ސަންޗޯ އަށް ދޫނުކުރާވަރުގެ ޒުވާން މޮޅު ކުޅުންތެރިއެއް ޑޯޓްމަންޑުން ހޯދައިފި

ހުނަރުވެރި ވިންގް ޖޭޑަން ސަންޗޯ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުން، ބަދަލުގައި ނެދަލެންޑްސްގެ ޕީއެސްވީ ގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 22 އަހަރުގެ ޑޮންޔެލް މާލެން ބޮރޫޝިއާ ޑޯޓްމަންޑުން ގެނެސްފި އެވެ.
ނެދަލެންޑްސް ގައުމީ ޓީމުގައި ވެސް ހިމެނޭ މާލެން ޑޯޓްމަންޑަށް ބަދަލުވީ 40 މިލިއަން ޔޫރޯއަށެވެ. އަޔަކްސް އާއި އާސެނަލްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު މާލެން ޕީއެސްވީ އަށް ބަދަލުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕީއެސްވީގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި މިދިޔަ ތިން އަހަރު މާލެން ވަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޕީއެސްވީ ޓީމަށް ހުރިހާ މުބާރާތެއްގައި 116 މެޗު މާލެން ކުޅުނުއިރު 79 ގޯލުގައި އޭނާގެ ހިއްސާ އޮތެވެ. އެއީ 55 ލަނޑާއި 24 އެސިސްޓެވެ. މިދިޔަ ސީޒަނުގައި އަޔަކްސްގެ ފަހަތުން ޕީއެސްވީ ލީގުގެ ދެ ވަނަ ހޯދިއިރު މާލެން ވަނީ ލީގުގައި ކުޅުނު 32 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ. އަނެއްކޮޅުން މާލެން ވެފައިވަނީ ލީގުގައި ޖެހިޖެހިގެން ތިން ސީޒަނުގައި ޕީއެސްވީ އަށް 10 ގޯލަށްވުރެ ގިނައިން ލަނޑު ޖަހައިދިން ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 1964 އިން 1967 އާއި ދެމެދު ޕީއެސްވީ އަށް ކުޅުނު ވެން ޑަ ކުއިލެން އަތުގަ އެވެ.
މާލެން ޕީއެސްވީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ
ޑޯޓްމަންޑުގެ ސިނިއާ ޓީމުގެ ކަންކަމުގައި އިސްކޮށް އުޅޭ ސެބަސްޓިއަން ކޭލް ބުނީ މާލެން އެ ކްލަބަށް ގެނައީ އިންގްލެންޑްގެ ސަންޗޯގެ ރީޕްލޭސްމަންޓަކަށް ކަމަށެވެ.
“ސަންޗޯއާ އެހެން ކުޅުންތެރިން އަޅާކިޔުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން. ސަންޗޯ އެފެންވަރަށް ދިއުމަށް ވަގުތު ބޭނުންވި. ޑޮންޔެލް (މާލެން) އަކީ މުޅިން ތަފާތު ސްޓައިލެއްގެ ކުޅުންތެރިއެއް. މި ޓީމުން ބެލީ ވެސް މާލެން ކަހަލަ ކުޅުންތެރިއަކު ގެންނަން. މާލެން މި ކްލަބާ ގުޅުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް” އިއްޔެ ދިން އިންޓަވިއުއެއްގައި ސެބަސްޓިއަން ބުންޏެވެ.
ޑޯޓްމަންޑަށް ބަދަލުވުމަށް ފަހު މާލެން ވަނީ އިއްޔެ އެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އަދި އޭގެފަހުން ޑޯޓްމަންޑުން ވަނީ މާލެން އެ ކްލަބަށް ބަދަލުވިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
މާލެން ވަނީ މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ޓީމުން ކުޅުނު ހަތަރު މެޗުގައި ވެސް ކުޅެފަ އެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެދަލެންޑްސް ގައުމީ ޓީމުން ފުރުސަތު ލިބެންފެށި މާލެން ވަނީ މިހާތަނަށް އެގައުމަށް ކުޅުނު 13 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
Advertisement


Leave a Reply