ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކޮށްފި

Advertisement

ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކޮށްފި

ޢަލީ ޝަހީމް

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކޮށްފި އެވެ. ރާއްޖޭން ރަސްމީކޮށް ބިޑްކުރިކަން އިއުލާންކުރެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން ނިންމީ 2020 ވަނަ އަހަރު ޕާކިސްތާނުގަ އެވެ. އެކަމަކު ބަންގްލަދޭޝްގެ އެދުމަށް ފަހުން އެ މުބާރާތް ބާއްވަން ނިންމީ އެގައުމުގަ އެވެ. އެކަމަކު ކޮވިޑްގެ އުނދަގޫ ހާލަތާ އެކު ސްޕޮންސަރުން ލިބުނު ދަތިވުމާއި ސަރުކާރުގެ އެއްބާރުލުން އެންމެ ރަނގަޅަށް ނުލިބުމުން ބަންގްލަދޭޝުން މުބާރާތް ނުބާއްވަން ނިންމީ އެވެ. ބަންގްލަދޭޝުން މުބާރާތް ނުބޭއްވޭނެކަމަށް ބުނުމުން އެންމެ ފުރަތަމަ މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ނޭޕާލުންނެވެ. ރާއްޖޭން މިއަދު މުބާރާތް ބާއްވަން ބިޑްކުރިއިރު އިންޑިއާ އާއި ނޭޕާލުން ވެސް މިއަދު ރަސްމީކޮށް ބިޑްކުރާނެކަމަށް ބެލެވެ އެވެ.

މުބާރާތް ބާއްވާނެ ގައުމެއް ނިންމާނީ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާތެރޭ ސާފުން ބާއްވާ ބައްދަލުވުމުގަ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ސްރީ ލަންކާއާ އާއި ރާއްޖޭގައި މުބާރާތް ބާއްވާށެވެ. އެކަމަކު ފަހުން ނިންމީ ހަމައެކަނި ރާއްޖޭން މުބާރާތަށް ބިޑްކުރާ ގޮތަށެވެ. 2008 ވަނަ އަހަރު ރާއްޖޭން މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެންނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިނުވާން ބޫޓާނުން ނިންމާފައިވާއިރު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް ވެސް މުބާރާތުގައި ވާދައެއްނުކުރެވޭނެ އެވެ. އެހެންވެ މިފަހަރު މުބާރާތް ކުޅޭނީ ފަސް ޓީމުގެ މެދުގަ އެވެ. އެއީ ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުގެ އިތުރުން ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. އެހެން ފަހަރުތަކުގައި ދެ ގްރޫޕަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް ޓީމުތައް މަދުވުމުން މިފަހަރުގެ ފައިނަލުން ޖާގަ ލިބޭނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޕޮއިންޓުގެ ގޮތުން އެންމެ ކުރި ލިބޭ ދެޓީމަށެވެ.

މުބާރާތް ބާއްވަން ބިޑް ޕްރޮޕޯސަލް ހުށަހެޅުމަށް ފަހު ބައްސާމް ވަނީ ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅާއި ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ފޯރުކޮށްދެއްވަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރާއްޖޭން މުބާރާތް ބާއްވަން ބިޑްކުރިއިރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުގެ މެޗުތައް ކުޅެން އެފްއޭއެމުން ކުރި ބިޑް ވަނީ ކާމިޔާބުކޮށްފަ އެވެ. އަންނަ މަހުގެ މެދުތެރޭ އޭއެފްސީ ކަޕްގެ މެޗުތައް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ. ރާއްޖޭ އަށް ސާފް މުބާރާތުގެ ބިޑް ކާމިޔާބުކުރެއްވިއްޖެ ނަމަ ބައިނަލްއަގްވާމީ ދެ މުބާރާތް ގާތްގާތުގައި އޮންނާނެ އެވެ. ސާފް ޗެމްޕިއަންޝިޕް މިހާރު ޝެޑިއުލްކޮށްފައިވަނީ އޮކްޓޫބަރު މަހަށެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްފައި ސާފް ސުޒުކީ ކަޕްގެ ނަމުގައި އޮތް ސަރަހައްދީ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ބަލިކޮށް ހޯދީ ރާއްޖޭންނެވެ. ރާއްޖޭން މިހާތަނަށް ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާއިރު 2008 ވަނަ އަހަރު ވެސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *