ފެންވަރު ހިފަހައްޓަން ދީމާ ޔޫރަޕްގައި ވާދަކުރަނީ
ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ (13އ)، އަށް އަންނަ މަހު ޕޯޗުގަލްގައި އޮންނަ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ހޯދައިދީފި އެވެ.
ޕޯޗުގަލްގައި އަންނަ މަހުގެ 18 އިން 22 އަށް އޮންނަ މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. މި ބައިގައި ޖޫނިއާ ގްރޫޕުން ދުނިޔޭގެ ރޭންކިންގައި އޮތް އެންމެ މޮޅު 30 ކުޅުންތެރިން ވާދަކުރާނެ އެވެ. އެންމެ ފަހުގެ ރޭންކިންގައި ދީމާ އޮތީ ޖޫނިއާ ކެޓަގަރީން 11 ވަނައިގަ އެވެ. މި ކެޓަގަރީގައި މީގެ ކުރިން ދީމާ ވަނީ 8 ވަނަ އަށް ވެސް ކުރިއަށް ޖެހިލާފަ އެވެ. ދީމާ މިވަގުތު ޖޫނިއާ ކެޓަގަރީގެ 11 ވަނައިގައި އޮތްއިރު މިއަހަރު އޭނާ ވާދަކުރަން އޮތް ޓީޓީގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ކޮވިޑުގެ ހާލަތާ ގުޅިގެން ވަނީ ކެންސަލްވެފަ އެވެ. ސީނިއާ ކެޓަގަރީގައި (17 އަހަރުން ދަށް) ދީމާގެ އެންމެ ފަހުގެ ރޭންކިންއަކީ 53 ވަނަ އެވެ.
ޕޯޗުގަލް މުބާރާތަށް ފަހު ދީމާ ދެން ވާދަކުރާނީ އަންނަ އޮކްޓޫބަރު މަހު އޮމާންގައި ބާއްވާ މުބާރާތެއްގަ އެވެ. ރާއްޖޭގައި މިހާރު ވެސް އެންމެ ކާމިޔާބު އެއް އެތުލީޓް ދީމާ އަށް، ސަރުކާރުން އަންނަނީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. ހާއްސަކޮށް ޓީޓީ އެސޯސިއޭޝަނާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަންނަނީ ދީމާ އަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ. ސްރީ ލަންކާއި ދިރިއުޅެމުން އަންނަ ދީމާ އަންނަނީ ސަރުކާރުގެ އެހީގައި އެގައުމުގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.
ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދީމާ އަށް ލިބުމަކީ ދުނިޔޭގެ ރޭންކިން ހިފަހައްޓައި އިތުރަށް ކުރިއަށް ޖެހިލުމަށް ދީމާ އަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ދީމާގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ. އެހާ ޒުވާން އުމުރުގައި ހޯދަމުން އަންނަ ކާމިޔާބީތަކާ އެކު ދީމާ އަކީ ކުޅިވަރުގެ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެތުލީޓެވެ.
Advertisement
Leave a Reply