ބާސެލޯނާ އާއެކު މެސީގެ އެންމެ ގަދަ 10 ހަނދާން
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ގިނަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމިކަން އެ ކްލަބުން ރޭ އިއުލާންކުރުމާއެކު މުޅި ދުނިޔެއަށް ލިބުނީ ޝޮކެކެވެ. ގިނަ ބަޔަކު ތިބީ އެފަދަ ހަބަރެއް އިވިދާނެ ކަމަށް އެއްވެސް ވަރަކަށް ހީކޮށްގެނެއް ނޫނެވެ. ބާސެލޯނާގެ ސަޕޯޓަރުން އެކަން އެހެން ވާނެކަމަށް އަމުދުން އުއްމީދެއްވެސް ނުކުރެ އެވެ. އެކަމަކު ކަންވެ ނިމިއްޖެ އެވެ. އިތުރަށް ބާސެލޯނާގެ ސަޕޯޓަރުންނަށް އޮތީ މެސީގެ ހަނދާންތަކާ އެކު ހަޔާތުގެ ކުރިއަށް އޮތްތަން ވޭތުކުރުމެވެ. މި އާޓިކަލްގައި މި ބަލާލަނީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގައި މެސީ ހޭދަކުރި 16 އަހަރުގެ ތެރޭގައި އައި ފާހަގަކޮށްލެވޭ އެތައް ވަގުތެއްގެ ތެރެއިން ލައިވްސްކޯ ޑޮޓްކޮމްއިން ފާހަގަކޮށްފައިވާ 10 ވަގުތުކޮޅެވެ.
ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ގޯލް
އެއީ 2005 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހެވެ. ސްޕެނިޝް ލީގުގައި އެ ދުވަހު ބާސެލޯނާ އިން އަލްބަކޭޓްއާ ދެކޮޅަށް ކުޅުނު މެޗްގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން ނުކުތް އިރު އެއީ އަދި 17 އަހަރުގެ ކުޑަކުއްޖެކެވެ. އޭރު 30 ނަންބަރު ޖާޒީގައި ކުޅުނު މެސީ އެ މެޗަށް އެރީ ކެމަރޫންގެ ގައުމީ ޓީމްގެ ފޯވާޑް ސަމުއެލް އެޓޫގެ ބަދަލުގަ އެވެ.
މެޗްގެ 90 ވަނަ މިނެޓާ ހަމައަށް އައިއިރު ބާސެލޯނާ އޮތީ 0-1 އިން ކުރީގަ އެވެ. ދެން ފެނުނީ އޭރު މުޅި ބާސެލޯނާގެ ހިތް ކަމަށްވާ ބްރެޒިލްގެ ރޮނާލްޑީނިއޯ އިދިކޮޅު ދެ ޑިފެންޑަރުންގެ ބޯ މަތިން ހިތްގައިމު ބޯޅައެއް މެސީ ހުރި ދިމާލަށް ވައްޓާލި ތަނެވެ. އެއާއެކު ދެން ސިފަވެގެން ދިޔައީ އޭގެ ފަހުން އައި 16 އަހަރުވެސް މެސީ ތަކުރާރު ކުރަމުން އައި ޖާދޫގެ ވަރުގަދަކަން ތަސައްވަރުކޮށްދިން ފުރިހަމަ މަންޒަރެކެވެ. ބޯޅަ ފެނުޖެހިފައި މައްޗަށް އެރި ވަގުތު ގޯލް ކީޕަރުގެ ބޯ މަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލި ވަގުތު މެޗްގެ ކޮމެންޓޭޓަރަށް ބުނެވުނީ “ރިމެމްބާ ދަ ނޭމް” މިހެންނެވެ.
2007 ގައި ރެއާލް މެޑްރިޑް ކޮޅަށް ވައްދާލި ހެޓްރިކް
ބާސެލޯނާ އަށް ފުރަތަމަ ގޯލް މެސީ ކާމިޔާބުކޮށްދިންތާ ދެ އަހަރު ފަހެވެ. އޭރު ގިނަ ބަޔަކު އައީ މެސީގެ ވާހަކަ ދައްކަމުންނެވެ. މެސީގެ ކޮންމެ ހަރަކާތަކަށް އެތައް ބައެއްގެ ޝައުގުވެރިކަން އޭރުވެސް އޮތީ ދަމައިގެންފަ އެވެ. މިފަހަރު މިއީ ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް 2007-2006 ގެ ސީޒަންގައި ކުޅުނު ދެވަނަ މެޗްގެ ހަނދާން އާކޮށްލުމެކެވެ. އެފަހަރުގެ ލީގުގައި ބާސެލޯނާއާ ރެއާލް މެޑްރިޑް ވާދަކުރި ފުރަތަމަ މެޗުން ކުރި ހޯދައިފައި އޮތީ ރެއާލް އެވެ. ދެވަނަ މެޗް ކުޅުނީ ބާސެލޯނާގެ އަމިއްލަ ދަނޑުގަ އެވެ. ކަންއެހެން އޮތަސް މިފަހަރުވެސް ފުރަތަމަ ގޯލް ފެނުނީ ރެއާލްގެ ފަރާތުންނެވެ. މެޗްގެ ވަރަށް ކުރީ ކޮޅު ރެއާލް އިން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް މެސީ ބާސެލޯނާއަށް އެއްވަރުކޮށްދިނެވެ. އެއީ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި ލީގު މެޗެއްގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
އެ ގޯލަށްފަހު އަނެއްކާވެސް ފެނުނީ ރެއާލް އިން ގޯލެއް ޖަހައި އަލުން މެޗްގެ ލީޑް ނެގި ތަނެވެ. އެކަމަކު ބާސެލޯނާ އިން އަލުން ހިތްވަރުކޮށް އުފެއްދި ހަމަލާއެއްގައި މެސީ ދެވަނަ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ. އެވަރުންވެސް ރެއާލުން ދުލެއް ނުދިނެވެ. އެ ޓީމްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ލަނޑެއް ޖަހައި ނަތީޖާ އެމީހުން ކޮޅަށް އަނބުރާލި އެވެ. އޭގެ ފަހުން ދެން ފެނުނީ ބާސެލޯނާގެ ރިހެމުން އައި ފައި މައްޗަށް ފޮއި ވެއްޓުނު ތަނެވެ. އެއް ލަނޑުން ފަހަތުގައި އޮއްވައި ޓީމްގެ ކުޅުންތެރިއަކަށް ރަތް ކާޑް ދެއްކުމާއެކު އެއް ކުޅުންތެރިއަކު މަދުވި އެވެ. އެކަމަކު މެޗް ނިމެން ތިން މިނެޓަށް ވެފައި އޮއްވައި ލީގުގައި ދެވަނަ ފަހަރަށް ރެއާލް އަތުން ބަލިވުމުގެ ލަދުން ސަލާމަތްކޮށްދިނީ މެސީ އެވެ. މިއީ އެލް ކްލެސިކޯ މެޗެއްގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ.
ގެޓާފޭ އާ ދެކޮޅަށް ކާމިޔާބުކުރި މޮޅު ގޯލް
އަލް ކްލެސިކޯ މެޗްގައި ފުރަތަމަ ފަހަރަށް މެސީ ހެޓްރިކް ހެދިތާ މަހެއްހާ ދުވަސް ފަހުން ގެޓާފޭއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗެއްގައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސީން ކޮޅަށް އާޖެންޓީނާގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ ވައްދާލި ކަހަލަ ގޯލެއް މެސީ ޖެހި އެވެ.
ކޮޕާ ޑެލް ރޭ ސެމީ ފައިނަލް މެޗްގައި ގެޓާފޭ ކޮޅަށް އެ ލަނޑު ޖަހަން މެސީއަށް ބޯޅަ ލިބުނީ ބާސެލޯނާގެ ހާފްގެ ތެރެއިންނެވެ. ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް މެސީ އަށް ޖައްސާލި އެ ބޯޅަ ހިފައިގެން މެދު ރޮނގު ހުރަސްކޮށް ގެޓާފޭގެ ފަސް ކުޅުންތެރިން ކަޓުވާލުމަށްފަހު ގޯލްގެ ތެރެއަށް ވައްދާލޯ ކީޕަރު ގާތުންވެސް ނެއްޓުމަށްފަހު ހަނި އޭންގަލަކުންނެވެ. އެއީ ބާސެލޯނާގައި މެސީ މިހާތަނަށް ހޭދަކުރި 16 އަހަރުގެ ތެރޭގައިވެސް އޭނާގެ ފަރާތުން ފެނުނު އެންމެ މޮޅު ގޯލެވެ. ސްޕެއިންގެ ނޫސްތަކުން ޖެހިގެން އައި ދުވަހު އެ ގޯލް ސިފަކޮށްފައި އޮތީ “މެސީޑޯނާ” ގެ ގޮތުގަ އެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ބޮލުން ވައްދާލި ގޯލް
މެސީގެ ހުނަރުވެރިކަމުގެ ވާހަކަ ދައްކާއިރު ބޮލުން ޖެހުމުގެ ވާހަކަ ދެކެވޭނީ އެހެން ހުރިހާ ކަމެއްގެ ވާހަކައަކަށް ފަހުން ކަމުގައި ބެލެވެ އެވެ. މެސީގެ މުޅި ކެރިއަރުގައި ވެސް މިހާތަނަށް ބޮލުން ކާމިޔާބުކޮށްފައިވަނީ އެންމެ 20 ގޯލެވެ. އެކަމަކު މެސީ ކާމިޔާބުކުރި ގޯލްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ގޯލަކީ 2009 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ބޮލުން މެސީ ވައްދާލި ގޯލެވެ.
މެޗްގައި 0-1 އިން ބާސެލޯނާ ކުރީގައި އޮއްވައި ޒަވީ މޮޅު ހުރަހެއް ނަގައިދިން އިރު އެ ބޯޅައަށް މަޑުކޮށްގެން މެސީ ހުރީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގަ އެވެ. ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑް ކައިރިން ކުޑަކޮށް އެއް ފަރާތަކަށް ޖެހުމަށްފަހު ފަސް ފޫޓް ހަތް އިންޗި ހުންނަ މެސީ ފުންމައިގެން އަރައި ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލި އިރު ކީޕަރު އެޑްވިން ވެން ޑަ ސާ އަށް ބޯޅަ މަތަކުރަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
ވެމްބްލީގައި ކުޅުނު ފައިނަލް މެޗްގައި ޖެހި ގޯލް
އޭގެ ދެ އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބާސެލޯނާ އާ މެންޗެސްޓާ ޔުނައިޓެޑް އަނެއްކާވެސް ވާދަކުރި އެވެ. މިފަހަރުގެ މެޗް އޮތީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެ މެޗާ ހަމައަށް އައިއިރު މެސީ އިނގިރޭސި ވިލާތުގެ ފަސްގަނޑުގައި އަށް ފަހަރު ކުޅުނު އިރު ވެސް އޮތީ ގޯލެއް ކާމިޔާބު ނުކުރެވި އެވެ. މެސީ އަށް އެކަން މާބޮޑު ކަމަކަށް ނުވިއަސް މީޑިއާއިން އެކަން ސިފަކޮށްފައި އޮތީ ބަދު ނަސީބެއްގެ ގޮތުގަ އެވެ.
އެކަމަކު މީޑިއާގެ އެ ހުރިހާ ފާޑުކިޔުމަކަށް މެސީ ޖަވާބުދިނީ އެކަމަށް އެންމެ މުނާސަބު ވަގުތުގަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ގަ އެވެ. އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބާ ދެކޮޅަށް ކުޅެ ގޯލް ޖަހައިގެންނެވެ. ގޯލާ 25 ޔާޑް ދުރުގައި ހުރެ ޔުނައިޓެޑްގެ ގޯލަށް ވައްދާލި ލަނޑާއެކު މެސީ އެފަހަރު ކަރުގައި އަޅުވާލީ ޗެމްޕިއަންސް ލީގުގެ ތިން ވަނަ މެޑަލެވެ.
ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗްގައި ޖެހި ފަސް ގޯލް
ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެއް މެޗެއްގައި ފަސް ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔަކީ މެސީ އެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން އާ ދެކޮޅަށް މެސީ ފަސް ގޯލް ޖެހި މެޗްގެ ކުރިން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗްވެސް 1-3 އިން ކާމިޔާބުކޮށްފައި އޮތީ ބާސެލޯނާ އެވެ. އެކަމަކު ވެސް ބާސެލޯނާ އިން އަމިއްލަ ދަނޑުގައިވެސް ބޭނުންވީ ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވާށެވެ.
މި މެޗްގައި މެސީ ކާމިޔާބުކުރި ފަސް ގޯލަކީ ވެސް ވަރަށް މޮޅު ފަސް ގޯލެވެ. މެޗަށް ފަހު ވާހަކަދައްކަމުން މެސީ ބުނެފައިވަނީ އެ ފަސް ގޯލްގެ ތެރެއިން އެންމެ މޮޅީ ވަކި މިވެނި ގޯލެކޭ ބުނަން އޭނާއަށް އުނދަގޫ ކަމަށެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެ މެޗްގައި މެސީ ދެއްކި ކުޅުމަކީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އެއް ކުޅުންތެރިއެއްގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުމެވެ.
ގާޑް މުލާގެ ރެކޯޑް މުގުރާލުން
އެއް އަހަރުގެ ތެރޭގައި 85 ގޯލް ޖަހައިގެން ޖަރުމަނުގެ ކުރީގެ ފުޓްބޯޅަ ތަރި ގާޑް މުލާ 70 ގެ އަހަރު ތަކުގެ ތެރޭގައި ހެދި ރެކޯޑަކީ މުގުރާލަން އެންމެ އުނދަގޫވާނެކަމަށް އޭރުވެސް ބެލެވުނު އެއް ރެކޯޑެވެ. ކަންވީވެސް އެހެންނެވެ. އެ ރެކޯޑް މުލާގެ އަތުން އަތު ނުލެވި ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ފާއިތުވި އެވެ. އެ ރެކޯޑްވެސް އެންމެ ފަހުން 2012 ވަނަ އަހަރު މުގުރާލީ މެސީ އެވެ. މުލާ އަށް ވުރެ އިތުރަށް ހަ ގޯލް ކާމިޔާބުކޮށްގެންނެވެ. އެއާއެކު މެސީ ދެން މެސީ ހެދި އަނެއް ރެކޯޑަކީ ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް 50 ގޯލް ހަމަކުރި ކުޅުންތެރިޔާއަށް ވުމުގެ ރެކޯޑެވެ. މި ރެކޯޑަކީ ދެން އެހާ އަވަހަށް އެހެން ކުޅުންތެރިއަކަށް މުގުރާލެވޭނެ ރެކޯޑެއް ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ.
ސްޕެނިޝް ލީގުގައި ލަނޑުގެ ރެކޯޑް ހެދުން
ސްޕެނިޝް ލީގުގައި އެއް ސީޒަނެއްގައި 50 ގޯލް ހަމަކުރުމުގެ އިތުރުން ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވުމަކީވެސް މެސީއަށް ލިބުނު ކުޑަ ޝަރަފެއް ނޫނެވެ. މި ރެކޯޑް ވެސް މެސީ ހެދީ ސްޓައިލްގަ އެވެ. ސެވިއްޔާ އަށް ދެކޮޅަށް ކުޅެ ބާސެލޯނާ އިން 1-5 އިން ކުރި ހޯދި މެޗްގައި ހެޓްރިކް ހަދައިގެންނެވެ.
ބާނަބައު ސްޓޭޑިއަމްގައި 500 ވަނަ ގޯލް ކާމިޔާބުކުރުން
ކެރިއަރުގެ މުހިއްމު ގޯލެއް އެންމެ ވާދަވެރި ކްލަބާ ދެކޮޅަށް އެ ޓީމްގެ އަމިއްލަ ދަނޑުގައި ކާމިޔާބުކުރުމަކީ ވަރަށް ގިނަ ކުޅުންތެރިންގެ ހުވަފެނަކަށް ވެދާނެ އެވެ. ކްލަބް ކެރިއަރުގެ 500 ވަނަ ގޯލަކީ ޔަގީނުންވެސް ހާއްސަ ގޯލެކެވެ. ކަން ދިމާކުރި ގޮތުން މެސީ ބާސެލޯނާގެ ޖާޒީގައި ކާމިޔާބުކުރި 500 ވަނަ ގޯލް ޖެހީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ރެއާލް މެޑްރިޑާ ދެކޮޅަށް ބާނަބައު ސްޓޭޑިއަމްގައި ކުޅުނު މެޗެއްގަ އެވެ.
މެޗްގެ ނަތީޖާ 2-2 އިން އެއްވަރުވެފައި އޮއްވައި ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ދިން ބޯޅައަކުން މެސީ 500 ވަނަ ގޯލް ކާމިޔާބުކުރި އިރު މެޗް ނިމެން އޮތީ އެންމެ ފަސް މިނެޓެވެ. މެޗް ނިމުނީ މެސީގެ ތާރީހީ ލަނޑާއެކު ބާސެލޯނާއަށް ކުރި ލިބިގެންނެވެ. ޝަރަފްވެރި ގޯލަށް ލިބުނީ އިތުރު ފުރިހަމަ ކަމެކެވެ. އެއާއެކު މެޗް ނިމުމުން މެސީ އުފާ ފާޅު ކުރަން ގޮސް ޖާޒީ ބާލައިގެން ހުއްޓުނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.
650 ގޯލް ހަމަކުރުން
އެއް ކްލަބަކަށް 650 ގޯލް ކާމިޔާބުކުރުމަކީ ވަރަށް މަދު ކުޅުންތެރިއަކު ނޫނީ ދެކޭނެ ހުވަފެނެއް ނޫނެވެ. މީގެ ކުރިން އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ ބްރެޒިލްގެ ޕެލޭ އަތުގަ އެވެ. 643 ގޯލް ޖަހައިގެން ޕެލޭ ހަދާފައި އޮތް އެ ރެކޯޑް މެސީ މުގުރާލީ މިއަހަރު ފެށުނު ތަނާ އެވެ. އެ ރެކޯޑް އާދައިގެ ގޯލަކުން މުގުރާލި އިރު 650 ވަނަ ގޯލް މެސީ ކާމިޔާބުކޮށްފައިވަނީ މޮޅު ހިލޭ ޖެހުމަކުންނެވެ. ބާސެލޯނާ އިން މެސީ ދޫކޮށްލަން ރޭ ނިންމިއިރު އެ އަދަދު އޮތީ 672 އަށް އަރައިފަ އެވެ. މިއީ އިންސާނަކަށް ފަސޭހައިން އަތުވާނެ ރެކޯޑެއް ކަމަކަށް ނުބެލެވެ އެވެ.
Advertisement
Leave a Reply