ހުރިހާ ފައިނަލަކުން ޖާގަ ހޯދުމަށްފަހު އެމެރިކާގެ ޖިމްނާސްޓިކް ތަރި އޮލިމްޕިކްސް އިން ވަކިވެއްޖެ
އޮލިމްޕިކްސްގައި މިހާތަނަށް ހަތަރު ފަހަރު ރަން މެޑަލް ހާސިލްކޮށްފައިވާ އެމެރިކާގެ އެންމެ ވިދުންގަދަ ޖިމްނާސްޓިކް ތަރި ސިމޯން ބައިލްސް ޓޯކިޔޯ އޮލިމްޕިކްސް މުބާރާތުން ވަކިވެއްޖެ އެވެ. މިފަހަރުގެ އޮލިމްޕިކްސްގެ ޖިމްނާސްޓިކް އިންޑިވިޖުއަލް ފަސް އިވެންޓަކުން ފައިނަލްގެ ޖާގައެއް މިހާރުވެސް ކަށަވަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ބައިލްސް ފައިނަލްތަކުގައި ވާދަ ނުކުރަން ނިންމީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.
އެމެރިކާގެ ތާރީހް ދުށް އެންމެ ކާމިޔާބު ޖިމްނާސްޓިކް ކުޅުންތެރިޔާ އިންޑިވިޖުއަލް އިވެންޓްތަކުގެ ފައިނަލްގައި ވާދަނުކުރަން ނިންމި އިރު އޭނާ ވަނީ އިއްޔެ އޮތް ޖިމްނާސްޓިކް ޓީމް އިވެންޓްގެ ފައިނަލުންވެސް އެއްފަރާތްވެފަ އެވެ. ޓީމް އިވެންޓްގެ ފައިނަލްގައި ބައިލްސް ވާދަނުކުރި ނަމަވެސް އޭނާ ވަނީ ޓީމްގެ ކުޅުންތެރިންނަށް ސަޕޯޓްކުރުމަށްޓަކައި ފައިނަލް ކުޅުނު ތަނަށް ހާޒިރުވެފަ އެވެ. އެ އިވެންޓުން އެމެރިކާގެ ޓީމަށް ލިބުނީ ރިހި މެޑަލް އެވެ.
ބައިލްސްގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އޭނާ މި ނިންމި ކުއްލި ނިންމުމަށް އެމެރިކާގެ ޖިމްނާސްޓިކް ޓީމްގެ ލީޑަރާއި އެހެން އެތުލީޓުން ވަނީ ބައިލްސްއަށް ތައުރީފްކޮށްފަ އެވެ.
އަންނަ ހަފްތާގައި ކުރިއަށްގެންދާގޮތަށް ޝެޑިއުލްކޮށްފައިވާ ޖިމްނާސްޓިކް އިވެންޓްތަކުގެ ފައިނަލުން ބައިލްސް ވަކިވާން ނިންމި ނަމަވެސް އެމެރިކާ ޖިމްނާސްޓިކް އެސޯސިއޭޝަނުން ބުނެފައިވަނީ ބައިލްސްގެ ހާލަތު ކޮންމެ ދުވަހަކުހެން ގާތުން އިވެލުއޭޓްކުރަމުންގެންދާނެ ކަމަށާއި، އެއަށްފަހު ބައިލްސް ފައިނަލްގައި ބައިވެރިކުރެވެން އޮތްތޯ ނުވަތަ ނެތްތޯ ކަނޑައަޅާނެ ކަމަށެވެ.
“އަހަރެމެން ހެޔޮހިތުން ބައިލްސްގެ ނިންމުމަށް ތާއީދުކުރަން އަދި ބައިލްސްގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ އެ ނިންމި ހިތްވަރުގަދަ ނިންމުމަށް ތައުރީފްކުރަން. އެއިން އަނެއްކާވެސް އެ އަންގައިދިނީ ގިނަ ބައެއްގެ ރޯލް މޮޑެލްއަކަށް އޭނާ ވީ ކީއްވެކަން.” ޔޫއެސް ޖިމްނާސްޓިކްސް އިން ބުނެފައިވެ އެވެ.
އޮލިމްޕިކްސް އިން ވަކިވާން ނިންމުމަށްފަހު ބައިލްސް ބުނެފައިވަނީ ކުޅިވަރު ކުޅެ ކާމިޔާބު ހޯދަން އިސްކަންދ ފަދައިން އަމިއްލަ ސިކުނޑިއާ ހަށިގަނޑުގެ ރައްކާތެރިކަމަށްވެސް އިސްކަންދޭންޖެހޭ ކަމަށެވެ.
“އަހަރެމެން އެބަޖެހޭ އަހަރެމެންގެ ސިކުނޑިއާ ހަށިގަނޑުވެސް ރައްކާތެރިކުރަން. އަހަރެމެން ހަމައެކަނި ކުރަންވާނީއަކީ ދުނިޔެ އަހަރެމެންގެ ކިބައިން އެދޭ ކަންތައްތަކެއް ނޫން. އަހަރެމެންނަކީ ހުސްއެކަނި އެތުލީޓުންނެއް ނޫން. އަހަރެމެންނަކީ އެހެން މީހުން ކަހަލަ އިންސާނުން. ބައެއް ހާލަތްތައް އަންނާނެ ލޯ މަރާލާފަ ފަހަތަށްވެސް ފިޔަވަޅު އަޅަންޖެހޭ.” މިހާތަނަށް އޮލިމްޕިކްސްއާ ދުނިޔޭގެ ޖިމްނާސްޓިކް މުބާރާތުން 30 މެޑަލް ހާސިލްކޮށްފައިވާ ބައިލްސް ބުނެފައިވެ އެވެ.
Advertisement
Leave a Reply