އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އިން ސައުދީގައި ކޭމްޕްކުރަނީ
އަންނަ މަހު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވަމުން އަންނަ މާޒިޔާ އަށް، ސައުދީ އަރަބިއާގައި ފެންވަރު ރަނގަޅު ކޭމްޕެއް ކުރިއަށްގެންދިއުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދީފި އެވެ.
ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ ގްރޫޕްގެ އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ކުރި ބިޑް ރާއްޖޭން ވަނީ މިފަހަރު ވެސް ކާމިޔާބުކޮށްފަ އެވެ. މާޒިޔާގެ އިތުރުން ގްރޫޕް ޑީގައި ހިމެނެނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކްލަބް އީގަލްސް ވާދަކުރާ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
ބެންގަލޫރާއި އީގަލްސް ވާދަކުރާ ޕްލޭއޮފް މެޗު ކުޅެން އޭއެފްސީން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ނިންމާފައިވަނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ. މާޒިޔާ އިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބަޝުންދުރާއާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ މެޗުގައި ބައްދަލުކުރާނީ މޯހަން ބަގާންއާ އެވެ. ބެންގަލޫރު ނުވަތަ އީގަލްސްއާ ވާދަކުރާނީ ފަހު މެޗުގަ އެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން އަންނަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ. އޭއެފްސީ ކަޕާއި އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން މިހާރު ވަނީ މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އެކަލަބަށް ގެނެސްފަ އެވެ.
ކޭމްޕް ފުރިހަމަކުރަން މާޒިޔާ ސައުދީ އަރަބިއާ އަށް ފުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ކްލަބް އަނބުރާ މާލެ އަންނާނީ ތިން ހަފްތާއެއްހާ ދުވަހު ސައުދީގެ ފެންވަރު ރަނގަޅު ވަސީލަތްތަކުގައި ޓްރެއިނިން ފުރިހަމަކުރުމަށް ފަހު އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
Advertisement
Leave a Reply