އެމެރިކާ އާއި މެކްސިކޯ ގޯލްޑް ކަޕްގެ ފައިނަލަށް
އުތުރު އަދި މެދުތެރޭ އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ގޯލްޑް ކަޕް ގެ ފައިނަލަށް އެ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމް ކަމަށްވާ އެމެރިކާ އާއި މެކްސިކޯ ހިނގައްޖެ އެވެ.
ގޯލްޑް ކަޕް މިހާތަނަށް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާއިން މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މިއަދު ފަތިހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ގަތަރު ބަލިކުރުމަށްފަހު އެވެ. ކުއާޓަ ފައިނަލްގައި އަލްސަލްވަޑޯ ބަލިކޮށް ސެމީން ޖާގަ ހޯދި ގަތަރުގެ މައްޗަށް އެމެރިކާއިން ކުރި ހޯދީ 0-1 އިންނެވެ.
އެމެރިކާގައި ކުރިއަށްދާ ގޯލްޑް ކަޕްގައި ގަތަރާއި އެމެރިކާ ވާދަކުރި ސެމީ ފައިނަލްގެ މެޗްގައި އެމެރިކާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗް ނިމެން އެންމެ ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި މެޗްގައި އެމެރިކާއިން ގޯލްޖެހުމުގެ ކުރިން ގަތަރަށް މެޗްގެ ލީޑް ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓްގައި ގަތަރަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުގެ ހާއްސަ ދައުވަތަކަށް ގޯލްޑް ކަޕްގައި މިފަހަރު ބައިވެރިވި ގަތަރުގެ ޓީމުވަނީ މެޗްގައި އެމެރިކާއަށްވުރެ މޮޅަށް ކުޅެ ރަގަޅު ހަމަލާތަކެއްވެސް އުފައްދައިފަ އެވެ.
މުބާރާތުގެ ފައިނަލްގައި އެމެރިކާއާ ވާދަކުރާނެ ޓީމްގެ ގޮތުގައި މެކްސިކޯ ހަމަޖެހުނީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އެ ޓީމުން ކެނަޑާގެ މައްޗަށް ކުރި ހޯދުމުންނެވެ. މި މެޗްގައި މުބާރާތް 11 ފަހަރު ކާމިޔާބުކޮށްފައިވާ މެކްސިކޯ އިން ކެނަޑާ ބަލިކުރީ 1-2 އިންނެވެ.
މެކްސިކޯ އާއި ކެނަޑާ ވާދަކުރި ސެމީ ފައިނަލް މެޗްގެ ފުރަތަމަ ހާފު ނިމެނިކޮށް މެކްސިކޯ އިން ލީޑް ނެގި އިރު ފަހު ހާފް ފަށައިގެން 15 މިނެޓް ނުވަނީސް ކެނަޑާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މެކްސިކޯ އިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ފަތިހު އެވެ.
Advertisement
Leave a Reply