މެސީ ބަހައްޓައިފި ނަމަ 50 އަހަރަށް ބާސެލޯނާ ނުރައްކަލަށް ވެއްޓޭ: ލަޕޯޓާ

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ބާސެލޯނާގައި ބަހައްޓަން ނިންމި ނަމަ ކުރިއަށް އޮތް 50 އަހަރަށް ކްލަބް ނުރައްކަލަކަށް ވެއްޓުމުގެ ފުރުސަތު އެބައޮތްކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ އުމުރުން 34 އަހަރުގެ މެސީ ދޫކޮށްލަން ނިންމިކަން ބާސެލޯނާ އިން ރޭ އިއުލާންކުރި އިރު އެކަން ބާސެލޯނާއަށް ކުރަން މަޖްބޫރުވީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތަށް މެސީގެ މުސާރައިގެ ކަންކަން ބާސެލޯނާ އަށް ހަމަޖެއްސެން ނެތުމުންނެވެ.
“ކުރިއަށް އޮތް 50 އަހަރަށް ކްލަބަށް އަސަރުކޮށްފާނެ ވަރުގެ ނިންމުމެއް އަހަރެންނަކަށް ނުނިންމޭނެ. މިއީ 100 އަހަރުވީ ކްލަބެއް. މި ކްލަބް އެހެން ހުރިހާ އެންމެންނަށްވުރެ ބޮޑު. . އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވިޔަސް އެކަން އޮތީ އެހެން. އަހަރަމެން އަބަދުވެސް މެސީ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރުވެރިވާނަން. ” މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަޕޯޓާ ބުނެފައިވެ އެވެ.
“އެންމެ އިންސާފުވެރިކޮށް ކަންކުރުމަށްޓަކައި އަހަރުމެންނަށް އޮތީ މެސީ ދޫކޮށްލުން. އެ ނޫންގޮތަކަށް އެކަން ކުރަން އުޅެފި ނަމަ ކުލަބް އެ ވައްޓާލެވެނީ ނުރައްކަލަށް. ” ލަޕޯޓާ ބުނެފައިވެ އެވެ.
މެސީ އިތުރު ފަސް އަހަރު ބާސެލޯނާގައި މަޑުކުރަން ކުރިން އޮތީ އެއްބަސްވެސް ވެފަ އެވެ. ދެބައިކުޅަ އެއްބަޔަށް މެސީގެ މުސާރަވެސް ކުޑަކޮށްގެންނެވެ. އެކަމަކު އެއާއެކުވެސް އެ އެއްބަސްވުމުގައި ބާސެލޯނާއަށް ސޮއި ނުކުރެވުނީ އެ މުސާރަ ވެސް އެ ކްލަބަށް ދެވޭނެ މަގެއް ނުފެނުމުންނެވެ.
“މެސީ ބޭނުންވި ބާސެލޯނާގައި މަޑުކުރަން. އަހަރެމެންވެސް ބޭނުންވީ އެ ގޮތް. އެކަމަކު އެކަން އެހެން ވާން ނެތީ.” ބާސެލޯނާގެ ރއީސް ބުނެފައިވެ އެވެ.
މެސީ އަކީ ބާސެލޯނާގެ ތާރީހުގައިވެސް އެ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ ޖޯޒީގައި 672 ގޯލް މެސީ ކާމިޔާބުކުރި އިރު އޭނާ ވަނީ ބާސެލޯނާ އަށް 10 ލީގު ޓައިޓްލް ހޯދައިދިނުމުގެ އިތުރުން ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
Advertisement


Leave a Reply