ޗެމްޕިއަނަކަށްވީ އޮޅުމަކުން ނޫންކަން ލިލް އިން ޕީއެސްޖީ އަށް ހަނދާންކޮށްދީފި

Advertisement

ޗެމްޕިއަނަކަށްވީ އޮޅުމަކުން ނޫންކަން ލިލް އިން ޕީއެސްޖީ އަށް ހަނދާންކޮށްދީފި

ޢަލީ ޝަހީމް

ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސުޕަ ކަޕް މެޗު ގަދަފަދަ ޕީއެސްޖީ 1-0 ބަލިކޮށް މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި ލިލް އިން ތަށި އުފުލާލައިފި އެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ކުޅޭ މި މެޗުގައި ލިލް އިން ލީގު ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ވާދަކުރިއިރު ޕީއެސްޖީ އަށް މި މެޗުން ފުރުސަތު ލިބުނީ ފްރެންޗް ކަޕްގެ ޗެމްޕިއަން ޓީމަށް ވުމުންނެވެ. ޕީއެސްޖީން ޑޮމިނޭޓް ކުރަމުން އައި ލީގުގެ ޗެމްޕިއަންކަން ލިލް އިން މިދިޔަ ސީޒަނުގައި ހޯދުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. އެ އަޑިގަނޑުން އަރައިގަންނަން އާ ސީޒަނަށް ޕީއެސްޖީން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެކަމަކު ރޭ ވެސް ލިލް އިން ޕީއެސްޖީ އަށް ހަނދާންކޮށްދިނީ އަންނަ ހަފްތާ ފަށާ ލީގުގައި އެޓީމުން ޕީއެސްޖީ އަށް ދޫ ނުދެނޭކަމެވެ.

މެޗަށް ނުކުތް ޕީއެސްޖީގެ ޓީމުގައި ކިލިއަން އެމްބާޕޭ އާއި ނޭމާގެ އިތުރުން މިފަހަރު އެޓީމާ ގުޅުނު ކާމިޔާބު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނާފައެއްނުވެ އެވެ. އެކަމަކު އިންޓަ މިލާނުން އެޓީމަށް ގެނައި އަޝްރަފް ހަކީމީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ލިވަޕޫލުން ޕީއެސްޖީ އަށް ބަދަލުވި ޖިއޮޖީނޯ ވައިނަލްޑަމް ކުޅެން އެރީ ބެންޗުންނެވެ.

Image

އިސްރާއީލުގެ ބްލޫމްފީލްޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ލިލް އަށް ކުޅޭ ޕޯޗުގަލްގެ 26 އަހަރުގެ މިޑްފީލްޑަރު ޒެކާ އެވެ. މިއީ ތުރުކީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބުރަކް ޔިލްމާޒްގެ އެހީތެރިކަމާ އެކު ޒެކާ ޖެހި ލަނޑެކެވެ. ލިލް އިން ލީޑު ނެގުމުން ޕީއެސްޖީން ވަނީ ކުރިއަށް ޖެހި ދެ ވަނަ ހާފުގައި މެޗު އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ލީގުގައި 1-0 އިން ޕީއެސްޖީ ބަލިކުރި ގޮތަށް ލިލް އިން ވަނީ ނަތީޖާ ހިފަހައްޓައިފަ އެވެ.

ފްރެންޗް ސުޕަ ކަޕް މެޗު މިދިޔަ އަށް އަހަރު ވެސް ކާމިޔާބުކުރީ ޕީއެސްޖީންނެވެ. އަނެއްކޮޅުން މިއީ ލިލް ފުޓްބޯޅައިގެ ތާރީހުގައި އެ ކްލަބަށް މި މެޗު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1955 އަދި 2011 ވަނަ އަހަރު ސުޕަ ކަޕް މެޗުން ލިލް ވަނީ ބަލިވެފަ އެވެ.

އާ ސީޒަނުގެ ބައެއް ލީގުތައް އަންނަ ހަފްތާގައި ފަށާއިރު ފްރެންޗް ލީގުގެ ކުޅުން ފަށާނީ އޮގަސްޓް ހަތް ވަނަ ދުވަހު އެވެ. އެދުވަހު ޕީއެސްޖީ އިން ޓްރޮޔެސްއާ ދެކޮޅަށް ނުކުންނައިރު ޖެހިގެން އަންނަ ދުވަހު ޗެމްޕިއަން ލިލް ވާދަކުރާނީ މެޓްޒްއާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *