ޕްރިލިމިނަރީ ބުރުން ސާއިދު އަށް ލިބުނީ ހަތަރު ވަނަ

Advertisement

ޕްރިލިމިނަރީ ބުރުން ސާއިދު އަށް ލިބުނީ ހަތަރު ވަނަ

ޢަލީ ޝަހީމް

ޓޯކިޔޯ އޮލިމްޕިކްސްގެ ދުވުމުގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އަހުމަދަށް ޕްރިލިމިނަރީ ހީޓް އެކެއްގެ ހަތަރު ވަނަ ލިބި މިފަހަރުގެ ގޭމްސް ނިންމާލަން ޖެހިއްޖެ އެވެ.

މިއަދު ހެނދުނު އޮތް ދުވުމުގައި ސާއިދު ވާދަކުރީ 100 މީޓަރުގެ ބައިގަ އެވެ. ސާއިދަށް ހަތަރު ވަނަ ލިބުނީ 10.70 ސިކުންތުން ރޭސް ނިންމާލެވުމުންނެވެ. 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގައި ސާއިދު ވާދަކުރި ހީޓުން އެއް ވަނަ ހޯދައި އޭނާ ވަނީ ފުރަތަމަ ބުރަށް ކޮލިފައިވެފަ އެވެ. އެފަހަރު ޕްރިލިމިނަރީ ބުރު ސާއިދު ނިންމީ 10.43 ސިކުންތުންނެވެ. އަދި ފުރަތަމަ ބުރުގައި ވާދަކޮށް ސާއިދު ވަނީ 10.47 ސިކުންތުން ރޭސް ނިންމައިފަ އެވެ.

Advertisement

މިއަދުގެ ހީޓްގައި އެއް ވަނަ ހޯދީ 10.32 ސިކުންތުން ރޭސް ނިންމި ޒިމްބާބްވޭގެ މަކޫސާ އެންގޯނީ އެވެ. 10.57 ސިކުންތާ އެކު ޓޯގޯގެ ފަބްރިސް ޑަބްލާ އަށް ދެ ވަނަ ލިބުނުއިރު ތިން ވަނަ ލިބުނީ ނިކަރާގުއާގެ އެތުލީޓަށެވެ. އޭނާ ރޭސް ނިންމީ 10.62 ސިކުންތުންނެވެ.

އޮލިމްޕިކްސްގެ ފުރަތަމަ ބުރުން މިފަހަރު ފުރުސަތު ނުލިބުނު ނަމަވެސް ސާއިދަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭ އަށް ރީތި ވަނަތަކެއް ހޯދައިދީފައިވާ އެތުލީޓެކެވެ. ސާއިދު ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަލް އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމާއި އެފަހަރުގެ 200 މީޓަރު ރޭހުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ރޭހުން ރިހި މެޑަލް ހޯދައި، 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލް ހޯދި އެވެ. ހަމަ އެ މުބާރާތުގައި 200 މީޓަރު ދުވުމުން ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

ކޮވިޑްގެ އުނދަގޫ ހާލަތާ އެކު ރާއްޖޭގެ އެތުލީޓުންނަށް ވެސް އެކަށީގެންވާ ގޮތެއްގައި މިފަހަރު ތައްޔާރެއް ނުވެވުނެވެ. ސާއިދުގެ އިވެންޓާ އެކު ރާއްޖެ އަށް މިހާރު މިވަނީ އޮލިމްޕިކްސް ނިމިފަ އެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ސާއިދުގެ އިތުރުން ތިން އެތުލީޓުން ރާއްޖޭން ވާދަކުރި އެވެ. އެއީ ފެތުމުގައި ވާދަކުރި އާއިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމްގެ އިތުރުން ބެޑްމިންޓަންގެ އަންހެން ބައިގައި ވާދަކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އެވެ. އޮލިމްޕިކްސްގައި މިފަހަރު ރާއްޖޭގެ ދިދަ އުފުލީ ނަބާހާ އާއި މުބާލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *