އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ނަބާހާ އާއި މުބާލް

Advertisement

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ނަބާހާ އާއި މުބާލް

ޢަލީ ޝަހީމް
ނަބާހާ އާއި މުބާލް ގައުމީ ދިދިއާ ހަވާލުވަނީ. އޮލިމްޕިކްސް ފެށުމުެގ ރަސްމިއްޔާތު އޮންނާނީ މިއަދު. - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޓޯކިޔޯ އޮލިމްޕިކްސް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ބާއްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންގެ ގޮތުގައި ބެޑްމިންޓަންގެ ތަރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު އާއި ސްވިމިން އިވެންޓުގައި ވާދަކުރާ މުބާލް އައްޒާމް ހަމަޖެހިއްޖެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި މި ދެ އެތުލީޓުން ރާއްޖޭގެ ދިދަ އުފުލާނެކަން އިއުލާންކުރީ އިއްޔެ ޓޯކިޔޯގެ އޮލިމްޕިކްސް އެތުލީޓްސް ވިލެޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ނަބާހާ އާއި މުބާލް އަށް ގައުމީ ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ.

މިފަހަރުގެ އޮލިމްޕިކްސްގެ ފެށުމުގެ ރައްމިއްޔާތުގައި ކޮންމެ ގައުމަކުން ދެ ބައިވެރިން ދިދަ އުފުލާނެ އެވެ. ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެތުލީޓެއް ދިދަ އުފުލާގޮތަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ހަމަޖެއްސީ ހަމަހަމަކޮށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. މިއީ އޮލިމްޕިކްސްގެ ތާރީހުގައި ކޮންމެ ގައުމަކުން ދެ އެތުލީޓުން ދިދަ އުފުއްލާލާނެ ފުރަތަމަ ފަހަރެވެ. މިފަހަރުގެ އޮލިމްޕިކްސްގައި 206 ގައުމަކުން ވާދަކުރާނެ އެވެ.

Advertisement

May be an image of 4 people and people standing

ދިދައާ ހަވާލުވުމަށް ފަހު ނަބާހާ އާއި މުބާލް ފޮޓޯއަކަށް ހުއްޓިގެން. މިއީ ދެ ތަރިންނަށް ލިބުނު ބޮޑު ޝަރަފެއް. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ނަބާހާ އާއި މުބާލްގެ އިތުރުން މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާނީ ސްވިމިންގެ އާއިޝަތު ސާޖިނާ އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. މި ހަތަރު އެތުލީޓުންގެ ތެރެއިން 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ސާއިދު ވަނީ ވާދަކޮށްފަ އެވެ. މިއީ ބެޑްމިންޓަންގެ އިވެންޓުން ރާއްޖޭގެ އަންހެން ކުޅުންތެރިއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ސާޖިނާ އަކީ ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލި އާމިނަތު ސަޖަންގެ ކޮއްކޮ އެވެ. ތިން އެތުލީޓުން މިހާރު ޖަޕާނަށް ގޮސްފައިވާއިރު ސާއިދު ޖަޕާނަށް ދާނީ މާދަމާގެ ވަގުތެއްގަ އެވެ.

ސާޖިނާ އާއި މުބާލް އަށް އޮލިމްޕިކްސް އިން ފުރުސަތު ލިބުމުގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރާނެކަމަށް ރާއްޖޭން ކަނޑައެޅީ ގައުމީ ސްވިމިން ޓީމުގެ އާއިޝަތު ޝައުސަން އާއި އަލީ އިމްއާން އެވެ. އެކަމަކު ދުނިޔޭގެ ފެތުމުގެ ޖަމިއްޔާ ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތުގެ މަތިން ފީނާގެ ޕޮއިންޓް ރޭންކިން އަށް ބަލައިގެން ސާޖިނާ އާއި މުބާލް އަށް ފުރުސަތު ލިބުނީ އެވެ. އޮލިމްޕިކްސް ގައި ސާޖިނާ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ވާދަކުރާއިރު މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ.

May be an image of 9 people, people standing and indoor

ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ބެޑްމިންޓަންގައި ވާދަކުރާ ނަބާހާ އޮތީ ދުނިޔޭގެ ރޭންކިންގެ ސިންގަލްސް ބައިން 252 ވަނައިގަ އެވެ. ގޭމްސްގެ ގްރޫޕް ޖީގައި ނަބާހާ ހިމެނޭއިރު އޭނާ ވާދަކުރާނީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އާއި 11 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއާ އެވެ. ރާއްޖެ އަށް ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ނަބާހާ އަށް މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *