ލައްކައެއް ވެސް ހަމަނުވާ ގައުމަކުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދައިފި

Advertisement

ލައްކައެއް ވެސް ހަމަނުވާ ގައުމަކުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދައިފި

ޢަބްދުﷲ އަޝްރަފް

ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި 63 ހާސް މީހުންގެ އާބާދީއެއް އޮންނަ ބާމިއުޑާއިން ރަން މެޑަލެއް ހޯދައިފި އެވެ. މިއާއެކު ބާމިއުޑާ ވެފައިވަނީ ހޫނު މޫސުމުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހާސިލްކުރި އެންމެ ކުޑަ ގައުމަށެވެ.

ބާމިއުޑާއަށް އިން އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ހޯދި ރަން މެޑަލެ ލިބުނީ އަންހެނުންގެ ޓްރައިއެތުލޮން އިވެންޓުންނެވެ. މިއީ ފެތުމާއި، ބައިސްކަލް ދުއްވުމުގެ އިތުރުން ދުވުން އެކުލެވޭގޮތަށް ކުރއަށްގެންދާ ރޭހެކެވެ. 56 އެތުލީޓުން ވާދަކުރި މި އިވެންޓުން ބާމިއުޑާއަށް ތާރީހީ ރަން މެޑަލް ހޯދައިދީފައިވަނީ އުމުރުން 33 އަހަރުގެ ފްލޯރާ ޑުފީ އެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮންނަ ބާމިއުޑާ އަށް ރަން މެޑަލް ހޯދައިދިން ޑުފީ އޮލިމްޕިކްސްގައި ވާދަކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ބާމިއުޑާއަށް އުފަން ޑުފީ އަށް މީގެ ކުރިން އޮލިމްޕިކްސްގައި އިނގިރޭސި ވިލާތް ތަމްސީލްކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާ މިހާތަނަށް ކޮންމެ ފަހަރަކުވެސް އިހުތިޔާރުކޮށްފައިވަނީ ބާމިއުޑާ އެވެ.

ޑުފީ އަށް އަންހެނުންގެ ޓްރައިއެތުލޮން އިވެންޓުން ރަން މެޑަލް ލިބުނީ 1 ގަޑިއިރާއި 55 މިނެޓު 36 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މި އިވެންޓުން ރިހި މެޑަލް ހޯދި އިނގިރޭސި އެތުލީޓަށްވުރެ އެއް މިނެޓް ކުރިން ރޭސް ނިންމައިގެންނެވެ.

“އަހަރެންނަށް ހީވާ ގޮތުން ބާމިއުޑާގެ އެންމެން މިހާރު ތިބޭނީ ވަރަށް އުފަލުން. މި ރަން މެޑަލް އަހަރެންނަށް އެހާ ހާއްސަވާ ސަބަބަކީ އެއީ. މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް. އަދި އަހަރެންނަށް އެނގޭ މިއީ އަހަރެންނަށް އެކަނި ލިބުނު ކާމިޔާބަކަށްވުރެ ބޮޑު ކާމިޔާބެއްކަން.” ރަން މެޑަލް ހޯދުމަށްފަހު ޑުފީ ބުނެފައިވެ އެވެ.

ކޯޗަކާ ނުލައި މުބާރާތުގައި ވާދަކުރި ޑުފީ އެންމެ ފުރަތަމަ ވާދަކުރީ 2008 ގެ އޮލިމްޕިކްސް ގައެވެ. އެފަހަރު އޭނާ ރޭހެއް ނުނިންމަ އެވެ. މާ ބޮޑަށް ފަހަތުގައި އޮތުމުންނެވެ. 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި އޭނާ ދުއްވި ބައިސްކަލް އެކްސިޑެންޓްވެގެން ރޭސް ނިންމުނީ 45 ވަނަ އަށެވެ. އެކަމަކު މިފަހަރު މަންޒަރު މިއޮތީ މުޅިން ބަދަލުވެފަ އެވެ. މިހާރު އެއީ ބާމިއުޑާގެ ހީރޯ އެވެ.

ބާމިއުޑާ އިން މީގެ ކުރިން ވަނީ ސަމާ އޮލިމްޕިކްސް އިން މެޑަލްއެއް ހޯދި އެންމެ ކުޑަ ގައުމުގެ ޝަރަފް ހޯދައިފަ އެވެ. 1976 ވަނަ އަހަރު އޮތް އޮލިމްޕިކްސް މުބާރާތުގައި މި ޝަރަފް ބާމިއުޑާއަށް ލިބުނީ އެ މުބާރާތުގެ ބޮކްސިންގ އިވެންޓުން ލޯ މެޑަލް ހޯދުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *