އެންމެ މަގުބޫލު ފުޓްބޯޅަ ލީގުގެ މެޗުތައް މިފަހަރު އައިސް ސްޕޯޓްސް އިން
މި މަހުގެ 14 ވަނަ ދުވަހު ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ލައިވްކޮށް ގެނެސްދޭން މީޑިއާނެޓުން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ލީގު ޝައުގުވެރި ބަދަލުތަކަކާ އެކު މިފަހަރު ދައްކާނީ މީޑިއާނެޓްގެ އައިސް ސްޕޯޓްސް (ޗެނަލް 102) އާއި ޕްރިމިއާލީގު ޓީވީ (ޗެނަލް 880) އިންނެވެ. މި ދެ ޗެނަލްގެ އިތުރުން ވެސް މީޑިއާނެޓްގެ ޕެކޭޖުތަކުގައި ހިމެނޭ ކުޅިވަރު ޗެނަލްތަކުން އިތުރު މެޗުތައް ލައިވްކޮށް ފެންނާނެ އެވެ. މީޑިއާނެޓުން ބުނީ މީޑިއާނެޓް މަލްޓި ސްކްރީން މެދުވެރިކޮށް ފޯނާއި ޓެބްލެޓާއި އަދި ލެޕްޓޮޕުން ވެސް މެޗުތައް ވަގުތުން ބަލާލެވޭނެ ކަމަށެވެ. މީގެ އިތުރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ގެންގުޅޭ ކަސްޓަމަރުންނަށް އެމްއެސްޓީވީ މެދުވެރިކޮށް ވެސް މެޗުތައް ބެލޭނެ އިންތިޒާމު މީޑިއާނެޓުން ވަނީ ހަމަޖައްސައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ލީގެވެ. މީޑިއާނެޓުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ބެލުންތެރިންނާ ހަމައަށް ވަގުތުން ގެނެސްދެމުންނެވެ. އެކަމަކު މިއީ އައިސް ސްޕޯޓްސް ޗެނަލް އުފައްދައި އެ ޗެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ލައިވްކުރާ ފުރަތަމަ ފަހަރެވެ. މިދިޔަ ފަސް ވަރަކަށް އަހަރު މީޑިއާނެޓުން އައިސް ޕީއެލްގެ ނަމުގައި ޕްރިމިއާ ލީގު މެޗުތައް ލައިވްކުރިއިރު ފުރިހަމަ ކަވަރޭޖެއް ވެސް ވަނީ ގެނެސްދީފަ އެވެ. މި ކަވަރޭޖްގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗުންނާއި އެނަލިސްޓުން މިދިޔަ އަހަރުތަކުގައި ވަނީ ފެނިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އިޓަލީ އާއި ސްޕެއިންގެ ކަޕް މެޗުތައް ވެސް މީގެ ކުރިން މީޑިއާ ނެޓުން ވަނީ ދައްކައިފަ އެވެ. އަދި 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވެސް މީޑިއާނެޓުން ވަނީ ދައްކައިފަ އެވެ. މި މެޗުތައް އޭރު ގެނެސްދިނީ އައިސް ޓީވީންނެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަނާ ދިމާކޮށް މީޑިއާނެޓުން މިހާރު ވަނީ “އައިސްޕީއެލް ފެންޓަސީ” ގެ ނަމުގައި ސަޕޯޓަރުންނަށް ފެންޓަސީ ލީގެއް ވެސް ހުޅުވާލާފަ އެވެ. އައިސްޕީއެލް ފެންޓަސީ ލީގުގެ ކޯޑަކީ vjfdy6 އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ލެސްޓާ ސިޓީ ވާދަކުރާ ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ. އެއަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑާއި އާސެނަލް އެވެ.
Advertisement
Leave a Reply