50 މިލިއަނަށް ވައިޓް އާސެނަލަށް ސޮއިކޮށްފި

Advertisement

50 މިލިއަނަށް ވައިޓް އާސެނަލަށް ސޮއިކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބްރައިޓަން އަށް ކުޅެމުން އައި ބެން ވައިޓް 50 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވެއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ގައުމީ ޓީމުގައި ވެސް ހިމެނޭ ޑިފެންޑަރު އާސެނަލަށް ބަދަލުވާގޮތަށް އެއްބަސްވިތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭނާ ރަސްމީކޮށް އާސެނަލްގެ އެއްބަސްވުމުގައި ސޮއިކުރީ ޗުއްޓީ އަށް ފަހު އެނބުރި އައުމުން އިއްޔެ އެވެ.

Advertisement

“ބެން (ވައިޓް) އަކީ މިފަހަރު އާސެނަލްގެ ޓޮޕް ޓާގެޓެއް. ވަރަށް ވިސްނުންތޫނު ހަމަޖެހިގެން ކުޅޭ އާސެނަލާ ގުޅޭ ކުޅުންތެރިއެއް އެއީ” ވައިޓްގެ ސޮއި ހޯދުމަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އެ ކްލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އާޓެޓާ ބުނީ އުމުރުން 23 އަހަރުގެ ވައިޓް ހިމެނެނީ އެ ކްލަބުގެ ދިގު މުއްދަތުގެ ޕްލޭނުގައި ކަމަށެވެ. އިނގިރޭސި ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ވައިޓް އަށް ލިބުނުއިރު ކެރިއަރުގެ ކުރީކޮޅު އޭނާ އަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ނުލިބުނެވެ. ޔޫތު ކެރިއަރު ސައުތެމްޓަންގައި ފަށައި ވައިޓް ބްރައިޓަން އަށް ބަދަލުވީ އުމުރުން 16 އަހަރުގަ އެވެ. ބްރައިޓަންގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ވައިޓް ވަނީ ނިއުޕޯޓް ކައުންޓީ އާއި ޕީޓަބޮރޯ ޔުނައިޓެޑްގެ އިތުރުން ލީޑްސް ޔުނައިޓެޑަށް ލޯނު އުސޫލުން ކުޅެފަ އެވެ. ވައިޓްގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 20-2019 ވަނަ ސީޒަނުގައި ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ދެއްކި ކުޅުމުންނެވެ. ލީޑްސް އަށް ކުޅުމަށް ފަހު ބްރައިޓަންގެ ޓީމަށް އެނބުރި އައިސް މިދިޔަ ސީޒަނުގައި ވައިޓް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭރު އޭނާ އަށް ބައެއް ކްލަބްތަކުން ފާރަލަމުން ދިއުމާއި ގުޅިގެން ބްރައިޓަން އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވައިޓްއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމަކަށް އައިސްފަ އެވެ. ވައިޓް ވިއްކާލުމުގެ ކުރިން ބްރައިޓަން އިން ވަނީ އާސެނަލްގެ ދެ ހުށަހެޅުމަކަށް ނޫނެކޭ ބުނެފަ އެވެ. އެކަމަކު ލީގުގެ އެހެން ޓީމުތަކުން ވެސް ވައިޓް އަށް ފާރަލާތީ ފަހުން ހުށަހެޅި އަގަށް ބްރައިޓަން އިން ވައިޓް ވިއްކާލީ އެވެ.

އިންގްލެންޑުން މިފަހަރުގެ ޔޫރޯ އަށް ނެގި ސްކޮޑުގައި ވައިޓް އެންމެ ފުރަތަމަ ހިމެނުނީ 33 ކުޅުންތެރިންގެ ތެރޭގަ އެވެ. އޭގެފަހުން ސްކޮޑް ކުޑަކުރަން އުނިކުރި ހަތް ކުޅުންތެރިންގެ ތެރޭގައި ވައިޓް ހިމެނުނެވެ. ޔޫރޯގެ ފައިނަލް ސްކޮޑުން ވައިޓަށް ފުރުސަތު ލިބުނީ ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް އަނިޔާވެ، އާނޯލްޑްގެ ރީޕްލޭސްމަންޓުގެ ގޮތުގަ އެވެ.

އާސެނަލްގައި ވައިޓް ބޭނުންކުރާނީ މިދިޔަ ސީޒަނަށް ފަހު އާސެނަލްގެ އެއްބަސްވުން ހަމަވި ޑޭވިޑް ލުއިޒް ބޭނުންކުރި ހަތަރު ނަންބަރު ޖާޒީ އެވެ. ވައިޓްގެ އިތުރުން އާސެނަލުން ވަނީ ބެލްޖިއަމްގެ އެންޑަލެކްޓަށް ކުޅެމުން އައި މިޑްފީލްޑަރު އަލްބާޓް ސާމްބީ ލޮކޮންގާ އާއި ބެންފީކާގެ ނޫނޯ ޓަވަރޭސް ގެނެސްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *