ޗެލްސީން ލުކާކޫ އަށް 85 މިލިއަން ހުށަހެޅުމުން އިންޓަ އަށް ކަމެކޭވެސް ހީނުވި

Advertisement

ޗެލްސީން ލުކާކޫ އަށް 85 މިލިއަން ހުށަހެޅުމުން އިންޓަ އަށް ކަމެކޭވެސް ހީނުވި

ޢަލީ ޝަހީމް

އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމަށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން 85 މިލިއަން ޕައުންޑް (118 މިލިއަން ޑޮލަރު) ހުށަހެޅުމުން ވެސް އިންޓަ އިން ލުކާކޫ ވިއްކާލަން ފާޅުގައި ދެކޮޅު ހަދައިފި އެވެ.

މުއްސަނދި ޗެލްސީން އަންނަނީ ބޮޑު ހަރަދުކޮށްގެން އާ ސީޒަނަށް ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެޓީމުން އެންމެ ފުރަތަމަ މަސައްކަތްކުރި އާލިން ބްރައުޓް ހާލަންޑާއި ރޮބާޓް ލެވަންޑޮސްކީ ލިބޭގޮތް ނުވުމުން މިހާރު ޓޮޓެންހަމްގެ ހެރީ ކޭން އަށް ވެސް ފާރަލަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް އެވެ. އެކަމަކު ލަންޑަނުގެ ވާދަވެރި ކްލަބަކަށް ކޭން ވިއްކާލާކަށް ޓޮޓެންހަމުން ބޭނުމެއްނުވެ އެވެ.

ލުކާކޫ ގެންނަން ޗެލްސީން މިހާތަނަށް ކުރި ދެ ބިޑަށް އިންޓަ އިން ވަނީ ނޫނެކޭ ބުނެފަ އެވެ. 28 އަހަރުގެ ކުޅަދާނަ ފޯވާޑް ހޯދަން ޗެލްސީން އެންމެ ފުރަތަމަ ހުށަހެޅީ 80 މިލިއަން ޕައުންޑް (94 މިލިއަން ޑޮލަރު) އާއެކު ޑިފެންޑަރު މާކޮސް އަލޮންސޯ އެވެ. ފަހުން އެ އަދަދު ބޮޑުކުރިނަމަވެސް އިންޓަ އިން ބުނަނީ ލުކާކޫ ނުވިއްކާނެ ކަމަށާއި، ބަދަލުގައި ކޮންމެހެން އިތުރުން ކުޅުންތެރިއަކު ވެސް ބޭނުންނުވާ ކަމަށެވެ.

ލުކާކޫ ވިއްކުމާ ދެކޮޅަށް އިންޓަ އިން ގަދަފައި ވިއްދައިގެން ތިބި ނަމަވެސް 102 މިލިއަން ޕައުންޑް (142 މިލިއަން ޑޮލަރު) ޗެލްސީން ހުށަހަޅައިފި ނަމަ އެ އަގަށް އިންޓަ އިން އެއްބަސްވާނެކަމަށް ބެލެވެ އެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު އަންނަނީ އެޓީމަށް ކުރިން ކުޅުނު ލުކާކޯ ހޯދަން ތިން ވަނަ ބިޑެއް ކުރުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އަންނަ ލުކާކޫ މިދިޔަ ހަފްތާ ބުނީ ބޭނުންވަނީ އިންޓަ މިލާނުގައި މަޑުކުރަން ކަމަށާއި އޭނާގެ ވިސްނުން ހުރީ އާ ސީޒަނުގައި އިންޓައާ އެކު ކާމިޔާބީ ހޯދަން ކަމަށެވެ. އަދި އިންޓަގެ ސީއީއޯ ގިއުސިޕޭ މަރޯޓާ ބުނީ ލުކާކޫ އަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި އާ ކޯޗު ސިމޯން އިންޒާގީ އެޓީމު ތައްޔާރުކުރަނީ ލުކާކޫ ވަށައިގެން ކަމަށެވެ. އެހެންވެ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނުވިއްކާނެކަމަށް ސީއީއޯ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބުނެފަ އެވެ.

Chelsea prepare third club-record bid in difficult move for returning  striker

ލުކާކޫ ކުރިން ޗެލްސީ އަށް ކުޅުނުއިރު. މިހާރު އޭނާ އަކީ އެންމެ ގޯލާ ރައްޓެހި އެއް ފޯވާޑް

2010 ވަނަ އަހަރަށް ފަހު އިންޓަ އިން މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކުރިއިރު ލުކާކޫ ވަނީ 24 ގޯލު ޖަހައި 11 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ލުކާކޫ އަށް ވުރެ ގިނައިން އިޓަލީ ލީގުގައި ލަނޑު ޖެހީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިހާރު ހުރި ފޯމަށް ބަލާއިރު ލުކާކޫ އަކީ ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ.

އަލުން ލުކާކޫ ގެންނަން ބުރަ މަސައްކަތް ޗެލްސީން ކުރާއިރު 2011 ވަނަ އަހަރު ބެލްޖިއަމްގެ އެންޑަލެކްޓުން ލުކާކޫ ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ. އެކަމަކު އެކަށީގެންވާ ވަރަށް ފުރުސަތުތައް ނުލިބި ލޯނު އުސޫލުން ލުކާކޫ ވަނީ ވެސްޓް ބްރޮމް އާއި އެވަޓަން އަށް ކުޅެފަ އެވެ. އޭގެފަހުން ދާއިމީ އެއްބަސްވުމެއްގައި އެވަޓަން އަށް ލުކާކޫ ބަދަލުވީ އެވެ. ޗެލްސީ އޭރު ދޫކޮށްލިއިރު ލުކާކޫ އަށް ކުޅެން ލިބުނީ ވާދަވެރި އެންމެ 15 މެޗެވެ. އެއިން މެޗެއްގައި ލުކާކޫ އަށް ގޯލެއް ވެސް ނުޖެހުނެވެ.

އެވަޓަންގައި ތަފާތު ދައްކަން ފެށުމުން ލުކާކޫގެ ސޮއި 2017 ވަނަ އަހަރު ހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެ ކްލަބަށް ކުޅުނު 96 މެޗުގައި 42 ލަނޑު ޖަހައިދިނުމަށް ފަހު އެކަށީގެންވާ ފުރުސަތު ނުލިބޭތީ ލުކާކޫ އިންޓަ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ލުކާކޫ އިންޓައާ ގުޅުނީ 74 މިލިއަން ޕައުންޑަށެވެ.

ޗެލްސީން ވަރުގަދަ ފޯވާޑެއް ހޯދުމުގެ މަސައްކަތްކުރާއިރު އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް ވަނީ އޭސީ މިލާނަށް ބަދަލުވެފަ އެވެ. އެޓީމުގެ ކުރި ބަލަހައްޓަމުން އަންނަ ޓިމޯ ވާނާ އަށް އެކަށީގެންވާ ވަރަށް ގޯލު ނުޖެހޭތީ އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެހެންވެ ކުރިއަށް އޮތް ސީޒަނުގައި ލީގަށް ވާދަކޮށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމަށް ކޯޗު ތޯމެސް ޓުކެލްގެ އެންމެ ބޮޑު އަމާޒަކީ ވަރުގަދަ ފޯވާޑެއް ގެނައުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *