ސީޒަން ފެށުމުގެ ކުރިން މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް؟

ބާސެލޯނާގެ އެއް ބާނީ ކަމަށްވާ ޖޯން ގޭމްޕާގެ ހަނދާނީ ތަށްޓަށް މިއަހަރު ކުޅޭ މެޗްގައި ބާސެލޯނާ އިން އިޓަލީގެ ޔުވެންޓަސްއާ ވާދަކުރާ ގޮތަށް ހަމަޖައްސައިފި އެވެ. ކޮންމެ އަހަރެއްގެ ވެސް އޯގަސްޓް މަހު ސީޒަން ފެށުމުގެ ކުރިން ބާސެލޯނާގެ ދަނޑުގައި ކުޅޭ މި މެޗް މި އަހަރު ކުޅން ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. މިއީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމަކަށް އިންތިޒާރުކުރަމުންދާ އެތައް މިލިޔަން ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި ހަބަރެކެވެ.
އެހެންނަމަވެސް މިމެޗަށް މިދެޓީމު ނިކުންނަން ތައްޔާރުވަމުންދާއިރު ލިއޮނެލް މެސީ ބާސެލޯނާއާއެކު އާ އެއްބަސްވުމަކަށް އައިސްފައިވިޔަސް ފީފާގެ ފައިސާއާއި ބެހޭ އުސޫލުތަކުގެ ސަބަބުން މެސީގެ ނަން ޓީމު ލިސްޓުގައި ހިމެނުމަށް އެ ކްލަބަށް ވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ. އެހެންކަމަށް ވުމާއެކު މިމެޗުން އަދި ކީއްކުރަން 2021 ވަނަ އަހަރު ނިމުމުގެ ކުރިންވެސް ބާސާގެ ޖާޒީގައި މެސީ ނުފެނުމަކީ އެކަށީގެންވާކަމެކެވެ. ކޮންމެއަކަސް ބާސާއިން ރޭދުވާ އެއްކޮށްގެން މިހާރު މަސައްކަތް ކުރަމުންދަނީ ތަފާތު އެކި ދިމަދިމާއިން މަސައްކަތްކޮށްގެން މެސީއަށް ޓީމުގައި ޖާގަ ހެދުމަށެވެ. އާސީޒަނަށް މެސީ އާއި އެހެން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަކީވެސް މީގެ ތެރެއިން ކުރެވެމުންދާ މަސައްކަތެކެވެ. އެހެންކަމުން، މި ހުރިހާ މަސައްކަތަކާއެކު މެސީ އާއި ރޮނާލްޑޯ އާ ސީޒަން ފެށުމުގެކުރިން ނޫކޭމްޕުން ދަނޑުމަތިން ބައްދަލުވާނެކަމަށް ބަލަމާ ހިނގާށެވެ.
މެސީގެ ކޮންޓްރެކްޓް އަދި ވާނުވާގައި އޮތް އިރު ރޮނާލްޑޯއާއި ޔުވެންޓަސްގެ ގުޅުންވެސް އަދި ފެންނަން އޮތީ މާ ސާފުކޮށެއްނޫނެވެ. މި ފެށޭ ސީޒަން ނިމޭ ހިސާބުން ކޮންޓްރެކްޓް އާ ނުކޮށްފިނަމަ ރޮނާލްޑޯވެސް ފްރީ އެޖެންޓަކަށް ބަދަލުވާނެއެވެ. އަދި އާސީޒން ފެށުމަށް ތައްޔާރުވަމުންދާއިރު ރޮނާލްޑޯ އާއި އެހެންޓީމުތަކާއި ގުޅުވައިގެން ތަފާތު އަޑުތައް ކޮންމެ ދުވަހަކުހެން އެބައިވޭމެއެވެ. އުމުރުން 36 އަހަރުވިޔަސް ރޮނާލްޑޯ އަށް ކަޅިއަޅައިގެން ތިބި ބޮޑެތި ކްލަބުތައް މިހާރުވެސް ވަކި މަދެއްނޫނެވެ. މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުން ނޫކޭމްޕުގައި އޮންނާނެކަމަށް ބެލެވޭ ދުވަހު އެމެޗުގެ ކުރިން ބާސެލޯނާގެ އަންހެން ޓީމު ޔުވެންޓަސްގެ އަންހެން ޓީމާއި ދެކޮޅަށް ނިކުންނާނެއެވެ. ބާސާގެ އަންހެން ޓީމު ވަނީ ނިމިގެންދިޔަ ސީޒަނުގެ ޗެމްޕިއަންސްލީގުގެ ތަށްޓާއެކު ތިން ތަށި ހޯދާފައެވެ.
މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުން އޮގަސްޓް 8 އަށް ސެޓްވެފައި އޮތްއިރު މިދެކުޅުންތެރިންވެސް އަދި ތިބީ ވަރަށް ފޯމުގައެވެ. ޔޫރޯ 2020 ގައި ދެވަނަ ބުރުން ކެޓިނަމަވެސް ރޮނާލްޑޯ ވަނީ މުބާރާތުގައި ފަސް ގޯލް ޖަހައި ރަންބޫޓް ހޯދާފައެވެ. އަދި ގިނަ ރެކޯޑުތަކެއް ހަދާފައެވެ. އަނެއްކޮޅުން މެސީ ވަނީ ދިގު އިންތިޒާރަކަށްފަހު އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ އުފުލާލާފައެވެ. އަދި މުބާރާތުގެ މޮޅުކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަގޯލްޖެހި ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ. އެހެންކަމުން ޗުއްޓީއަށްފަހު އާސީޒަން ފެށުމުގެ ކުރިން މިދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިގެންދިއުމަކީ މާ ވާދަވެރި މެޗެއް ނޫންނަމަވެސް ފުޓްބޯޅައިގެ ދުނިޔެއަށް އަންނަ އީދަކަށް ނޫނީ ނުވާނެއެވެ.
ޖުމުލަ 11 ބެލެންޑިއޯ މިދެކުޅުންތެރިން ޝެއާ ކުރާއިރު އެންމެ ފަހުން މިދެކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިގެންދިޔައީ ނިމިގެންދިޔަ ސީޒަނުގެ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖްގައި ބާސެލޯނާއާއި ޔުވެންޓަސް ނޫކޭމްޕްގައި ވާދަކުރި މެޗުގައެވެ. މިމެޗު 3- 0ން ޔުވެންޓަސް ކާމިޔާބުކުރިއިރު ރޮނާލްޑޯ ޕެނަލްޓީ ސްޕޮޓުން 2 ގޯލް ޖެހިއެވެ. އޮގަސްޓް 8 ގައި ކުޅެވޭ ގޭމްޕާ ޓްރޮފީ މެޗަކީ ކޮވިޑަށްފަހު ބާސެލޯނާގެ ދަނޑަށް ސަޕޯޓަރުން އެނބުރި އަންނަ މެޗަށް ވާނެއެވެ. ކޮވިޑް ފިޔަވަޅުތައް އަދިވެސް އޮތީތީ އެމެޗަށް ވަންނާނީ ދަނޑުގެ ޖާގައިގެ 20 އިންސައްތަ ކަމަށްވާ ވިއްސަކަށްހާސް މީހުންނެވެ.
ޖޯން ގޭމްޕާ ޓްރޮފީ މެޗްގައި އެންމެ ފަހުން ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓަސް ނިކުތީ 2005 ގައެވެ. 2-2ން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް މޮޅުވި މެޗުގައި ބާސެލޯނާގެ 18 އަހަރުގެ ކުޅުންތެރިއަކު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ލޯނު ޓްރާންސްފާ އެއްގައި ޓިއުރިން އަށް ގެންދަން ޔުވެންޓަސްގެ ކޯޗް ފަބިއޯ ކަޕޭއްލޯ ހުށައެޅިއެވެ. އެ ކުޅުންތެރިއަކީ މިހާރުވެސް އެޓީމުގެ އެންމެ މޮޅުކުޅުންތެރިޔާ ލިއޮނެލް މެސީ އެވެ. ކޮންމެއަކަސް އެ ހުށައެޅުމަށް ބާސާގެ ކޯޗް ފުރެންކް ރައިކާޑް ނޫނެކޭ ބުނެ ޖަވާބު ދިނީ ހިނިގަނޑަކުންނެވެ.
Advertisement


Leave a Reply