މެސީ އަށް ސިޓީގެ ޝައުގުވެރިކަމެއް ނެތް، އެމީހުން ބޭނުންވަނީ ކޭން

Advertisement

މެސީ އަށް ސިޓީގެ ޝައުގުވެރިކަމެއް ނެތް، އެމީހުން ބޭނުންވަނީ ކޭން

ޢަބްދުﷲ އަޝްރަފް

ބާސެލޯނާއިން މެސީ ދޫކޮށްލަން ނިންމިކަން ރަސްމީކޮށް އިއުލާންކުރި ނަމަވެސް މެންޗެސްޓަރ ސިޓީއަށް މެސީ ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އެ ކްލަބްގެ ޝައުގުވެރިކަން ބޮޑަށް ހުރީ ޓޮޓެންހަމަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމްގެ ކެޕްޓަން ހެރީ ކޭން ގެންނަން ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީއަކީ ބާސެލޯނާ ދޫކޮށްލައިފި ނަމަ މެސީ ބަދަލުވާނެ ކަމަށް ކުރިން އެންމެ ބޮޑަށް ބެލެވިފައި އޮތް ކްލަބެވެ. ބާސެލޯނާގައި މެސީގެ އެންމެ ކާމިޔާބު ދުވަސްތައް ގުނަމުން އައިއިރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ގާޑިއޯލާ އާއި މެސީ އާ ދެމެދު ގާތް ގުޅުމެއް އުފެދިފައި އޮތުމާއެކު އެ ހީކުރުންތައް ގިނަ ބައެއްގެ ހިތުގައި ހަރުލާފައި އޮތް ނަމަވެސް އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ސިޓީއަށް ގެންނަން ނުވިސްނާކަން ވަރަށް ސާފުކޮށް ގާޑިއޯލާ ވަނީ މިއަދު ބުނެފަ އެވެ.

Advertisement

“އަހަރެމެން ޖެކް ގްރީލިޝް ގެންނަން ބޮޑު ހަރަދެއް ކޮށްފިން. އޭނަ ބޭނުންކުރާނީ 10 ނަންބަރު ޖާޒީ. އަހަރެމެން ހީކޮށްގެން ތިބީ މެސީ ބާސެލޯނާގައި މަޑުކުރާނީ ކަމަށް. އެހެންވެ އަހަރެމެންނަށް އެންމެ ރަގަޅު މީހަކަށް ދެން ފެނުނީ ގްރީލިޝް. މިހާރު އަހަރުމެންގެ ވިސްނުމަކު މެސީ އެއް ނެތް.” މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަންކަން ސިޓީއަށް ހޯދައިދިން ކޯޗް ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ވަނީ ބާސެލޯނާ އިން މެސީ ދޫކޮށްލުމާ ގުޅޭގޮތުންވެސް ވާހަކަދައްކައިފަ އެވެ.

“އެހެން އެންމެންނެކޭ އެއްފަދައިން ބާސެލޯނާއިން މެސީ ދޫކޮށްލުންވީ އަހަރެންނަށްވެސް ލިބުނު ހައިރާންކަމަކަށް. އަހަރަކު 487 މިލިއަން ޔޫރޯގެ ގެއްލުމެއް ކްލަބަކަށް ވާނަމަ އެކަމާ ގުޅިގެން ނަގަންޖެހޭ ފިޔަވަޅެއް ކޮންމެ ކްލަބަކުންވެސް ނަގާނެ. ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވީ މެސީގެ ކެރިއަރ ނިމެންދެން އެ ކުލަބްގައި ހުންނަން. އެކަމަކު އެއީ ބާސެލޯނާގެ ހާލަތު ތަންދޭ ކަމަކަށް ނުވީ. ”  ކޯޗެއްގެ ގޮތުގައި ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ގާޑިއޯލާ ބުންޏެވެ.

ސިޓީން އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ގެނައިކަން އިއުލާންކުރީ ރޭ ބާސެލޯނާއިން މެސީ ދޫކޮށްލަން ނިންމި ކަން އިއުލާންކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. 100 މިލިއަން ފައުންޑަށް އެސްޓަން ވިލާގެ ކެޕްޓަން ގްރީލިޝް ސިޓީއަށް ބަދަލުވުމާއެކު ހެރީ ކޭން ގެންނަން އެ ކްލަބުން ކުރަމުން އައި މަސައްކަތް ހުއްޓާލާނެ ކަމަށް ބެލެވުނު ނަމަވެސް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނެފައިވަނީ ކޭން އެ ކުލަބަށް ގެނައުމުގެ ޝައުގުވެރިކަން އަދިވެސް އެބައޮތް ކަމަށެވެ. އެކަމަކު އެކަން ހަގީގަތަކަށް ވުމުގައި ކޭންގެ ސޮއި ހޯދަން ސިޓީއާއި ޓޮޓެންހަމާ ދެމެދު ދެކެވޭ ވާހަކަތައް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

“އަހަރެމެންގެ ޝައުގުވެރިކަން ކޭންއަށް އެބައޮތް. އެކަމަކު ކޭންގެ ޓްރާންސްފާ އާ ގުޅޭ ގޮތުން ޓޮޓެންހަމުން ވާހަކަދައްކަން ބޭނުން ނުވާކަމަށް ވަންޏާ އެކަމާ ގުޅޭގޮތުން އަހަރެމެންނަށް ބުނެވޭނެ އެއްޗެއް ނެތް. އެމީހުން ވާހަކަދައްކަން ތައްޔާރަށް އޮތް ނަމަ އަހަރެމެން މިތިބީ ކޭން ގެނެވޭތޯ މަސައްކަތްކުރަން. އެއީ މިވަގުތަށް ބުނެވެން އޮތް އެއްޗަކީ” ގާޑިއޯލާ ބުނެފައިވެ އެވެ. .

ޓޮޓެންހަމަށް 221 ގޯލްޖަހައިދީ، އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓް ތިން ފަހަރު ހޯދައިފައިވާ ކޭން އަންނަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ ވާހަކަތަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ޓޮޓެންހަމަށް ނުސީދާގޮތުން ޕްރެޝަރު ކުރަމުންނެވެ.  ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި މިހަފްތާގައި ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އޭނާ އަދި ފަރިތަކުރުންތަކަށް ހާޒިރުވާން ފަށާފައެއް ނުވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *