ގްރީލިޝް ގެންނަން ސިޓީން 100 މިލިއަން ހުށަހަޅައިފި

އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ގެންނަން މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑް ހުށަހަޅައިފި އެވެ. ޔޫރޯ ޗެމްޕިއަންޝިޕްގައި ގައުމު ތަމްސީލްކުރުމަށްފަހު އެސްޓަން ވިލާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން އަދި ފަށައިފައި ނުވާ ގްރީލިޝްއަށް ސިޓީން ހުށަހެޅި މި އަގަކީ އިނގިރޭސި ކްލަބަކުން ކުޅުންތެރިއަކު ގެންދަން ހުށަހެޅި އެންމެ ބޮޑު އަގެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ ގްރީލިޝް އަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަންނަ ސީޒަނަށް ސިޓީ ވަރުގަދަކުރަން އެންމެ ގެންނަން ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ. ގާޑިއޯލާ ގަބޫލުކުރާގޮތުގައި ގްރީލިޝް ސިޓީއަށް އަތުވެއްޖެނަމަ އެ ޓީމްގެ އެޓޭކް ވަރުގަދަވެ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ސިޓީން ކުރަމުން އަންނަ މަސައްކަތަށް ބޮޑު އެހީއަކަށް ވާނެ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން ވާދަކޮށްފައިވާއިރު ފައިނަލްގައި އެ ޓީމް ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.
މީގެ ކުރިން އިނގިރޭސި ކްލަބަކުން އެންމެ ބޮޑު އަގެއް ހުށަހަޅައިފައިވަނީ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމަށެވެ. 2016 ވަނަ އަހަރު އަލުން ޕޮގްބާ ޔުބައިޓެޑަށް ގެންނަން އެ ކްލަބުން 89 މިލިއަން ޕައުންޑް ހަރަދުކުރި އެވެ.
އެސްޓަން ވިލާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ގްރީލިޝްއަކީ ޕްރިމިއާ ލީގުގައި މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެކަކެވެ. އަދި ގްރީލިޝް އަށް އިނގިރޭސި ސަޕޯޓަރުންގެ ބޮޑު މަގްބޫލުކަމެއް ލިވިފައިވާއިރު އޭނާގެ އެންމެ ރަގަޅު ބޭނުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ކޯޗް ގެރެތު ސައުޓުގޭޓަށް ކުރެވިފައި ނުވާ ކަމަށް އިނގިރޭސި ބައެއް ސަޕޯޓަރުން އައީ ބުނަމުންނެވެ.
ސިޓީން ގްރީލިޝް ހޯދުމަށްޓަކައި 100 މިލިއަން ޕައުންޑް ހުށަހަޅައިފައިވާ އިރު އެ ކުލަބުން ގަބޫލުކުރާ ގޮތުގައި އެއީ ގްރީލިޝް ވިއްކާލަން އެސްޓަން ވިިލާއިން ބޭނުންވާނެ އަގެވެ. އެއާއެކު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސިޓީއަށް ގްރީލިޝް ގެނެވޭނެ ކަމާ މެދު އެ ކްލަބުން އޮތީ ބޮޑު އިތުބާރެއްގަ އެވެ. ސިޓީން ހުށަހަޅައިފައިވާ އަގު ވިލާ އިން ގަބޫލުކޮށްފި ނަމަ ގްރީލިޝް ވެގެންދާނީ ނުވަ ވަނައަށް އެންމެ ބޮޑު އަގެއްގައި ކްލަބް ބަދަލުކުރާ ކުޅުންތެރިޔާ އަށެވެ.
Advertisement


Leave a Reply