ދައްތަގެ ކާމިޔާބީން ހިތްވަރު ހޯދައި އޮލިމްޕިކްސްގައި ސާޖިނާ ފަތައިފި

Advertisement

ދައްތަގެ ކާމިޔާބީން ހިތްވަރު ހޯދައި އޮލިމްޕިކްސްގައި ސާޖިނާ ފަތައިފި

ޢަލީ ޝަހީމް
ޓޯކިޔޯ އޮލިމްޕިކްސްގެ ސްެވިމިން އިވެންޓުގައި ވާދަކުރި ސާޖިނާ

ފެތުމުގައި ދައްތަ އާމިނަތު ސަޖަން ހޯދި ކާމިޔާބީން ހިތްވަރު ހޯދައި މިހާރު ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ސަޖަންގެ ކޮއްކޮ އާއިޝަތު ސާޖިނާ މިއަދު ރާއްޖެ ތަމްސީލްކޮށްފި އެވެ.

އޮލިމްޕިކްސް ކުރިއަށްދާ ޖަޕާނުގެ ޓޯކިޔޯގެ އެކުއާޓިކްސް ސެންޓަރުގައި މިއަދު ސާޖިނާ ވާދަކުރީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގަ އެވެ. މި އިވެންޓުގައި ސާޖިނާއާ އެކު އިތުރު ފަސް ފެތުންތެރިން ވާދަކޮށްފައިވެ އެވެ. މި ބުރުން ސާޖިނާ އަށް ހަ ވަނަ ލިބުނުއިރު އޭނާ އަށް ރޭސް ނިންމާލެވުނީ 1:33.59 ސިކުންތުންނެވެ. މި އިވެންޓުން އެއް ވަނަ ހޯދީ 1:14.82 ސިކުންތުން ރޭސް ނިންމި ހައިޓީ އަށް ނިސްބަތްވާ އެމިލިއޭ ފެއިތު ގްރާންޑް ޕިއޭރާ އެވެ. މި ހީޓްގައި ބައިވެރިވާން ހަމަޖެހިފައިވާ ގިނީ އަށް ނިސްބަތްވާ ފެތުންތެރިޔާ އިވެންޓުގައި ވާދަކޮށްފައެއްނުވެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ އުމުރުން 24 އަހަރުގެ ސާޖިނާ ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އެކުއަޓިކް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ރާއްޖެއަށް މި ފެންވަރުގެ މުބާރާތެއްގައި ފެތުމުގެ ބައިން ލިބުނު ފުރަތަމަ ރިހި މެޑަލް އެވެ. އެ މުބާރާތުގައި ޖުމްލަ ދެ ރިހި މެޑަލާއި އެއް ލޯ މެޑަލް ސާޖިނާ ހޯދި އެވެ.

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާޖިނާ (ކ)، އޭނާގެ ދައްތަ ސަޖަންއާ އެކު. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ސާޖިނާ ބުނީ ފެތުމަށް ޝައުގުވެރިކަން އުފެދުނީ ދައްތަ ސަޖަންގެ ކާމިޔާބު ކެރިއަރު ފެންނަން ފެށުމުން ކަމަށެވެ. ސާޖިނާގެ ދައްތަ ސަޖަން ވަނީ 2012 ވަނަ އަހަރު ލަންޑަނުގައި އޮތް އޮލިމްޕިކްސް އާއި 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮތް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ. ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ވެސް ލިބުނީ ސަޖަން އަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި އެތައް ފަހަރަކު ރާއްޖެ ތަމްސީލުކޮށްފައިވާ ސަޖަން 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގަ އެވެ.

ސާޖިނާއާ އެކު މިފަހަރުގެ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ވާދަކުރަނީ މުބާލް އައްޒާމް އެވެ. މުބާލް ވާދަކުރާނީ 100 މީޓަރުގެ ފްރީސްޓައިލް އިވެންޓުގަ އެވެ. ސާޖިނާ އާއި މުބާލް އަށް އޮލިމްޕިކްސް އިން ފުރުސަތު ލިބުމުގެ ކުރިން އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާނެކަމަށް ރާއްޖޭން ކަނޑައެޅީ ގައުމީ ސްވިމިން ޓީމުގެ އާއިޝަތު ޝައުސަން އާއި އަލީ އިމްއާން އެވެ. އެކަމަކު ދުނިޔޭގެ ފެތުމުގެ ޖަމިއްޔާ ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތުގެ މަތިން ފީނާގެ ޕޮއިންޓް ރޭންކިން އަށް ބަލައިގެން ސާޖިނާ އާއި މުބާލް އަށް ފުރުސަތު ލިބުނީ އެވެ.

ސާޖިނާ އާއި މުބާލް އަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދެ ފެތުންތެރިންނެވެ. މުބާލް އޮސްޓްރޭލިއާގައި ތަމްރީނުތައް ފުރިހަމަކުރާއިރު ސާޖިނާ ތަމްރީނު ހަދަނީ މެލޭޝިއާގަ އެވެ. ފެތުމުގެ ތަމްރީނުތައް ކުރިއަށްގެންދަމުން ސާޖިނާ އަންނަނީ ފިޒިއޮތެރަޕީ އިން ޑިގްރީ އަށް ކިޔަވަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *