ގްރީލިޝް ގެނެސް ޔުނައިޓެޑުން ހެދި ރެކޯޑް ސިޓީން މުގުރާލައިފި

Advertisement

ގްރީލިޝް ގެނެސް ޔުނައިޓެޑުން ހެދި ރެކޯޑް ސިޓީން މުގުރާލައިފި

ޢަލީ ޝަހީމް
ގްރީލިޝް ސިޓީ އަށް ބަދަލުވުމަށް ފަހު ޖާޒީ ދައްކާލަނީ. އޭނާ އަށް ދިނީ އަގުއޭރޯ ސިޓީގައި ބޭނުންކުރި ނަންބަރު

އެސްޓަން ވިލާ އަށް ކުޅުނު އިންގްލެންޑް ގައުމީ ޓީމުގެ ޖެކް ގްރީލިޝް އިނގިރޭސި ރެކޯޑް އަގަކަށް މެންޗެސްޓަރ ސިޓީއާ ގުޅިއްޖެ އެވެ. ގްރީލިޝް އެޓީމާ ގުޅުނުކަން ސިޓީން ރަސްމީކޮށް ހާމަކުރީ މިރެ އެވެ.

އުމުރުން 25 އަހަރުގެ ގްރީލިޝް 100 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނީ ހަ އަހަރުގެ ދުވަހުގެ އެއްބަސްވުމެގަ އެވެ.

“މި ކްލަބާ ގުޅުމަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށްވުން” ސިޓީ އަށް ބަދަލުވުމަށް ފަހު ގްރީލިޝް ބުންޏެވެ.

މީގެ ކުރިން އިނގިރޭސި ކްލަބަކުން ކުޅުންތެރިއަކު ގެންނަން އެންމެ ބޮޑު ހޭދައެއްކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. 2016 ވަނަ އަހަރު ޔުވެންޓަސް އިން ޕައުލް ޕޮގްބާ ޔުނައިޓެޑަށް ގެނައީ ރެކޯޑް އަގު 89 މިލިއަން ޕައުންޑަށެވެ.

ޔޫރޯގައި އިނގިރޭސި ޓީމުން އެކަށީގެންވާ ފުރުސަތު ނުލިބުނު ނަމަވެސް އިންގްލެންޑް ފައިނަލަށް ގެންގޮސްދިނުމުގައި ގްރީލިޝް މޮޅު ކުޅުމެއްދެއްކި އެވެ. ސިޓީއާ ގްރީލިޝް ގުޅުމުން އަންނަ ހޮނިހިރު ދުވަހު ސިޓީން ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ގްރީލިޝް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ގްރީލިޝް އާއި ޕޮގްބާގެ ފަހަތުން އިނގިރޭސި ވިލާތުގައި އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރީ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ އެވެ. ލެސްޓާ އިން މެގުއާ ޔުނައިޓެޑަށް ބަދަލުވީ 78 މިލިއަން ޕައުންޑަށެވެ. މި ލިސްޓުގެ ހަތަރު ވަނައިގައި އުޅެނީ އެވަޓަން އިން 75 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ މިހާރު ވަނީ ޔުނައިޓެޑް ދޫކޮށް އިންޓަ މިލާނަށް ބަދަލުވެފަ އެވެ. ފަސް ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އަކީ ސައުތެމްޓަނުން 75 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ވާޖިލް ވެން ޑައިކް އެވެ.

ދުނިޔެއަށް ބަލާއިރު ގްރީލިޝް ވެފައިވަނީ ނުވަ ވަނަ އަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިޔާއަށެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 2017 ވަނަ އަހަރު 200 މިލިއަން ޕައުންޑަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާ އެވެ. ދެ ވަނައިގައި އޮތް ކިލިއަން އެމްބާޕޭ 2017 ވަނަ އަހަރު ރަސްމީކޮށް ޕީއެސްޖީ އަށް ބަދަލުވީ 166 މިލިއަން ޕައުންޑަށެވެ. ތިން ވަނައިގައި އޮތީ 142 މިލިއަން ޕައުންޑަށް 2018 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފިލިއްޕޭ ކުޓީނިއޯ އެވެ. މި ލިސްޓުގެ ހަތަރު ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑުން ބާސެލޯނާ އަށް ބަދަލުވި އުސްމާން ޑެމްބެލޭ އުޅޭއިރު ފަސް ވަނައިގައި އޮތީ ބެންފީކާ އިން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ޔާއޯ ފީލިކްސް އެވެ.

ކުޑައިރުއްސުރެ އެސްޓަން ވިލާގެ ސަޕޯޓަރެއްގެ ގޮތުގައި ބޮޑުވަމުން އައި ގްރީލިޝް އަކީ އެ ކްލަބް ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގެ އިތުރުން މިދިޔަ ދެ ސީޒަނުގައި އެ ޓީމުން ހޯދި ކުރިއެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި އެސްޓަން ވިލާ ޓީމަށް ލީގުގައި ކުޅުނު 26 މެޗުގައި 6 ގޯލު ޖަހައި 10 ގޯލު ޖަހަން ގްރީލިޝް ވަނީ މަގުފަހިކޮށްދީފަ އެވެ.

2012 ވަނަ އަހަރު އެސްޓަން ވިލާއާ ގުޅުމަށް ފަހު ގްރީލިޝް އެނޫން ކްލަބެއްގައި ހޭދަކުރީ 2014-2013 ސީޒަނުގައި ނޮޓްސް ކައުންޓީގަ އެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ. ކޭން އަށް ސިޓީން ފާރަލަނީ މިދިޔަ ސީޒަނަށް ފަހު ސާޖިއޯ އަގުއޭރޯ އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމުންނެވެ. އެކަމަކު ބޮޑު އަގުގައި ގްރީލިޝް ގެނައުމަށް ފަހު ކޭން އަށް ރެކޯޑް ހަރަދެއް ކުރާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *