އީގަލްސް މެޗަށް ބެންގަލޫރު ވެސް ވަރުގަދަކޮށްފި

Advertisement

އީގަލްސް މެޗަށް ބެންގަލޫރު ވެސް ވަރުގަދަކޮށްފި

ޢަލީ ޝަހީމް
ބެންގަލޫރު ޓީމާ ގުޅުނު އިސްކޮޅުން ދިގު ފޯވާޑް އިބަރާ. އޭއެފްސީ ކަޕަށް ބެންގަލޫރު ވަނީ ވަރުގަދަކޮށްފައި

މި މަހުގެ 15 ވަނަ ދުވަހު މާލޭގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފް މެޗާ ދިމާކޮށް އިންޑިއާގެ ބެންގަލޫރު އެފްސީން ގިނަ ޓްރާންސްފާތަކެއް ހަދައި ޓީމު އިތުރަށް ވަރުގަދަކޮށްފި އެވެ.

މާޒިޔާ އާއި އީގަލްސް އިން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕަށް ވަންނާށެވެ. މި ގްރޫޕުގައި މިހާރު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

Advertisement

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބެންގަލޫރުން މިހާރު ވެސް ވަނީ އަށް ކުޅުންތެރިއަކު އެޓީމަށް ގެނެސްފަ އެވެ. އެޓީމަށް ގެނައީ ކޮންގޯގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ، އިންޑިއާގެ ޒުވާން ފޯވާޑް ހަމަންފްރީތު ސިންހް، އިންޑިއާ ގައުމީ ޓީމުގެ ޑިފެންޑަރު ސާތަކް ގޮލޫއި، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ، އިންޑިއާގެ މިޑްފީލްޑަރު ޖަޔޭޝް ރާނޭ، އިންޑިއާގެ ރޯހިތު ކުމާރު އަދި އިންޑިއާގެ ދާނިޝް ފާރޫގުގެ އިތުރުން ބިދްޔާޝަގަރު ސިންހް އެވެ. މީގެ އިތުރުން ބްރެޒިލްގެ ފޯވާޑް ކްލެއިޓަން ސިލްވާ އެ ކްލަބުގައި މަޑުކުރަން ވަނީ ނިންމާފަ އެވެ.

މިދިޔަ ސީޒަނުގައި އިންޑިއާގެ އައި ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދްޔާޝަގަރު ސިންހް. 23 އަހަރުން ދަށުގެ ފޯވާޑް ވަނީ ބެންގަލޫރާ ގުޅިފައި

އިސްކޮޅުގައި ހަ ފޫޓޫ ދެ އިންޗި ހުންނަ ކޮންގޯގެ ފޯވާޑް އިބަރާ ބެންގަލޫރު ޓީމާ މިދިޔަ މަހު ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އުމުރުން 25 އަހަރުގެ ފޯވާޑް ވަނީ ކޮންގޯގެ ގައުމީ ޓީމަށް ކުޅުނު 15 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. ސޮއިކުރި އެހެން ކުޅުންތެރިންނަށް ބަލާއިރު، 23 އަހަރުން ދަށުގެ ފޯވާޑް ބިދްޔާޝަގަރު ސިންހަކީ މިދިޔަ ސީޒަނުގައި އިންޑިއާގެ އައި ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ބެންގަލޫރާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. 28 އަހަރުގެ ޖަޔޭޝް ރާނޭ އަކީ އޭޓީކޭ މޯހަން ބަގާން އާއި ޗެންނާއި އެފްސީގައި ކުޅެފައިވާ މޮޅު މިޑްފީލްޑަރެކެވެ. އޭނާ ވަނީ ޗެންނާއި އެފްސީއާ އެކު 16-2015 ވަނަ އަހަރުގެ އިންޑިއަން ސުޕަ ލީގު ކާމިޔާބުކޮށްފަ އެވެ. ދާނިޝް ފާރޫގަކީ ޖަންމު އަދި ކަޝްމީރަށް ނިސްބަތްވެ ބެންގަލޫރަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. 25 އަހަރުގެ މިޑްފީލްޑަރު ބެންގަލޫރާ ގުޅުނީ ދެ އަހަރު ދުވަހަށެވެ. މިދިޔަ އަހަރު ބެންގަލޫރާ ގުޅުނު ބްރެޒިލްގެ އުމުރުން 34 އަހަރުގެ ސިލްވާ ވަނީ އެޓީމަށް ކުޅުނު 19 މެޗުގައި 9 ލަނޑު ޖަހައިފަ އެވެ. އެއް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ބެންގަލޫރާ ގުޅުމަށް ފަހު އިތުރު އަހަރަކު އޭނާ ބަހައްޓަން އެ ކްލަބުން މިހާރު ވަނީ ނިންމައިފަ އެވެ. ބްރެޒިލްގެ އުމުރުން 30 އަހަރުގެ ޑިފެންޑަރު ކޮސްޓާ ބެންގަލޫރުން ގެނައީ ލޯނު އުސޫލުންނެވެ. އޭނެ ކުރިން ކުޅުނީ ބްރެޒިލްގެ ކްލަބް އަވާއީ އަށެވެ.

Bengaluru FC sign Brazilian defender Alan Costa on loan from Avai FC

ބްރެޒިލްގެ ކްލަބަކުން ލޯނު އުސޫލުން ބެންގަލޫރާ ގުޅުނު ސެންޓަ ބެކް ކޮސްޓާ

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި އެންމެ ފަހުން ރާއްޖޭގެ މާޒިޔާއާ ވާދަކޮށް ބެންގަލޫރު ވަނީ ބަލިވެފަ އެވެ. އެ މެޗުން ބަލިވެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބުމުން ބެންގަލޫރަށާއި އިންޑިއާގެ ފުޓްބޯޅަ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އެޓީމަށް އަށް ކުޅުންތެރިން ގެނެސް ވަރުގަދަކުރުމުގެ މައިގަނޑު ސަބަބަކީ އީގަލްސް ބަލިކޮށް އޭއެފްސީ ކަޕްގައި ރަނގަޅު ހިސާބަކަށް ދިއުމެވެ.

ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ މި މަހުގެ 18، 21 އަދު 24 ވަނަ ދުވަހު އެވެ.

ބެންގަލޫރު ބަލިކޮށް ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދުމަށް އީގަލްސް އިން ވަނީ އެ ކްލަބަށް ރާއްޖޭގެ ހަތް ކުޅުންތެރިއަކު ގެނެސްފަ އެވެ. އެޓީމަށް އިތުރުކުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް، މާޒިޔާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭ)، އިސްމާއީލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *