ބްރެޒިލް އާއި ސްޕެއިން އޮލިމްޕިކް ފުޓްބޯޅައިގެ ފައިނަލަށް

Advertisement

ބްރެޒިލް އާއި ސްޕެއިން އޮލިމްޕިކް ފުޓްބޯޅައިގެ ފައިނަލަށް

ޢަލީ ޝަހީމް
މެޗު ނިމެން ދަނިކޮށް ގޯލު ޖަހައި ސްޕެއިން ފައިނަލަށް ގެންގޮސްދިން އަސެންސިއޯ އުފާފާޅުކުރަނީ

ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ ފައިނަލުން ބްރެޒިލާއި ސްޕެއިން ޖާގަ ހޯދައިފި އެވެ.

ބްރެޒިލް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު މެޗު 0-0 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީން 4-1 އިން ކުރި ހޯދައިގެންނެވެ. ބްރެޒިލްގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ 38 އަހަރުގެ ކެޕްޓަން ޑެނީ އަލްވޭސް އާއި ގެބްރިއެލް މާޓިނެލީގެ އިތުރުން ބްރޫނޯ ގުއިމަރޭސް އަދި ރެއިނިއޭ އެވެ. މެކްސިކޯ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެޑުއާޑޯ އަގުއާ އާއި ޔޯހަން ވަސްކޭޒް ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެޓީމަށް ވައްދާލެވުނީ ހަމައެކަނި ކާލޯސް ރޮޑްރިގޭޒް ޖެހި ޕެނަލްޓީ އެވެ.

Advertisement

މިއީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ބްރެޒިލް ދަތުރުކުރި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ހަތަރު ފައިނަލުގެ ތެރެއިން 1984، 1988 އަދި 2012 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލް ބަލިވީ އެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅެ 2016 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ބްރެޒިލް ވަނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއަދުގެ މޮޅާ އެކު މިއީ ބްރެޒިލް ޖެހިޖެހިގެން އޮލިމްޕިކްސް ފައިނަލަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ.

ސްޕެއިން ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރީ މުބާރާތް ބާއްވާ ޖަޕާން 1-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ވެސް ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ސްޕެއިން ފައިނަލަށް ގެންގޮސްދިން ލަނޑު އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. އޭރިޔާ ތެރެއިން އަސެންސިއޯ އަށް ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ އަރިމަތީ ދާގަނޑެވެ. ފަހު ވަގުތު ސްޕެއިން އަތުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލުމުން ޖަޕާން ކުޅުންތެރިންގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ.

ސްޕެއިން ވަނީ މީގެކުރިން 1920 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ އޮލިމްޕިކްސް ފައިނަލުގައި ކުޅެފަ އެވެ. ފުރަތަމަ ފައިނަލުގައި ބެލްޖިއަމް އަތުން ބަލިވިއިރު ދެ ވަނަ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކެމަރޫން އަތުން ބަލިވީ އެވެ. މިއީ 2000 ވަނަ އަހަރަށް ފަހު ސްޕެއިން އޮލިމްޕިކްސްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ބްރޯންޒް މެޑަލް މެޗުގައި ސެމީން ބަލިވި ޖަޕާނާ މެކްސިކޯ ވާދަކުރާނީ އަންނަ ހުކުރު ދުވަހު އެވެ. ބްރެޒިލާއި ސްޕެއިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:15 ގަ އެވެ.

އޮލިމްޕިކްސްގެ އަންހެނުންގެ ފައިނަލުން ފުރުސަތު ހޯދީ ކެނެޑާ އާއި ސްވިޑެން އެވެ. ގަދަފަދަ އެމެރިކާ އާއި އޮސްޓްރޭލިއާ ސެމީން ބަލިވުމުން ދެން ކުޅޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. ކެނެޑާ އާއި ސްވިޑެން ވާދަކުރާ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 7:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *