަކަށް: ސޯލްޝެއާ

Advertisement

ލީގު ލިބޭނީ ސިޓީ ފަހަތަށްޖައްސާލެވޭ ޓީމަކަށް: ސޯލްޝެއާ

ޢަލީ ޝަހީމް

މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ލިބޭނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލެވޭ ޓީމަކަށް ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހުގެ ރޭ ފަށާއިރު ސޯލްޝެއާ ބުނީ ފޭވަރިޓުންނަކީ ސިޓީ ކަމަށް ވިޔަސް ޔުނައިޓެޑަށް ވެސް ލީގު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން ވަނީ 107 މިލިއަން ޕައުންޑަށް އިންގްލެންޑުގެ ޖޭޑަން ސަންޗޯ އާއި ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ގެނެސްފަ އެވެ. ސަންޗޯ އަދި ޔުނައިޓެޑާ އެކު ފަރިތަކުރުން ފަށާފައިނުވާއިރު ވަރާން އަދި މެޑިކަލް ފުރިހަމަކޮށްފައެއްނުވެ އެވެ. ސޯލްޝެއާ ބުނީ ލީގުގެ ފުރަތަމަ މެޗުގެ ކުރިން މި ދެކުޅުންތެރިން ވެސް ޓީމާ ގުޅޭނެ ކަމަށެވެ.

ސިޓީން ވަނީ އިނގިރޭސި ރެކޯޑް އަގަކަށް އެސްޓަން ވިލާ އިން ޖެކް ގްރީލިޝް ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. ސިޓީގެ މިހާރުގެ ޓާގެޓަކީ ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލާނެކަމަށް ބެލެވޭ ފޯވާޑް ހެރީ ކޭން ގެނައުމެވެ. ލީގު ތައްޓަށް ވާދަކުރުމުގެ ރޭހުގައި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން އަންނަނީ އިންޓަ މިލާންގެ ރޮމެލޫ ލުކާކޫގެ ސޮއި ހޯދަން މަސައްކަތްކުރަމުންނެވެ. ލިވަޕޫލުން ވަނީ އާރުބީ ލައިޕްޒިގަށް ކުޅުނު ޑިފެންޑަރު އިބްރާހިމަ ކޮނާޓޭ ގެނެސް ޑިފެންސް ލައިން ވަރުގަދަކޮށްފަ އެވެ.

“މިދިޔަ ސީޒަނުގެ ޗެމްޕިއަން (މެންޗެސްޓަރ ސިޓީ) އަށް ވުރެ މަތިން ނިންމާ ޓީމަކީ ލީގުގެ ޗެމްޕިއަން ޓީމް” ފޭވަރިޓުންނަކީ ސިޓީކަން ހާމަކުރަމުން ސޯލްޝެއާ ބުންޏެވެ.

ސަންޗޯ އާއި ވަރާންއާ އެކު ޔުނައިޓެޑުން އެންމެ ބޭނުންވި ދެ މަގާމް ވަނީ ވަރުގަދަވެފަ އެވެ. އެކަމަކު އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ކިއެރަން ޓްރިޕިއޭ އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަން ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަށް އެއްބަސްނުވެ ސޯލްޝެއާ ބުނީ އިތުރަށް އެޓީމުން ހަދާ ކޮންމެ ޓްރާންސްފާއަކީ ޓީމަށް ލިބޭނެ ބޯނަހެއް ކަމަށެވެ.

“މި ކުރިމަތިލާ ސީޒަނަކީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ސީޒަނަށް ވާނެ. މިދިޔަ ދެތިންއަހަރު ސިޓީއާ ލިވަޕޫލް ދިޔައީ ތައްޓަށް ވާދަކުރަމުން. އެކަމަކު އަހަރެންނަށް ހީވާގޮތުގައި ޔުނައިޓެޑާއި ޗެލްސީން ރަނގަޅަށް ހަރަދުކޮށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފި. އެކަންކަމަށް ބަލާއިރު ޔުނައިޓެޑާ ޗެލްސީ އަށް ވެސް ތައްޓަށް ވާދަކުރެވޭނެ” ކުރިން ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ ވާދަކުރާނީ ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑާއި އާސެނަލް އެވެ. ޔުނައިޓެޑްގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *