އެފްއޭއެމުން ވިލިމާލޭގައި ހަދާ ދަނޑުގައި ޓާފް އަޅައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިލިމާލޭގައި ހަދަންފެށި ދަނޑުގައި ޓާފް އަޅައި ނިންމާލައިފި އެވެ.
ކުރިން އޮތް ވެލި ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެ ދަނޑުގައި ޓާފް އަޅާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގޯލްބަލް އިންނެވެ. ދެކުނު ކޮރެއާގެ ކުންފުނިން ރާއްޖޭގައި ޓާފް އަޅަން ނިންމާފައިވާ 20 ދަނޑު އިއުލާންކުރީ މިއަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު އެވެ. 20 ދަނޑުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުގައި 16 ދަނޑު އަޅާނެ އެވެ. ބާކީ ތިން ދަނޑުގެ ތެރެއިން އެއް ދަނޑަކީ ވިލިމާލޭގައި ޓާފް އެޅި ދަނޑެވެ. އަނެއް ދެ ދަނޑު އަޅާނީ މާލޭގެ އިތުރުން ހުޅުމާލޭގައި އަޅާ ފުޓްބޯޅަ ސްކޫލުގަ އެވެ.
ސްކައިވިންޑުން ޓާފް އަޅަން ނިންމާފައިވާ އަތޮޅުތެރޭގެ 16 ރަށަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާ އެވެ. މި 20 ދަނޑުގެ އިތުރުން އެފްއޭއެމްގެ އޮފީސް ކުރިން ހިންގި އިމާރާތް ހުންނަ ބިމުގައި ތަރައްގީކުރާ 20 ބުރީގެ އިމާރާތް ވެސް ހަދަނީ ސްކައިވިންޑް ގްލޯބަލް އިންނެވެ.
Villimale Football Ground ???????? pic.twitter.com/BThqk4IwWe
— Bassam Adeel Jaleel (@bassam_jaleeI) August 2, 2021
އެފްއޭއެމުން ޓާފް ދަނޑުތައް ހެދުމުގެ މައިގަނޑު ބޭނުމަކީ 2024-2023 ވަނަ ސީޒަނުން ފެށިގެން މުޅި ރާއްޖެ އަށް ލީގު ފުޅާކުރާއިރު އެ މެޗުތައް ދަނޑުތަކުގައި ކުޅުމެވެ. ވިލިމާލޭގައި އަޅާ ދަނޑު ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ފަރިތަކުރާށާއި ލީގު މެޗުތައް ކުޅެން ބޭނުންކުރާނެ އެވެ. މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ފުޓްބޯޅައިގެ އާ ފޯމެޓް މިހާރު އިއުލާންކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާލެ ސަރަހައްދުގައި ލީގު މެޗުތައް ކުޅޭއިރު މަދުވެގެން ދެ ދަނޑު އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އުއްމީދަކީ އިތުރު ދަނޑެއް ތަރައްގީކޮށް މެޗުތައް ކުޅެވޭނެ ތިން ދަނޑު އޮތުން ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމުން 20 ދަނޑުގެ މަސައްކަތް ކުރަމުން އަންނައިރު ޔޫތު މިނިސްޓްރީން ވެސް އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ދަނޑުތަކުގައި ޓާފް އަޅަމުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ އެހީ އާއި ކްލަބް ޖަމިއްޔާތަކުގެ އިސްނެގުމާ އެކު ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތައް ވަނީ ތަރައްގީކޮށްފަ އެވެ.
Advertisement
Leave a Reply