މައްކާގެ ވަރުގަދަ ކްލަބަކާ ވާދަކޮށް މާޒިޔާ އިން އެއްވަރުކޮށްފި
އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު ސައޫދީ އަރަބިއްޔާގައި ތަމްރީން ކޭމްޕެއް ފުރިހަމަކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗްގައި މައްކާއަށް ނިސްބަތްވާ ކްލަބަކާ ދެކޮޅަށް ކުޅެ އެއްވަރުކޮށްފި އެވެ. ނިމިގެންދިޔަ ސީޒަންގައި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ ފުޓްބޯޅަ ލީގުގައި ވާދަކުރި އަލް ވަހްދާ އެފްސީ އާ ބައްދަލުކޮށް މާޒިޔާ އިން ރޭ ކުޅުނު މެޗް އެއްވަރުވެފައިވަނީ 0-0 އިންނެވެ.
އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސައޫދީގައި ކޭމްޕްކުރަމުން އަންނަ މާޒިޔާއިން މިދިޔަ ހޯަމަ ދުވަހުގެ ރޭ ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗްގައި އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއް ކަމަށްވާ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާ ވާދަކޮށް ވަނީ މޮޅުވެފަ އެވެ. ގަދަ ހޫނުގައި ކުޅުނު އެ މެޗްގައި އިއްތިހާދުގެ ޒުވާން ޓީމުގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ އިއްތިހާދުން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައި 1-2 އިންނެވެ.
ރޭގެ މެޗް އެއްވަރުވެގެން ނިމުނު ނަމަވެސް ރާއްޖޭގެ އޮންލައިން ނޫހަކަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފުރަތަމަ މެޗަށްވުރެ ރަގަޅަށް ރޭގެ މެޗްގައި މާޒިޔާގެ ޓީމުން ކުޅެފައިވާ ކަމަށާއި، ވަރުގަދަ ޓީމަކާ ދެކޮޅަށް ރަގަޅުކުޅުމެއް ދެއްކިފައިވުމުން ކުޅުންތެރިންނަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށެވެ.
ރޭ މާޒިޔާ އިން ވާދަކުރި އަލް ވަހްދާ އަކީ މިދިޔަ މެއި މަހު ނިމުނު ސައޫދީ ޕްރޮފެޝަނަލް ލީގުގައި ވާދަކުރި ޓީމަކަށް ވީ ނަމަވެސް ލީގުގެ 15 ވަނައިގައި ސީޒަން ނިންމަންޖެހުމާ ގުޅިގެން މިހާރު ސައޫދީގެ ފުރަތަމަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ ޓީމެކެވެ. އެ ޓީމް ސައޫދީގެ ފުރަތަމަ ޑިވިޝަނަށް ރެލިގޭޓްވީ އެންމެ މަތީ ލީގުގައި ޖެހިޖެހިގެން ތިން އަހަރު ވާދަކުރުމަށްފަހު އެވެ.
މި މަހު މާލޭގައި ކުޅެން ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގެ މެޗްތަކަށް ތައްޔާރުވަމުން އަންނަ މާޒިޔާ އިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗްގައި އަނިޔާ ގައި ތިބި ޑިފެންޑަރު އަމްދާން އަލީ އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން ފިޔަވައި އެހްނެ ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މާޒިޔާ އިން ސައޫދީގައި ފުރިހަމަކުރަމުން އަންނަ ތަމްރީން ދަތުރުގައި ކުޅޭ އެކުވެރިކަމުގެ އެންމެ ފަހު މެޗްގައި މި މަހުގެ 12 ވަނަ ދުވަހު ނުކުންނާނީ ޖިއްދާ އެފްސީ އާ ދެކޮޅަށެވެ.
Advertisement
Leave a Reply